Roadha Mihaaru
ދެ ހުށަހެޅުމުގައި މެމްބަރުން ސޮއިކުރި ސަބަބު ހޯދަނީ

ބޮޑު ދެ ހުށަހެޅުމުގައި ޕީޕީއެމް މެމްބަރުން ސޮއިކުރި ސަބަބު ހޯދަނީ

24 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ޕީޕީއެމްގެ މެމްބަރުން ސޮއިކުރެއްވި ސަބަބު ހޯދުމުގެ މަސައްކަތް އެ ޕާޓީން މިއަދު ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ޕީޕީއެމްގެ މެމްބަރުން ސޮއިކުރެއްވި ސަބަބު ހޯދުމުގެ މަސައްކަތް އެ ޕާޓީން މިއަދު ފަށައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް މިއަދު ހުށަހެޅީ 51 މެމްބަރުންގެ ސޮޔާ އެކު އެވެ. އަދި ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވީ 49 މެމްބަރެކެވެ. އެގޮތުން މަސީހު ވަކި ކުރަން ޕީޕީއެމް/އެމްޑީއޭގެ 14 މެމްބަރުން ސޮއި ކުރެއްވި އެވެ. އަދި ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ޕީޕީއެމްގެ 13 މެމްބަރުން ވަނީ ސޮއި ކުރައްވައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން "މިހާރު" އަށް މިއަދު ވިދާޅުވީ ދެ ހުށަހެޅުމުގައި ޕީޕީއެމްގެ މެމްބަރުންތަކެއް ސޮއި ކުރެއްވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ދެ ހުށަހެޅުމުގައި މެމްބަރުން ސޮއިކުރެއްވި ސަބަބު އެނގިވަޑައިގެންފައި ނުވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑު ވަކިވަކިން އެ މެމްބަރުންނަށް ގުޅައިގެން އޮޅުން ފިލުވުމުގެ މަސައްކަތް އެބަ ކުރަން. އޭގެ ފަހުގައި އެހެން މަސައްކަތެއް ޕާޓީން ކުރާނީ." ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި، މެމްބަރުން އަމަލު ކުރައްވާ ގޮތަކުން، އެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅެނީ ސުލޫކީ ކޮމިޓީއަށެވެ. އެކަމަކު، އެކަން ކުރެވޭނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމަކަށް ހުށަހަޅައިގެން، އެކަން ކުރަން ފާސްވެއްޖެނަމަ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"ބައްދަލުވުން ވަރަށް އަވަހަށް ބާއްވަން މަސައްކަތް ކުރަމުން މިދަނީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ވެއްދި ދެ ހުށަހެޅުމުގައި ސޮއިކުރެއްވި އެއްވެސް މެމްބަރަކު ޕީޕީއެމުން ވަކިވެފައިވާ ކަން ޕާޓީއަށް އަންގާފައި ނުވާ ކަމަށެވެ. އަދި އެއްވެސް މެމްބަރަކާ މެދު ފިޔަވަޅު އަޅާނަމަ، އެ ކަން ކުރާނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއި ނުކުރައްވަނީ، މަސީހުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ދާންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު އައްސަދާއި މަނަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އުމަރު ހުސެއިނެވެ. އަދި ބާކީ ތިއްބެވި ހުރިހާ މެމްބަރުން ވަނީ ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ވެސް ސޮއި ކުރައްވައިފަ އެވެ.

އެގޮތުން، މަސީހް ވަކި ކުރަން ފެންނަ ކަމަށް ސޮއި ކުރެއްވީ އައްސަދާއި އުމަރުގެ އިތުރުން ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ ހުސެއިން މުހައްމަދު ލަތީފާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ އާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކެވެ.