Roadha Mihaaru
ހަ ހަފުތާ ފަހުން މަޖިލީހުގެ ޖަލްސާއެއް އާދިއްތަ ދުވަހު

ހަ ހަފުތާގެ މެދުކެނޑުމަކަށް ފަހު މަޖިލީހުގެ ޖަލްސާއެއް އާދިއްތަ ދުވަހު

24 އެޕްރީލް 2018

ހަ ހަފުތާގެ މެދުކެނޑުމަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހަ ހަފުތާގެ މެދުކެނޑުމަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ މެމްބަރުން ވިދާޅުވީ އާދިއްތަ ދުވަހު ޖަލްސާއެއް އޮންނާނެކަން އެންގެވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކަމަށެވެ.

ޕީޕީއެމްގެ ހުރިހާ މެމްބަރުން މާލޭގައި ތިއްބެވުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ވައިބާގައި ނިހާން އެދިވަޑައިގެންނެވި ނަމަވެސް، މި ޖަލްސާގެ އެޖެންޑާއެއް ވިދާޅެއް ނުވެ އެވެ.

ޕީޕީއެމް މެމްބަރުން ވިދާޅުވީ ޖަލްސާގެ އެޖެންޑާގައި އޮތް ކަމެއް އެ މެމްބަރުންނާ މިހާތަނަށް ހިއްސާ ކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުންތައް އިންތިހާ އަށް އެބައޮތް ކަމަށެވެ.

މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއް މީގެކުރިން ޗެމްބަރުގައި އިހްތިޖާޖް ކުރައްވަނީ.

މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއް މީގެކުރިން ޗެމްބަރުގައި އިހްތިޖާޖް ކުރައްވަނީ.

"ކަންބޮޑު ވަނީ ކޮން ކަމެއް ކަން އެޖެންޑާގައި ނެތީމަ. މިއީ ޖަލްސާ ފެށުމުގެ ކުރިން ހާމަކުރަން ޖެހޭ މައުލޫމާތުތަކެއް ކަމަށް ދެކެނީ. ކުރިއަށް އޮތް ދުވަސްތަކުގައި، އެ ކަން ކުރާނެ ކަމަށް އުންމީދު ކުރަނީ. އެކަމަކު، ޕީޕީއެމުން ފާސްކުރާނީ ރައްޔިތުންނަށް ފައިދާ ހުރި ކަން،" މެމްބަރަކު ވިދާޅުވި އެވެ.

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިދިޔަ މަހުގެ 14 ގަ އެވެ. އޭގެ ފަހުން، މިއަދާ ހަމައަށް ޖަލްސާއެއް ނުބާއްވައި ގިނަ ދުވަސްތަކެއް ވަނީ ފާއިތުވެގެން ގޮސްފަ އެވެ. ނަމަވެސް، މަޖިލީހުގެ ކޮމެޓީތަކުގެ ބައްދަލުވުންތައް ދޭތެރެދޭތެރެއިން މަޖިލީހުގައި ކުރިއަށް ގެންދެ އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިދިޔަ ފެބްރުއަރީ މަހު ފެށި ފަހުން، މިހާތަނަށް ބޭއްވީ އެންމެ 10 ޖަލްސާ އެވެ. އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މި މަހުގެ ނިޔަލަށް ފުރަތަމަ ދައުރު ނިމި، މެމްބަރުންނަށް އެެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބިވަޑައިގަންނަވާނެ އެވެ. ގަވާއިދު ބުނާ ގޮތުން، ހަފުތާއަކު ތިން ދުވަހު (ހޯމަ، އަންގާރަ، ބުދަ) ޖަލްސާ ބާއްވަން ޖެހެ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މަޖިލީހުގެ ޖަލްސާތަކުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުގެ ޒިންމާ ނަގަން ޖެހޭނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ޕީޕީއެމުންނެވެ. އެއީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެވަޑައިގެން ހުންނެވީ މަސީހު ކަމަށް ވާތީ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެކަމަކު، ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ ޖަލްސާތައް ނުފެށިގެން އުޅެނީ އިދިކޮޅު މެމްބަރުންގެ ބައިވެރިވުމާ އެކު، ފާސް ކުރަން ޖެހޭ ބިލްތަކެއް ހުރުމުން ކަމަށެވެ.