Roadha Mihaaru

ދަޅުމަހުގެ އެކްސްޕޯޓު 57 ޕަސެންޓު ދަށަށް

ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓު ކުރި މަހުގެ ބާވަތްތަކުގެ އަދަދު މިދިޔަ އަހަރު 57 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.

ދަޅުމަހުގެ އެކްސްޕޯޓު 57 ޕަސެންޓު ދަށަށް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

12 ޖެނުއަރީ 2025

ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓު ކުރި މަހުގެ ބާވަތްތަކުގެ އަދަދު މިދިޔަ އަހަރު 57 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެކްސްޕޯޓު ކުރީ 4،800 މެޓްރިކް ޓަނުގެ ދަޅުމަހެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ވަނީ 11،100 މެޓްރިކް ޓަނުގެ ދަޅުމަސް އެކްސްޕޯޓުކޮށްފަ އެވެ.

ދަޅު މަހުގެ އެކްސްޕޯޓު ދަށަށް ދިޔަ އިރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓު ކުރަމުން ދިޔަ އެންސިސް އިން ވަނީ މަސް ފެކްޓްރީ ބަންދުކޮށް، މަސް ގަތުން ހުއްޓާލައިފަ އެވެ. އެއީ ދަޅު މަހުގެ އެކްސްޕޯޓު ދަށްވި އެއް ސަބަބު ކަމަށް ބެލެވެ އެވެ.

މިދިޔަ އަހަރު ޖުމްލަ އެކްސްޕޯޓު ވެސް ވަނީ ވައޭގެ ކުރީ އަހަރަށް ވުރެ 48 ޕަސެންޓު ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 36،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައި ވާއިރު އެ މުއްދަތުގައި 2023 ވަނަ އަހަރު 69،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓު ކުރި އެވެ.

މިދިޔަ އަހަރު އެކްސްޕޯޓު ކުރި މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯޓުކުރީ ގަނޑުކުރި މަހާއި ފިނިކުރި މަހެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ބާވަތުގެ 29،000 މެޓްރިކް ޓަނު މަސް އެކްސްޕޯޓު ކުރި އެވެ.

މިދިޔަ އަހަރު އެންމެ ގިނަ އަދަދެއް އެކްސްޕޯޓުކުރީ ފެބްރުއަރީ މަހު އެވެ. އެ މަހު ވަނީ 6،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓު ކޮށްފަ އެވެ. އެންމެ މަދުން އެކްސްޕޯޓު ކުރި ޖުލައި މަހު ވަނީ 1،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފަ އެވެ.

މަހުގެ އެކްސްޕޯޓު މިދިޔަ އަހަރު މިހާ ބޮޑަށް ދަށްވި ނަމަވެސް 2023 ވަނަ އަހަރު 78،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކުރި އެވެ.