Roadha Mihaaru
މޮރިޝަސްގައި ރާއްޖޭގެ މަސްދަޅު ބަންދުކުރަން ފަށަނީ

މޮރިޝަސްގައި ރާއްޖޭގެ މަސްދަޅު ބަންދުކުރަން ފަށަނީ

10 ޑިސެމްބަރ 2021

މޮރިޝަސްގައި ރާއްޖޭގެ މަސްދަޅު ބަންދުކުރަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޮރިޝަސްގައި ރާއްޖޭގެ މަސްދަޅު ބަންދުކުރަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޔޫރަޕަށް ރާއްޖެ އިން ބޭރުކުރާ މަހަށް 24 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ޖެހޭތީ، ރާއްޖޭގެ މަސް ޔޫރަޕްގައި ވިއްކަން ޖެހެނީ ވަރަށް އަގު ބޮޑުކޮށް ކަމަށެވެ. އެކަމަކު، މޮރިޝަސް ފަދަ ގައުމުތަކުން ޑިއުޓީއަކާ ނުލައި ޔޫރަޕަށް މަސް އެތެރެ ކުރެވޭތީ އެ ގައުމުން ބާނާ މަސް ޔޫރަޕްގެ ގިނަ ގައުމުތަކުން ގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަބަބާ ހުރެ ރާއްޖެ އިން ބާނާ މަހުގެ ބައެއް މޮރިޝަސްގައި ބަންދުކޮށް، ޔޫރަޕަށް ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އުޅެނީ މޮރިޝަސްއަށް މަސް ގެންގޮސް އެ ކޮޅުގައި ޕެކް ކުރަން،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވިގޮތުގައި، މިކަމުގެ ތެރެއިން އާ ބްރޭންޑްތައް ތައާރަފުކޮށް، ޔޫރަޕަށް ދިވެހި މަސްދަޅާއި ޕެކް ކޮށްފައިވާ އެ ނޫން ބާވަތްތައް ވެސް އެކްސްޕޯޓު ކުރަން މަސައްކަތް ކުރެ އެވެ. އޭނާ ވިދާޅުވީ، މި މަހު ނޫނީ އަންނަ މަހު އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، އެކަން އެގޮތަށް ކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި މަސްދަޅު ޕްރޮސެސް ކުރަން މަސް ނެގުމަށް ފަހު، ބާކީވާ ބައި ފޮނުވަނީ ތައިލެންޑަށެވެ. މޮރިޝަސްއާ އެކު އެއްބަސްވުމަށް ފަހު، ރާއްޖޭގައި މަސްދަޅު ޕެކް ކުރުމަށް ފަހު ބާކީވާ ބައި ދެން ފޮނުވާނީ ތައިލެންޑުގެ ބަދަލުގައި އެ ގައުމަށެވެ. މިއީ ވަގުތީ ހައްލެއް ކަމަށާއި މަހުން އެންމެ ފުރިހަމަ މަންފާއެއް ލިބެން ފަށާނީ ރާއްޖޭގައި ބޮޑު ފެކްޓަރީއެއް އަޅައި އެ ތަނުން މަސް ޕްރޮސެސް ކުރަން ފެށުމުން ކަމަށް އަމްރު ވިދާޅުވި އެވެ.

އެސްޓީއޯގެ ދަށުން ހިންގާ މިފްކޯ އިން ރާއްޖޭގައި މަސްދަޅު ބަންދު ކުރަނީ ފެލިވަރުގަ އެވެ. މޮރިޝަސްގައި މަސްދަޅު ބަންދު ކުރަން ފެށުމުން އެ ކުންފުންޏަށް މިހާރަށް ވުރެ ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.