Roadha Mihaaru

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތުގެ ފެންވަރު ދަށްވެ، އާންމުންގެ އިތުބާރު ކުޑަ: އޮޑިޓް ރިޕޯޓް

ޓްރާންސްޕޯޓް މިނިސްޓްރީން އާންމުންނަށް ދޭ ހިދުމަތްތައް ލަސް ކަމަށާއި އޭގެ ސަބަބުން ހިދުމަތުގެ ފެންވަރު ދަށްވެ، އާންމުން އެ މިނިސްޓްރީ އަށް ކުރާ އިތުބާރު ކުޑަކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުގެ 2021-2022 ގެ އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.

ޓްރާންސްޕޯޓްގެ ހިދުމަތުގެ ފެންވަރު ދަށް: އޮޑިޓް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

18 ޖެނުއަރީ 2025

ޓްރާންސްޕޯޓް މިނިސްޓްރީން އާންމުންނަށް ދޭ ހިދުމަތްތައް ލަސް ކަމަށާއި އޭގެ ސަބަބުން ހިދުމަތުގެ ފެންވަރު ދަށްވެ، އާންމުން އެ މިނިސްޓްރީ އަށް ކުރާ އިތުބާރު ކުޑަކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުގެ 2021-2022 ގެ އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.

އެއީ ސެޕްޓެމްބަރު 2021 އާއި އޮގަސްޓް 2022 އާ ހަމައަށް އެ މިނިސްޓްރީން ދީފައިވާ ހިދުމަތްތަކާ ގުޅޭ ގޮތުން ހަދާފައިވާ އޮޑިޓެކެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހަށް އެ މުއްދަތުގެ ތެރޭގައި ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި އެއްގަމާއި ކަނޑުއުޅަނދުފަހަރުގެ ރަޖިސްޓްރޭޝަނަށް ބޭނުންކުރާ "މެޓްރިސް" ސިސްޓަމުގައި ކޮންޓްރޯލް މައްސަލަތައް ހުރުމުން، އެ ސިސްޓަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައި ވުުން ހިމެނެ އެވެ. އޭގެ ސަބަބުން ގަވާއިދާ ހިލާފަށް އުޅަނދު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ބޮޑު ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އެ ރިޕޯޓުގައިވާ ގޮތުން ހިދުމަތް ދިނުމުގައި އިންޓަގްރޭޓް ކޮށްފައިވާ ގިނަ ސިސްޓަމްތަކެއް ބޭނުންކުރަން ޖެހުމުގެ ސަބަބުން ސިސްޓަމްގެ ބޭރުންނާއި މެނުއަލްކޮށް ކުރަންޖެހޭ މަސައްކަތްތައް ގިނަވެ، ހިދުމަތް ދިނުމަށް ނަގާ ވަގުތު އިތުރުވެ އެވެ.

"ސިސްޓަމްތައް ޒަމާނީ ޓެކްނޮލޮޖީ އަށް ފައްތަން ކޮށްފައިވާ މަސައްކަތުން، އަހަރުތަކަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލަތަަކަށް ހައްލެއް ލިބިފައި ނުވުން. އެގޮތުން މިނިސްޓްރީން ފޯރުކޮށްދޭ ކަނޑު އުޅަނދުފަހަރާ ގުޅޭ ހިދުމަތްތަކަށް ހާއްސަ ކޮށްގެން ފަރުމާކުރަން ފެށި ޓޭވީސް ސިސްޓަމް ބޭނުންކޮށްފައި ނުވުމާއި ހިދުމަތްތައް އެއް ސިސްޓަމެއްގެ ދަށަށް ގެނައުމަށްޓަކައި ތައާރަފުކުރި ސިމްސް ސިސްޓަމުން އިންޓަގްރޭޓެޑް ހައްލެއް ލިބިފައި ނުވުން،" މައްސަލައެއްގެ ގޮތުގައި އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރަން 2023 ގައި ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ހަފުލާއެއްގައި އޭރުގެ މިނިސްޓަރު އާއިޝަތު ނަހުލާ އާއި ބައެއް މުވައްޒަފުން.

އަންހެނުންގެ ދުވަސް ފާހަގަކުރަން 2023 ގައި ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ހަފުލާއެއްގައި އޭރުގެ މިނިސްޓަރު އާއިޝަތު ނަހުލާ އާއި ބައެއް މުވައްޒަފުން.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ، ޓްރާންސްޕޯޓު މިނިސްޓްރީގައި އައިޓީ ސިސްޓަމް ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް ވެސް ނެތް ކަމަށެވެ. އަދި އައިޓީ ސިސްޓަމްތައް ހަރުދަނާ ކުރުމަށް މިނިސްޓްރީން ތަންފީޒު ކުރާނެ ދުރުރާސްތާ ޕްލޭނެއް ވެސް ހަދާފައި ނެތް ކަމަށް ބުންޏެވެ.

އޮޑިޓު އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ބުނީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ފިޔަވައި އެހެނިހެން ހިދުމަތްތަކާ ގުޅިގެން ފޯރުކޮށްދީފައިވާ ހިދުމަތްތަކުގެ ތެރެއިން 25،347 އެޕްލިކޭޝަން މީޑިއަމް އެވްރެެޖްކޮށް، 49 ޕަސެންޓް އެޕްލިކޭޝަން ސާވިސް ޗާޓުގައިވާ ހިދުމަތަށް ވުރެ އެ މުއްދަތުގައި ލަސް ކަމަށެވެ. އަދި ކަނޑުދަތުރުފަތުރުގެ ހިދުމަތްތަކުގެ 6،587 އެޕްލިކޭޝަނުގެ ތެރެއިން 43 ޕަސެންޓް ހިދުމަތް ލަސް ކަމަށް ވެސް ބުންޏެވެ.

އޮޑިޓުން ފާހަގަވި އެއް ކަމަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާތައް ގިނަ ކަމެވެ. ޝަކުވާތަކާއި މައްސަލަތައް ފޯނު ކޯލާއި އީމެއިލް މެދުވެރިކޮށް ހިއްސާ ކުރެވޭނެ ގޮތެއް އޮތަސް، ކޯލް ސެންޓަރު ހިންގާނެ ވަކި އުސޫލެއް ނެތެވެ. އީމެއިލްތަކުން ވެސް ހައްލު ލިބުނުކަން ޔަގީނެއް ނުވެ އެވެ.

މުވައްޒަފުންނަށް އެންގުމަކާ ނުލައި އެ މީހުންގެ މަސްއޫލިއްޔަތުތައް އެހެން މީހުންނާ ހަވާލުކުރުމާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަން ތަމްރީނު ޕްރޮގްރާމުތައް ހިންގާފައި ނުވާކަން ވެސް އޮޑިޓު ރިޕޯޓުން އެނގެ އެވެ.

"ހިދުމަތް ފޯރުކޮށްދިނުމުގެ ސާވިސް ޗާޓްތައް 2022 ގައި އާންމުކޮށްފައިވީ ނަމަވެސް ހިދުމަތްތައް ފޯރުކޮށްދެނީ ސާވިސް ޗާޓާ އެއްގޮތަށްތޯ ބެލުމަށް އެސެސްމަންޓެއް ހަދައި، ހިދުމަތް ދިނުމަށް ލަސްވެފައިވާ އެޕްލިކޭޝަންތައް ދެނެގަނެ ހިދުމަތުގެ ދުވެލި އަވަސްކުރުމަށް ފިޔަަވަޅު އަޅަފައި ނުވުމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ދަށްވެ، އާންމު ރައްޔިތުން މިނިސްޓްރީ އަށް ކުރާ އިތުބާރު ކުޑަވުން،" އޮޑިޓް ރިޕޯޓުގައި ވެ އެވެ.

އެ މައްސަލަތަކާ ގުޅިގެން އޮޑިޓަ ޖެނެރަލްގެ އޮފީހުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިންގުމަށް އިސްލާހު ގެނައުމަށް ލަފާތަކެއް ދީފަ އެވެ. އޭގެ ތެރޭގައި އައިޓީ ސިސްޓަމްތައް ބަލަހައްޓާނެ ގޮތުގެ ދުރުރާސްތާ ޕްލޭނެއް އެކުލަވާލައި ހިދުމަތް ފޯރުކޮށްދިނުމުގައި ފާހަގަކުރެވޭ ގޮންޖެހުންތަކަށް ހައްލު ކުރެވޭނެ ގޮތަށް ވީ އެންމެ އަވަހަކަށް ސިސްޓަމްތައް ގާއިމުކުރުން ހިމެނެ އެވެ.

ސިސްޓަމަށް ބަދަލު ގެނައުމުގެ ޒިންމާ ނަގާ މުވައްޒަފާއި ގެންނަ ހުރިހާ ބަދަލުތަކެއްގެ ތަފްސީލު ސިސްޓަމުން ފެންނާނެ ގޮތެއް ހަމަޖެއްސުމުގެ އިތުރުން މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތާއި ޒިންމާތަކާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުންނަށް ސިސްޓަމަށް އެކްސެސް ދިނުމަށް ވެސް އޮޑިޓަ ޖެނެރަލް ލަފާ ދެއްވި އެވެ.

ސިސްޓަމްގެ ލޮގްތައް ގަވާއިދުން ރިވިއުކޮށް، މޮނިޓާ ކުރުމަށް ވެސް އޮޑިޓާ ޖެނަރަލްގެ އޮފީހުން ޓްރާންސްޕޯޓު މިނިސްޓްރީ އަށް ދިން ލަފާގައި ވެ އެވެ.