Roadha Mihaaru

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ވެއިޓްލިސްޓުގައި 22 ކުދިން

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މި ވަގުތު 22 ކުއްޖަކު ވެއިޓްލިސްޓްގައި އެބަތިބި ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ބޯންމެރޯ ހަދަން ވެއިޓްލިސްޓުގައި 22 ކުދިން
އާސިމާ ނިޒާރު
އާސިމާ ނިޒާރު

19 ޖެނުއަރީ 2025

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މި ވަގުތު 22 ކުއްޖަކު ވެއިޓްލިސްޓްގައި އެބަތިބި ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މިދިޔަ އަހަރު 14 ކުދިން ރާއްޖެއިން ބޭރަށް ދިޔަ ކަމަށެވެ. ހަތް ކުއްޖަކު ޓްރާންސްޕްލާންޓް ނިންމިއިރު މި ވަގުތު ވެސް ފަރުވާއަށް ރާއްޖެއިން ބޭރުގައި ހަތް ކުދިން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ ހަ ކުއްޖަކު ބޯންމެރޯ ނިންމުމަށްފަހު ރާއްޖެ އައިސްފައިވާ ކަމަށެވެ. އެއް ކުއްޖަކު ވަނީ ނިޔާވެފަ އެވެ.

ބޭރުގައި ތިބި ކުދިންގެ ތެރެއިން ތިން ކުއްޖަކު އަންނަ މަހުގެ ރާއްޖެ އަންނާނެ އެވެ. ބާކީތިބި ހަތަރު ކުދިންގެ ފަރުވާ މި ވަގުތު ދަނީ ކުރިއަށެވެ.

އޮފިޝަލް ވިދާޅުވީ ބޯންމެރޯ ހެދުމަށް މި އަހަރު އިތުރު 10 ކުދިން ބޭރަށް ދާނެ ކަމަށެވެ. އޭގެ ތެރެއިން ފަސް ކުދިންގެ ބޯންމެރޯ ސްޕެޝަލިސްޓް ރިވިއު ހެދުމަށް ފަހު އެކަމާ ގުޅިގެން ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ތެލެސީމިއާ ކުދިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހިލޭ ބޯންމެރޯ ހަދައި ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ޒަކާތު ފަންޑުގެ ހަރަދުގައި ކޮންމެ އަހަރަކު 10 ކުއްޖެއްގެ ބޯންމެރޯ ހެދުމަށް އިސްލާމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސޮއިކޮށްފަ އެވެ. އޭގެ ދަށުން ބޯންމެރޯ ހަދަން ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީދޭނެ އެވެ. އެ ލިސްޓުގައި މި ވަގުތު 22 ކުދިން އެބަތިއްބެވެ.