Roadha Mihaaru

ރާއްޖޭން މުމްބާއީއަށް ދިޔަ ފްލައިޓެއްގެ ފާހާނާގައި 3.7 މިލިއަން ރުފިޔާގެ ރަން

ރާއްޖޭން އިންޑިއާގެ މުމްބާއީ އަށް ދިޔަ މަތިންދާބޯޓެއްގެ ފާހާނާގައި ގިނަ އަދަދެއްގެ ރަން ފޮރުވައި، އެ ތަކެތި ވަގަށް އެތެރެކުރަން އުޅުނު އިންޑިއާ މީހަކު މުމްބާއީ އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

ރާއްޖެ-މުމްބާއީ ފްލައިޓެއްގައި 3.7 މިލިއަނުގެ ރަން

ރާއްޖޭން އިންޑިއާގެ މުމްބާއީ އަށް ދިޔަ މަތިންދާބޯޓެއްގެ ފާހާނާގައި ގިނަ އަދަދެއްގެ ރަން ފޮރުވައި، އެ ތަކެތި ވަގަށް އެތެރެކުރަން އުޅުނު އިންޑިއާ މީހަކު މުމްބާއީ އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ މީގެ ތިން ހަފްތާ ކުރިންނެވެ.

އިންޑިއާ ކަސްޓަމްސްގެ އެއާ އިންޓެލިޖެންސް ޔުނިޓް (އޭއައިޔޫ) އިން ބުނި ގޮތުގައި ހައްޔަރުކުރި މީހާ އަކީ ކަރްނާޓަކާގެ، އުމުރުން 24 އަހަރުގެ މީހެއް ކަމަށްވާ އިނާމުލް ހަސަން އެވެ.

އޭއައިޔޫ އިން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ބޯޓު ފާސްކުރި އިރު 2.1 ކްރޯ (3.7 މިލިއަން ދިވެހި ރުފިޔާ) ގެ ރަން ހުރި 13 ޕައުޗް ފެނުނީ މަތިންދާބޯޓުގެ ފާހާނާގެ ލައިޓް ޕެނަލެއްގެ ތެރެއަށް ލާފައި ހުއްޓާ ކަމަށެވެ. ބޯޓު ފާސްކުރަމުން ދިޔަ ވަގުުތު އިނާމުލް ހަސަން ވެސް ވަނީ އެއާޕޯޓް ތެރެއިން ހިފަހައްޓައިފަ އެވެ.

މި ރަންތައް ނަގައި، އެއާޕޯޓުން ބޭރަށް ގެންދިއުމަށް ހަވާލުވެފައިވަނީ އެއާޕޯޓުގެ ސްޓާފުންގެ ބަޔަކާ ކަމަށް ބެލެވޭ ކަމަށް ކަސްޓަމްސްގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. މި ރަންތައް ހުރީ ކޮން އެއާލައިނެއްގެ ފްލައިޓެއްގައި ކަމެއް ބުނެފައެއް ނުވެ އެވެ.

"އިނާމުލް ހަސަން ވަނީ މަތިންދާބޯޓުގެ ފާހާނާ ތެރޭގައި ރަން ފޮރުވި ކަމަށް އެއްބަސްވެފައި،" ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

އޮފިޝަލް ވިދާޅުވެފައިވަނީ އެ މީހާ ރަން ހޯދީ ކޮންތާކުން ކަމާއި އެއީ ކާކަށް ގެންދާ އެއްޗެއްތޯ ދެނެގަތުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

ދާދި ފަހުން އިންޑިއާގެ ޑައިރެކްޓްރޭޓް އޮފް ރެވެނިއު އިންޓެލިޖެންސުން ވަނީ އިންޑިއާއަށް ރަން އެތެރެކުރުމުގައި ބައެއް ފަސިންޖަރުން ބޭނުންކުރާ ގްރޫޕެއް ފަޅާއަރުވާލައިފަ އެވެ. އިންޑިއާއަށް އައުމަށް ފަހު އެމީހުން މަތިންދާބޯޓުގެ ކުނި ވަށިގަނޑަށް ރަންތައް އެޅުމުން އެއާޕޯޓުގެ އެހެން ސްޓާފަކު އެ ނަގައި އެންމެ ފަހުން ގެންގޮސް ހަވާލުކުރަނީ މިކަމުގެ އަޑީގައި ހުންނަ އަންހެނަކާ ކަމަށް އިންޓެލިޖެންސުން ބުނެ އެވެ.