Roadha Mihaaru
ތަށްޓެއް ނުލިބިއްޖެނަމަ އަހަރެން ފެއިލްވީ: ގާޑިއޯލާ

ތަށްޓެއް ނުލިބިއްޖެނަމަ އަހަރެން ފެއިލްވީ: ގާޑިއޯލާ

11 މާޗް 2017

ލަންޑަން (މާޗް 11) - މެންޗެސްޓާ ސިޓީ އަށް ކޯޗުކޮށްދޭ ފުރަތަމަ ސީޒަނުގައި އެ ޓީމަށް ތަށްޓެއް ކާމިޔާބު ނުކޮށްދެވިއްޖެނަމަ އޭނާ ފެއިލްވީ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 11) - މެންޗެސްޓާ ސިޓީ އަށް ކޯޗުކޮށްދޭ ފުރަތަމަ ސީޒަނުގައި އެ ޓީމަށް ތަށްޓެއް ކާމިޔާބު ނުކޮށްދެވިއްޖެނަމަ އޭނާ ފެއިލްވީ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނައިގައި ސިޓީ އޮތްއިރު ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީއާ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ސިޓީ އަންނަނީ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގައި ވާދަކުރަމުންނެވެ. އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މިއަދު ނުކުންނާނީ ރަށުންބޭރުގައި މިޑްލްސްބަރާއާ ދެކޮޅަަށެވެ.

"އަހަރެންނަށް މުބާރާތެއް ކާމިޔާބު ނުކުރެވިއްޖެނަމަ ސިޓީގެ ކޯޗެއްގެ ގޮތުގައި މާ ގިނަ ދުވަހު އަހަރެން ނުހުންނާނެ. އެ ހިސާބުން އަހަރެން ފެއިލްވީ،" މިއަދުގެ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ފުޓްބޯޅައިގައި މިހާރު ޓީމުތަކުގެ ފެންވަރު ދޭހަކޮށްދެނީ ކުޅޭ މޮޅު ކުޅުމަކުން ނޫން ކަމަށެވެ.

"މާ މޮޅަށް ކުޅޭ ޓީމެއްގެ ވާހަކަ އެއްވެސް ބަޔަކު ދައްކަން ބޭނުމެއް ނުވޭ އެ ޓީމުން ތަށްޓެއް ނުހޯދަންޏާ. އެހެންވުމުން މީގެ އޮތް ގޮތަކީ މޮޅަށް ކުޅެގެން ތަށްޓެއް ހޯދުން. އަހަރެން ކުރިން ކޯޗުކޮށްދިން ދެ ޓީމުގައި ގިނަ މުބާރާްތްތަކެއް ކާމިޔާބު ކުރިއިރު އެ ތަޖުރިބާ ކޮށްފިން،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވަނީ ލަނޑެއް ނުޖެހި ސްޓޯކް ސިޓީއާ އެއްވަރުވެފަ އެވެ. މިއަދުގެ މެޗަށް ނުކުންނައިރު ކުރިން މެޗުގައި ގޯސްކޮށްދިޔަ ކަންތައްތައް ތަކުރާރުވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މި މެޗަށް ނުކުންނައިރު ސިޓީ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާގެ ސަބަބުން ފާއިތުވި މެޗުތަކުގައި ޓީމާ ދުރުހުރި ވިންސެންޓް ކޮމްޕެނީ ފިޓްވުމެވެ.

"ކޮމްޕެނީ ޓީމާ ގުޅިއްޖެ. މި މެޗުގައި އޭނާ ފެނުމުގެ ފުރުސަތު ބޮޑު،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އާއި މިޑްލްސްބަރާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 17:15 ގަ އެވެ.