Roadha Mihaaru

ވެލެންސިއާއާ ދެކޮޅަށް ހަސަން ވަހީދު ކުރި ދައުވާ ނާކާމިޔާބު

ވެލެންސިއާގެ ބޯޑުން ހަސަން ވަހީދު (ދޮނާ) ވަކިކޮށްފައިވަނީ އެއްވެސް އަސާސެއް ނެތި ކަމަށް ބުނެ އެ މައްސަލަ ބާތިލު ކުރަން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި އެ ކޯޓުން ގޮތެއް ނިންމާނެ ޖާގައެއް ނެތް ކަމަށް ހުކުމް ކޮށްފި އެވެ.

ވެލެންސިއާއާ ދެކޮޅަށް ހަސަން ކުރި ދައުވާ ނާކާމިޔާބު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

28 ޖެނުއަރީ 2025

ވެލެންސިއާގެ ބޯޑުން ހަސަން ވަހީދު (ދޮނާ) ވަކިކޮށްފައިވަނީ އެއްވެސް އަސާސެއް ނެތި ކަމަށް ބުނެ އެ މައްސަލަ ބާތިލު ކުރަން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި އެ ކޯޓުން ގޮތެއް ނިންމާނެ ޖާގައެއް ނެތް ކަމަށް ހުކުމް ކޮށްފި އެވެ.

އެފްއޭއެމްގެ ކުރީގެ މެއިންޓެނެސް ޑިޕާޓްމެންޓްގެ ހެޑް ހަސަން ވަހީދު ވެލެންސިއާގެ ބޯޑުން ވަކި ކުރި މައްސަލައިގައި އޭނާ އާއި އިތުރު ހަތަރު މީހެއްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވަނީ ޑިސެމްބަރު 11، 2023 ފެށިގެން ވެލެންސިއާގެ ބޯޑުން ހިންގާ ގަވާއިދާ ހިލާފަށް ކަންކަންކޮށްފައިވާ ކަމަށް ބުނެ އެކަންކަން ބާތިލު ކުރުމަށެވެ.

ދައުވާ ކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާ ވެސް ގާތް ގުޅުމެއް އޮންނަ ހަސަން ވަހީދާއި ވެލެންސިއާގެ ނައިބު ރައީސް އަދި އެސިސްޓެން ކޯޗު އިލްމާއު ހުސައިން އިބްރާހިމް (މައު) އާއި ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރުގެ ބޯޑް މެންބަރު ޔޫސުފް ރަމީޒު (ރަމީ) އާއި ބައްސާމާ އާއިލީ ގޮތުން ގާތް ދެ މީހުން ކަމަށްވާ މިސްބާހް މުހައްމަދާއި އަލީ މަމްދޫހް މުހައްމަދެވެ.

ވެލެންސިއާގެ މިހާރުގެ ޗެއާމަން އަބްދުﷲ އަޒްމީން އެ މަގާމަށް އިންތިހާބު ކުރީ ވެސް ޑިސެމްބަރު 11، 2023 ގަ އެވެ. އެ މަގާމަށް ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަދި ފުޓްބޯޅަ ކޮމަންޓޭޓަރު އަޒްމީން އިންތިހާބު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެދިފައިވެ އެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އަޒްމީންގެ އިތުބާރު ނެތް ކަމަށް ޑިސެމްބަރު 26، 2023 ގައި ކްލަބްގެ ބޯޑުން ފާސްކޮށްފައި ވަނިކޮށް ހަމަ އެދުވަހު އޭނާ މަގާމުން އިސްތިއުފާ ވެސް ދިން ކަމަށެވެ.

އެކަމަކު އޭގެ ދެ ދުވަސް ފަހުން ޑިސެމްބަރު 29، 2023 ގައި ވެލެންސިއާގެ އާންމު ޖަލްސާއެއް ބާއްވައިވާ ކަމަށް ބުނެ ލިޔެކިޔުން ތައްޔާރުކޮށް ހަސަން ވަހީދާއި މިސްބާހާއި މަމްދޫހާ ދެކޮޅަށް އަސާސެއް ނެތް ތުހުމަތުތައްކޮށް ބޯޑުން ވަކިކޮށްފައިވާ ކަމަށް ވެސް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި ގާނޫނީ ވަކީލަށް ދޭން ޖެހުނު ހަރަދު ވެލެންސިއާގެ ކިބައިން ނަގައި ދިނުމަށް އެ ދައުވާގައި އެދިފައިވެ އެވެ.

ވެލެންސިއާގެ ޗެއާމަންގެ ގޮތުގައި ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން ބަލައިގެންފައި ވަނީ އަބްދުﷲ އަޒުމީނެވެ.

މައްސަލަ ބެލުމަށް ފަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ސްޕޯޓްސް ކޮމިޝަނާގެ ނިންމެވުން އެ މައްޗަށް އޮތް ކަމެއްގައި ވީ ހިނދު ކޮމިޝަނާ ނިންމާފައިވާ ނިންމުމެއް ނަފީ ކުރުމަށް ވެލެންސިއާގެ މައްޗަށް ދައުވާ ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ޝަރީއަތުން ފާހަގަކޮށްފައި ވަނީ ވެލެންސިއާގެ އަސާސީގަވާއިދާ ހިލާފަށް އެ ކްލަބުން ކޮށްފައިވާ ކަންކަމާ މެދު ފިޔަވަޅު އަޅައި ދިނުމަށް އެންމެ ފުރަތަމަ ހުށަހަޅަން ޖެހޭނީ ސްޕޯޓްސް ކޮމިޝަނާގެ އޮފީހަށްކަން ކުޅިވަރު ގާނޫނުން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.

ސްޕޯޓްސް ކޮމިޝަނާ ނިންމި ގޮތާ މެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން އިސްތިއުނާފު ކުރުމަށް ދެން ހުށަހަޅަން ޖެހޭނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީސް (ސްޕޯޓްސް ކައުންސިލް) އަށް ކަން ވެސް ކުޅިވަރު ގާނޫނުން ސާފުކޮށް އެނގޭ ކަމަށް ޝަރީއަތުން ފާހަގަކޮށްފައިވެ އެވެ. އެކަމަކު މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އެ އިޖުރާއަތްތައް ފުރިހަމަނުކޮށްކަން ހުށަހެޅި ދައުވާއިން އެނގެން އެބައޮތް ކަމަށް ވެސް ސިވިލް ކޯޓުން ފާހަގަކޮށްފައިވެ އެވެ.

ސްޕޯޓްސް ކޮމިޝަނާގެ އޮފީހުގައި ރަޖިސްޓަރީ ކޮށްފައިވާ ވެލެންސިއާގެ ބޯޑް:

- ރައީސް: އަބްދުﷲ އަޒުމީން

- ނައިބު ރައީސް: އިލްމާއު ހުސައިން (މައު)

- ސްޕޯޓްސް ޑައިރެކްޓާ: އިސްމާއީލް އާސިފް (ކުޑަ ހީނާ)

- ބޯޑް މެންބަރު: ޔޫސުފް ރަމީޒު (ރަމީ)

- ބޯޑް މެންބަރު: މުހައްމަދު ރާފިއު (އޯލް ސްޕޯޓްސް ރާއްޕެ)

- ބޯޑް މެންބަރު: ޔޫސުފް އަޒީމް (ޔޫއްޓޭ)

- ބޯޑް މެންބަރު: އަހްމަދު ޝަރީފް (މާޑޭ)

އެހެންވެ މައްސަލަ ބެއްލެވި ގާޒީ އަބްދުއް ނާސިރު ޝަފީގް ފާހަގަކޮށްފައި ވަނީ ހަސަން ވަހީދާއި އެހެން ބައިވެރިން އެ ދައުވާ ހުށަހަޅާފައި ވަނީ މަދަނީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކަމަށް ނުވާތީ ސިވިލް ކޯޓުން އެކަމާ މެދު ގޮތެއް ކަނޑައެޅޭނެ ތަނެއް ނެތް ކަމަށެވެ.

ދައުވާ ހުށަހެޅި ފަރާތްތަކަށް މައްސަލަ ނާކާމިޔާބުވެފައި ވާތީ އެ ފަރާތްތަކުން ގާނޫނީ ވަކީލަށް ކުރި ހަރަދު ވެލެންސިއާއިން ދޭން ނުޖެހޭނެ ކަމަށް ވެސް ކަނޑައަޅުއްވާފައިވެ އެވެ.