ފުޓްބޯޅައިން ގިނަ ތަރިންތަކެއް ނެރުނު އދ. މަހިބަދޫގެ އެންމެ ހާއްސަ ކަމަކީ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސެންޓްރަލް ސްޓައިކަރުން އެ ރަށަށް ނިސްބަތްވުމެވެ. ކުރީގެ ސްޓައިކަރު އަދި ރައްޔިތުންގެ މަޖިލިހުގެ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އަކީ ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާގޮތުގައި، ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް ކުޅުނު "އެންމެ ފައިން" ނަންބަރު ނައިން އެވެ. ޓޮމް ރިޓަޔާ ކުރުމުން ގައުމީ ޓީމުގެ ނުވަ ނަންބަރު ޖާޒީގައި ދެން ނުކުތީ މަހިބަދޫގެ އަސަދުﷲ އަބްދުﷲ އެވެ.
01 ފެބުރުއަރީ 2025
ފުޓްބޯޅައިން ގިނަ ތަރިންތަކެއް ނެރުނު އދ. މަހިބަދޫގެ އެންމެ ހާއްސަ ކަމަކީ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސެންޓްރަލް ސްޓައިކަރުން އެ ރަށަށް ނިސްބަތްވުމެވެ. ކުރީގެ ސްޓައިކަރު އަދި ރައްޔިތުންގެ މަޖިލިހުގެ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އަކީ ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާގޮތުގައި، ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް ކުޅުނު "އެންމެ ފައިން" ނަންބަރު ނައިން އެވެ. ޓޮމް ރިޓަޔާ ކުރުމުން ގައުމީ ޓީމުގެ ނުވަ ނަންބަރު ޖާޒީގައި ދެން ނުކުތީ މަހިބަދޫގެ އަސަދުﷲ އަބްދުﷲ އެވެ.
މި ފަހަރު މަހިބަދޫން މި ނެރުނީ އެންމެ ފަހުން ބޭއްވި ޔޫތު ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑު ހޯދި އައިދު މުހައްމަދު ޖަވީޖެވެ. ޔޫތު ލީގުގެ 16 އަހަރުން ދަށުގެ ތަށި ކްލަބް ވެލެންސިއާ އަށް ހޯދައިދިނުމުގެ ދަތުރުގައި އައިދު ވަނީ 14 ލަނޑު ޖަހައިފަ އެވެ.
ވެލެންސިއާގެ ސީނިއާ ޓީމުގެ ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ) ބުނީ އައިދަކީ ހުނަރުގެ ގޮތުން ޓޮމް އާއި އަސަދުﷲގެ "މިކްސް" އެއް ކަމަށެވެ.
އެކަމަކު އައުޓް ފީލްޑް [ގޯލްކީޕަރުގެ މަގާމު ފިޔަވައި] ދަނޑު ކޮންމެ މަގާމަކަށް ވެސް މޮޅަށް ކުޅެވޭނެ ކަމަށް އޭނާގެ ކޯޗުން ބުނެ އެވެ. ނަމަވެސް އައިދު ކުޅެން ބޭނުން ވަނީ ސްޓައިކަރަކަށެވެ.
"ކުޅެވޭނެ ކޮންމެ މަގާމަކަށް ވެސް. އެކަމަކު އައިދު ބޮޑަށް ކުޅޭ ހިތްވަނީ ސްޓައިކަރަކަށް،" އުމުރުން 15 އަހަރުގެ އައިދު ބުންޏެވެ.
ޔޫތު ލީގުގައި ވެލެންސިއާ ކުޅުނު މެޗެއްގެ ތެރެއިން އައިދު (ކ) ބޯޅަ ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ --- ފޮޓޯ: ޑީވައިއެލް
އައިދުގެ ބައްޕަ މުހައްމަދު ޖަވީޒް ބުނިގޮތުގައި ސްޓައިކަރަކަށް އައިދު ހަދަން "ކޮށައިމަށައި" ފައްކާކުރީ ކުޑަހީނާ އެވެ.
މަހިބަދޫ ސްޕޯޓްސް ކްލަބްގެ އެކަޑަމީ 2015 ގައި އެ ރަށުގައި ފެށުމުން އައިދު ވެސް އެ އެކަޑަމީ އަށް ގެންދަން އޭނާގެ މައިންބަފައިން ނިންމީ ވަރަށް ކުޑައިރުން ފެށިގެން ފުޓްބޯޅަ އަށް އައިދު ޝައުގުވެރިވާތީ އެވެ.
"ހަމަ ވަރަށް ކުޑައިރުން ފެށިގެން ގޭތެރޭގައި ބޯޅަ ހިފައިގެން ޖަހަޖަހާ ހުންނާނީ. އޭނަ 'ގޯލް' އަކަށް ހަދައިގެން އުޅޭނީ އަޅުގަނޑުގެ ކޮޓަރީގެ ދޮރު. ސިޓިން ރޫމްގައި ހުރެގެން ކޮޓަރީގެ ދޮރުން ބޯޅަ ވައްދާލެވުނީމާ އެ ގޯލް ޖެހުނީ،" ހިނިތުންވެފައި ހުރެ ޖަވީޒު ކިޔައި ދިނެވެ.
މަހިބަދޫގައި ހުންނަ އދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަ ހައުސްގެ އުމުރުފުރާތަކުގެ މުބާރާތުގައި އައިދު ކުޅެން ފެށި އެވެ. މާލެ ބަދަލުވުމާ ހަމައަށް ރަށު ސްކޫލްގެ އިންޓަ ހައުސް މުބާރާތުގެ ކޮންމެ އަހަރެއްގައި ވާދަކޮށް ލަނޑު ޖެހުމުގެ ހުނަރު އައިދު ދިޔައީ ދައްކަމުންނެވެ.
ސޯޅަ އަހަރުން ދަށުގެ ގައުމީ ޓީމުގައި އައިދު ކުޅެނީ
ރަށުގައި ހުރެގެން ވެސް ރަސްމީ ސިފައެއްގައި އެކަޑަމީއެއްގައި ތަމްރީނު ހަދަން ފެށުމުން، އައިދުގެ ހުނަރަށް އިތުރު ކުރިއެރުން އަންނަމުން ދިޔަކަން އަމިއްލަ އަށް ވެސް ފާހަގަވި ކަމަށް އޭނާ ބުންޏެވެ.
"އެކަޑަމީގެ ޓްރޭނިން ސްޓާޓް ކުރީމާ ވަރަށް ބައިވަރު އެއްޗެހި ދަސްވާން ފެށި. އަމިއްލަ އަށް ވެސް ފާހަގަވި އައި ބަދަލު،" މަހިބަދޫގެ އެކަޑަމީން 2015 ގައި ތަމްރީނު ހަދަން ފެށި އައިދު ބުންޏެވެ.
ފުޓްބޯޅައިގެ މަސައްކަތެއްގައި މަހިބަދު އަށް، ކުޑަހީނާ ކުރި ދަތުރުގައި އެ ރަށު އެކަޑަމީގައި ޓްރޭނިން ސެޝަންތަކެއް އޭނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔައިރު، އެ ތަނުން އޭނާ އަށް އައިދުގެ ކުޅުން ފާހަގަވި އެވެ.
ޔޫތު ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދި ައިދު، މެޗަކަށް ފަހު މޭން އޮފްދަ މެޗުގެ އެވޯޑާ ހިފަހައްޓާލައިގެން --- ފޮޓޯ: ޑީވައިއެލް
"ޓޮމް އަކީ ނެޗުރަލް ޓެލެންޓެއް. އަސަދުﷲ އަކީ ހާޑްވޯކިން. އެ ދެ ސިފަ ވެސް އައިދުގެ ކިބައިގައި އެބަހުރި. ފަރުވާތެރިކަމާ އެކު ޑިވެލޮޕްމެންޓްގައި ކުރިއަށް ދާން ޖެހޭނީ،" ތަޖުރިބާއާ އެކު، ކުޑަހީނާ ބުންޏެވެ.
ވެލެންސިއާގެ ޓީމަށް އައިދު ގެންދަން ހީނާ އެދުނީ އެ ކްލަބުގެ ޒުވާން ޓީމަށް ސެންޓަ ފޯވާޑެއްގެ ބޭނުން ޖެހިފައި ވުމުންނެވެ. އޭނާ އިހުތިޔާރު ކުރީ އައިދު އެ މަގާމަށް ގެންދިއުމަށެވެ. މަހިބަދޫގައި ކިޔަވަމުން ދިޔަ އައިދުއާ އެކ، ޖަވީޒުގެ ދެމަފިރިން މާލެ އަށް ދިރިއުޅުން ބަދަލުކުރީ ފުޓްބޯޅައިގެ އެންމެ ފަހި ފުރުސަތުތައް ދަރިފުޅަށް އަށް ހޯދައި ދިނުމުގެ ގޮތުންނެވެ.
"އެއްދުވަހު ތުއްތު [ކުޑަހީނާ] ގުޅާފަ ބުނެފި ތިމަންނަމެން މި އުޅެނީ ވެލެންސިއާގެ ޒުވާން ޓީމުން އެހެން ކުޅުންތެރިޔަކު، ކްލަބް ބަދަލުކުރާތީ ސްޓައިކަރެއް ބޭނުން ވެގެންނޭ. އައިދު ގެންނަންވީ ނޫންހޭ. ތިމަންނަ އަށް ފެނެޔޭ އައިދު އެ މަގާމަށް ފިޓްކޮށްލެވޭނެތަން،" އައިދު މާލެ އަށް ބަދަލުކުރަން ނިންމި ސަބަބު ކިޔައިދެމުން ޖަވީޒު ބުންޏެވެ.
"ދެން އަންޑަ ސިކްސްޓީންގެ ނެޝަނަލް ޓީމަށް ޓްރަޔަލް އަށް ހުޅުވާލީމާ ވެސް ތުއްތު ބުނެފި އައިދު ގޮވައިގެން މާލެ އަންނައްޗޭ. [ސޯޅަ އަހަރުން ދަށުގެ] ގައުމީ ޓީމަށް ސެލެކްޓް ވީމަ ދެން ނިންމައިފިން އައިދު މާލެ އަށް އެއްކޮށް ދިރިއުޅުން ބަދަލުކުރަން."
ސޯޅަ އަހަރުންދަށުގެ ގައުމީ ޓީމުގައި އައިދު
ޔޫތު ލީގަކީ އައިދުގެ ކުޅުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް މުބާރާތެވެ. ލީގުގެ ހަތް މެޗުގައި 14 ލަނޑު ޖަހަން އައިދު ކުރީ ބުރަ މަސައްކަތެކެވެ. ޖުމުލަ 14 ގޯލް އޭނާ ހަމަކުރީ އުނދަގޫ ގޯލްތަކެއް ޖަހައިގެންނެވެ.
"ވަރަށް ހިތްހަމަޖެހޭ. ވަރަށް ހާޑު ވޯކް އެއީ،" އައިދު ބުންޏެވެ.
ކުޑަހީނާ ބުނީ އައިދު ޖެހި ލަނޑުތަކަކީ ބައެއް އެހެން ސްޓައިކަރުންނަށް ވެސް ޖަހަން އުނދަގޫވާނެ ލަނޑުތަކެއް ކަމަށެވެ.
"ކޮންމެ ކޮންމެ ފޯވާޑަކަށް ނުވެސް ޖެހޭނެ އޭނާ އެ ޖެހި ކަހަލަ ލަނޑުތަކެއް. ވަރަށް އުނދަގޫ ލަނޑުތަކެއް އޭނާ ޖަހާފައި ހުރީ. އެ އުނދަގޫ ލަނޑުތައް ޖެހުނީމާ އެ ވަރަށް ގޯލް ވެސް އެ ޖެހުނީ. ދަނޑުމަތީގައި ވެސް ވަރަށް މަސައްކަތްކުރާ ކުއްޖެއް އައިދުއަކީ. އެހެންވެ، ކަން ނޭނގޭ އެހާ ބޮޑު ތަފާތެއް އެ އައީ،" ހީނާ ބުންޏެވެ.
ޔޫތު ލީގުގެ ޓޮޕް ސްކޯރާގެ އެވޯޑް ލިބުނަސް، އަދި މިހާހިސާބުން އައިދުގެ މަސައްކަތް ލުއި ވާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. އެ ފެންވަރު އެ އަށް ވުރެ މައްޗަށް ގެންދަން ބުރަ މަސައްކަތްތަކެއް ކުރުމުގެ އަޒުމު އޭނާގެ ކިބައިގައި އެބަހުއްޓެވެ.
އައިދު
ޒުވާން ގައުމީ ޓީމާ އެކު ރާއްޖެ އިން ބޭރަށް ކުރި ދަތުރުތަކުން ގިނަ ކަންތައްތަކެއް އޭނާ ދަސްކޮށްފި އެވެ.
"އޭޝިއަން ޗެމްޕިއަންޝިޕް ކޮލިފައިން އަށް ޗައިނާ އަށް ދިޔަ ދަތުރަކީ ވަރަށް ގިނަ އެއްޗެހި ދަސްވި ދަތުރެއް. ކޮރެއާ އާއި ބަހްރެއިން ޗައިނާ، އެ ޓީމުތަކާ ދެކޮޅަށް ކުޅުނީމާ އެ ޓީމުތަކުން ވަރަށް ގިނަ ކަންކަން ދަސްވި،" އައިދު ބުންޏެވެ.
ފުޓްބޯޅަ އިން ކުރިއަށް ދިއުމުގެ ވިސްނުން ހުރި ނަމަވެސް ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު އޮތް ގޮތުން ފުލްޓައިމްކޮށް ފުޓުބޯޅަ ކުޅެން ހުސްވެގެން ހުރެވޭނެ ގޮތެއް ނެތެވެ. އެހެންވެ، އެހެން ދާއިރާއަކުން ކިޔަވަން ވެސް އައިދުގެ ޝައުގުވެރިކަން އެބަހުއްޓެވެ.
އެކަމަކު ފުޓުބޯޅައާ ވަކިވުމެއް އޭނާގެ ނެތެވެ. ގައުމީ ޓީމަށާއި ރާއްޖެ އަށް ފުޓުބޯޅަ އިން ރީތި ނަން ހޯދައިދިން މަހިބަދޫގެ އެހެން ކުޅުންތެރިން ފަދައިން އެ ޝަރަފު ހޯދުމުގެ އުއްމީދުގެ އައިދުގެ އެބައޮތެވެ. އެ އަމާޒަށް ވާސިލުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމުގެ ހިތްވަރު ވެސް އެބަހުއްޓެވެ. އެ ހިތްވަރު ހޯދައިދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވަނީ އޭނާގެ މަންމަ ސާދުނާ އާދަމް އެވެ.
"މި ހުރިހާ ވެސް އެއްޗަކީ މަންމަ އަދި ބައްޕަގެ ސެކްރިފައިސް،" ނިންމާލަމުން މަންމަ އާއި ބައްޕަ އަށް ހާއްސަ ޝުކުރު، އައިދު އަދާކުރި އެވެ.
ވެޓަރަންސް މެޗުގައި ލެޖެންޑް ޝާހްއަށް ބޮޑު އަނިޔާއެއް
ވެލެންސިއާއާ ދެކޮޅަށް ހަސަން ކުރި ދައުވާ ނާކާމިޔާބު
ވެލެންސިއާއަށް 16އަހަރުންދަށް 14އަހަރުންދަށް ޓީސީއަށް
ކުޅިވަރުގައި ދޮނާގެ ނަން އޮތީ ރަނުން
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ވެލެންސިއާ އެކަޑަމީއާ އެކު ބޮޑުހީނާ އަލުން ކޯޗިން އަށް
ވެލެންސިއާގެ ސިޓީއާއެކު ޓޮމް އެފްއޭއެމްގެ އިންތިހާބަށް
ކޮންގްރެސްގެ ދައުވަތު ވެލެންސިއާ އަށް ނުފޮނުވާ
ބައްސާމަށް ވެލެންސިއާގެ ކޮންޓްރޯލް ގެއްލިއްޖެ
އެފްއޭއެމުން އޭއެފްސީއަށް "ދޮގު" މައުލޫމާތު ދީފި