Roadha Mihaaru

ޑީއާރުޕީން އާމިރަށް ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާގެ މައްސަލަ ވެސް ކުރިއަކަށް ނުގެންދެވުނު

ޑީއާރުޕީ އުވާލިއިރު، އެ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރަށް ދައްކަންޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ޑީއާރުޕީން ދޭންޖެހޭ 4 މިލިއަންގެ މައްސަލަވެސް ނުބެލުނު

ޑީއާރުޕީ އުވާލިއިރު، އެ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރަށް ދައްކަންޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

އާމިރުގެ ދެ ސްޓޫޑިއޯއަކުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޑީއާރުޕީއަށް ފޯރުކޮށްދިން ހިދުމަތްތަކާ ގުޅިގެން އޭނާ އަށް 19 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރިން ހުކުމް ކޮށްފައި ވަނިކޮށް، ހައި ކޯޓުން ނިންމީ އެ ޕާޓީން ދައްކަން ޖެހޭނީ ހަތަރު މިލިއަން ރުފިޔާ ކަމަށެވެ.

އެކަމަކު، ޑީއާރުޕީން ފައިސާ ނުދައްކާ އޮއްވާ 2022 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލައިފަ އެވެ.

ހަތަރު މިލިއަން ރުފިޔާ ހުކުމާ އެއްގޮތަށް ނުދައްކާތީ އެ ހުކުމް ތަންފީޒު ކުރަން އާމިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައި ވަނީ ޑީއާރުޕީގެ ނަމުގައި އެއްވެސް ފައިސާއެއް އަދި މުދަލެއް ނެތް ކަމަށެވެ. ޕާޓީތަކުގެ ގަވާއިދުގެ ދަށުން ޕާޓީތައް އުވާލުމަށް ފަހު، ދަރަންޏަށް ޒިންމާވާން ޖެހޭނީ އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތުގެ ގޮތުގައި ހުރި ފަރާތް ކަމަށް ވިޔަސް، ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގެ ތެރެއިން އެހެން ފަރާތެއް ދަރަންޏަށް ޒިންމާ ކުރުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، އެ މައްސަލާގައި ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެޅޭނެ އިތުރު ފިޔަވަޅެއް ނެތުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ ކަމަށް ހުކުމުގައިވެ އެވެ.

ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގައި 3،000 މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވާލިއިރު އެ ޕާޓީން ގިނަ ފަރާތްތަކަކަށް ފައިސާ ނުދައްކާ ހުއްޓެވެ. ދައުލަތަށް ދައްކަންޖެހޭ 83،000ރ. ގެ މައްސަލަ ވެސް ކުރިއަށް ނުގެންދެވޭ ކަމަށް ސިވިލް ކޯޓުން ދާދި ފަހުން ނިންމި އެވެ.

މީގެ އިތުރުން އެމްޓީސީސީ އަށް އެ ޕާޓީން ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އެ ކުންފުނިން އެދުމުން އެ މައްސަލަ މައުމޫންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.