Roadha Mihaaru

އިހަވަންދޫގައި ހޮސްޕިޓަލް އަޅަން އާރްޑީސީ އާއެކު ސޮއިކޮށްފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމަށް އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

އިހަވަންދޫގައި ހޮސްޕިޓަލް އަޅަން އާރްޑީސީއަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

29 ޖެނުއަރީ 2025

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމަށް އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

ހއ. އަތޮޅުގެ އާބާދީގެ ގޮތުން ދެވަނައަށް އެންމެ ބޮޑު ރަށުގައި އެކަށީގެންވާ ވަރުގެ ހޮސްޕިޓަލެއް ނެތުމުން، ހޮސްޕިޓަލެއް އެޅުމުގެ ވައުދަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ރައީސް ހއ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެންނެވެ.

ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީން ސޮއި ކުރީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެކު އެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމާއި އާރްޑީސީގެ މެނޭޖިންގް ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއި ކުރުމަކީ އެ މަނިކުފާނުގެ ވައުދުތައް ފުއްދެވުމުގެ މަސައްކަތް ފެއްޓެވުން ކަމަށެވެ.

"ހޮސްޕިޓަލުގައި ޑައިލިސިސް ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އެ ދަނީ ވަމުން. އިރާދު ކުރެއްވިއްޔާ މި ރަށުގައި ޑައިލެސިސްގެ ހިދުމަތް ރޯދައިގެ ކުރިން، ފެބްރުއަރީގައި ފެށިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

އިހަވަންދޫގައި ހުންނަ ސިއްހީ މަރުކަޒުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަކީ ކުރީގެ ސަރުކާރުގެ ވައުދެކެވެ.

މިގޮތުން، 2018 ވަނަ އަހަރުން ފެށިގެން އެކަން ކުރުމަށް ތަފާތު އެކި ފަހަރު މަތިން ހޮސްޕިޓަލުގެ ކުރެހުންތައް އާންމުކުރި އެވެ. ހޮސްޕިޓަލް އެޅުމަށް ބޭރުގެ ކުންފުންނެއް ކަމަށްވާ ޑުޕްލެކްސް ޕްރައިވެޓާ ހަވާލުވީ ޖެނުއަރީ 17، 2023ގަ އެވެ.

އެއީ 18 މަސްދުވަސްތެރޭ ނިންމުމަށް ހަވާލުކުރި ޕްރޮޖެކްޓެއް ނަމަވެސް ދައުރު ހަމަވި އިރު ވެސް ހޮސްޕިޓަލް އަޅަން ދިން ބިމުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ.