Roadha Mihaaru

ކޮމާޝަލް ޕްރޮޖެކްޓްތަކަށް އިންޓްރެސްޓް ރޭޓް ކުޑަކޮށް ލޯނު ދޫކުރަނީ

ކޮމާޝަލް ޕްރޮޖެކްޓްތަކަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމާޝަލް ޕްރޮޖެކްޓްތަކަށް އިންޓްރެސްޓް ރޭޓް ކުޑަ ލޯނު
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

28 ޖެނުއަރީ 2025

ކޮމާޝަލް ޕްރޮޖެކްޓްތަކަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފިއްލަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ހއ. އާއި ހދ. އަތޮޅަށް ޓޫރިޒަމްގެ ކަންކަން ފަހިކުރަން ޖެހޭ ކަމަށެވެ.

ފިއްލަދޫގައި ޓޫރިޒަމްގެ ބޭނުމަށް މިހާރު ދޫކޮށްފައިވާ ބިންތައް އިމާރާތްކުރެވޭނެ މަގު ފަހިކޮށްދެއްވާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޮމާޝަލް ޕްރޮޖެކްޓްތަކަށް އިންޓްރެސްޓް ރޭޓް ކުޑަކޮށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށެވެ.

"އެ ތަންތަން ހެދޭނެ ގޮތް ފަހިކޮށްދޭން ސަރުކާރުން ބޭނުންވަަނީ. އާންމުކޮށް ބޭންކިން ނިޒާމުގެ ތެރެއިން ނުލިބޭ ޓާމްސްތަކުގައި، ލޯނު ނަގައިގެން އެ ތަންތަން ހަދަން މިހާރު އޮތް ގޮތަށް ބަލާއިރު ލަސްވާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮމާޝަލް ޕްރޮޖެކްޓްތަކަށް އިންޓްރެސްޓް ރޭޓް ކުޑަ ލޯނު ދޫކުރަން ފިނޭންސް މިނިސްޓަރާ އެކު މަޝްވަރާތައް ނިމި، ދޫކުރުމުގެ މަސައްކަތް ފެށުމާ ގާތަށް ގޮސްފައިވާ ކަމަށެވެ.

އެ ލޯނަކީ ފިއްލަދޫ ފަދަ ރަށްތަކުގައި ޓޫރިޒަމް ތަރައްގީ ކުރަން ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.