Roadha Mihaaru

ރައީސްގެ އެސްޓޯނިއާ ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ރައީސް އޮފީސް މިއަދު ބުނެފި އެވެ.

އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
އިފްރާޒް އަލީ
އިފްރާޒް އަލީ

02 ފެބުރުއަރީ 2025

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ރައީސް އޮފީސް މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 13 އިން 17 އަށް ރައީސް އެސްޓޯނިއާ އަށް ކުރެއްވި އެ ދަތުރުފުޅުގެ ހަރަދުގެ ތަފުސީލު ރައީސް އޮފީހުން މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ދަތުރުފުޅަށް ޖުމްލަ 1،371،069.18ރ. ހަރަދުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުގެ އިސްވެރިން ކުރައްވާ ދަތުރުތަކުގެ ހަރަދާއި ހާސިލްވާ ކަންކަމުގެ ތަފްސީލުތައް ރައީސް އޮފީހުން ކޮންމެ ދަތުރަކަށް ފަހު އާންމުކުރެ އެވެ.

ރައީސް އެސްޓޯނިއާއަށް ވަޑައިގަތަކީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށެވެ.

ރައީސްގެ ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންނާއި ޓާރްޓޫގެ މޭޔަރާއި ތައުލީމީ ދާއިރާގެ މަންދޫބުންނާއި ފާހަގަކޮށްލެވޭ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ އެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވި އެވެ.

އެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މައްޗަށެވެ. އެސްޓޯނިއާގެ ސަރުކާރާއި އެ ގައުމުގެ މުއައްސަސާތަކުން ވަނީ ރާއްޖެއަށް އެއްބާރުލުން ދީ، ރާއްޖެއާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދީފަ އެވެ.

ރައީސްގެ އެ ދަތުރުފުޅުގައި އެސްޓޯނިއާގެ ސަރުކާރާއެކު ތިން އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.

އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ދިވެހި ސަރުކާރާއި އެސްޓޯނިއާގެ ސަރުކާރާ ދެމެދު މައުލޫމާތު ބަދަލުކުރުމާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ސޮއިކުރި އެއްބަސްވުމެކެވެ. ދެވަނަ އެއްބަސްވުން ހެދީ ދެ ގައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމަށެވެ. އަދި، ރާއްޖޭގެ ހޯމް މިނިސްޓްރީ އާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒްއާ ދެމެދުގައި ވެސް އެއްބަސްވުމެއްގައި ސޮއިކުރި އެވެ.

ރައީސް އޮފީހުން ކުރިން ބުނިގޮތުގައި، ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް، މި ދަތުރުފުޅުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިފައިވެ އެވެ.