މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި "އޮޅުހިޔާ" ހެދުމަށް މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުން ހޭދަކުރި ފައިސާ އަނބުރާ ދިނުމަށް ފަހު އެތަނާ ހަވާލުވާން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް މާލޭގެ މޭޔަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
03 ފެބުރުއަރީ 2025
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި "އޮޅުހިޔާ" ހެދުމަށް މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުން ހޭދަކުރި ފައިސާ އަނބުރާ ދިނުމަށް ފަހު އެތަނާ ހަވާލުވާން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް މާލޭގެ މޭޔަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އެތަން ހިންގުން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމައި އެކަން ސިޓީ ކައުންސިލަށް އެންގީ މިދިޔަ ޑިސެމްބަރު މަހުގެ 3 ގަ އެވެ. އެކަމަކު އެތަނަކީ ސިޓީ ކައުންސިލުގެ ބަޖެޓުން ހުރިހާ ހަރަދެއް ކޮށްގެން ހެދި ތަނެކެވެ.
އެކަމާ ގުޅިގެން "މިހާރު"ން ސުވާލުކުރުމުން އާޒިމް ވިދާޅުވީ މިނިސްޓްރީގެ ދަށަށް އެތަން ބަދަލުކުރަން ނިންމިކަން އެންގީ ޑިސެމްބަރު ތިން ވަނަ ދުވަހު ފޮށިތައް ހިފައިގެން ބުޅާތައް ފެސިލިޓީއަށް ބަދަލުކުރަން ނުކުންނަން އުޅެނިކޮށް ކަމަށެވެ.
"މާލޭ ސިޓީ ކައުންސިލާ ހަވާލުކުރެވުނީ ބިން. ބިން ހަވާލުކުރީމަ އަޅުގަނޑުމެން ޑިޒައިންކޮށް ނިންމާފައި އެތަނަށް ބުޅާތައް ގެންދަންވެގެން، ތިނެއް ޑިސެމްބަރުވީ ދުވަހުގެ ހަވީރު 4 ޖަހާއިރު ބުޅާ ގެންދަން ފޮށިތަކާ އެއްޗެހި ހިފައިގެން ނުކުންނަނިކޮށް އަޅުގަނޑުމެންނަށް ލިބުނީ ސިޓީއެއް،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބުޅާ ފެސިލިޓީ ހަދާފައި ވަނީ ސަރުކާރުގެ ބިމެއްގަ އެވެ. އެއްބަސްވުމުގައިވާ ގޮތުން ވެސް ބޭނުން ގަޑިއެއްގައި އެތަން އަތުލުމުގެ ބާރު އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ސަރުކާރުން ވަކި ގޮތެއް ނިންމުމުން އެކަމާ ޖަދަލުކުރަން ބޭނުން ނުވާ ކަމަށެވެ. އެހެންވެ މިނިސްޓްރީއަށް ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވާފައިވާ ކަމަށާއި ކައުންސިލުން އަންގާފައި ވަނީ މިނިސްޓްރީން ބުޅާ ފެސިލިޓީގެ ކަންކަން ކުރިއަށް ގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރަކީ އަބަދުވެސް ކައުންސިލުގެ މަތީގައި އޮންނަ ބައެއް. އަޅުގަނޑުމެން ވެސް އެކަން ގަބޫލުކުރަން ޖެހޭނެ. ސަރުކާރުން ވަކި ގޮތެއް ނިންމީމަ އަޅުގަނޑުމެން ސަރުކާރާ ޖަދަލުކުރާކަށް ނެތިން. މިހާރު ފުލީ ފަންކްޝަނަލް ފެސިލިޓީއެކޭ އެހެރީ އެތަނަށް ދީޔަ ހަރަދެއް ދީފައި އެތަން އެބޭފުޅުން ނަގައިގެން ކުރިއަށް ގެންދާށޭ،" އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ބުޅާ ފެސިލިޓީގެ ކަންކަމާ ވީހާވެސް އަވަހަށް ހަވާލުވުމަށް އެ ސިޓީގައި އަންގާފައިވާނެ ކަމަށެވެ.
ބުޅާ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފެލައިން ވެލްފެއާ އޯގަނައިޒޭޝަންގެ ބޭފުޅުންނާއެކު މޭޔަރު އާދަމް އާޒިމް ފޮޓޯއެއް ނަގާލަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މޭޔަރު ވިދާޅުވި ގޮތުގައި ފެސިލިޓީއަށް ބުޅާ ގެންދަނީ އޭނާތޯ ނުވަތަ މިނިސްޓްރީތޯ މުހިއްމެއް ނޫނެވެ. އޭގެ ބަދަލުގައި މާލޭގެ ރައްޔިތުންނަށް ބޮޑުވެފައިވާ މި މައްސަލަ ހައްލުކުރުމަކީ މާ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަވާލުވެގެން މާލޭގައި މި ހުރި ބުޅާތައް ގެންދާށޭ [މިނިސްޓްރީން]. އަޅުގަނޑަކަށް މެޓާއެއް ނުކުރޭ ބުޅާ ގެންދަނީ އަޅުގަނޑު ކަމެއް ނޫނީ އެމީހުން ކަމެއް،" އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ބުޅާ ފެސިލިޓީއަށް ޑޮކްޓަރުން ހޯދައި ކާތަކެތި ވެސް އޯޑަރު ކޮށްފައިވާ ކަމަށެވެ. އަދި އޭރު ނިންމާފައި އޮތީ މާލޭގައި އުޅޭ 2000-3000 ބުޅާ، ފެސިލިޓީއަށް ގެންގޮސް ނިއުޓާ ކުރުމަށް ކަމަށް މޭޔަރު ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން މި ބުނަނީ މިނިސްޓްރީން އެކަން ކުރާށޭ. ކުރާ ގޮތެއް ވެސް އަންގާށޭ."
އޭނާ ވިދާޅުވީ މާލެއިން ވީއެންމެ އަވަހަކަށް ބުޅާތައް ބަދަލުކުރަންޖެހޭ ކަމަށެވެ. ވިއްސާރަ ވެއްޖެ ނަމަ، ބުޅާ ނަޖިހުގެ ސަބަބުން ހިނގާބިނގާވެ އުޅެން ވެސް ދަތި ކަމަށާއި ބުޅާތަކަށް ލިބޭ އަނިޔާ އިން ވެސް ސަލާމަތްކުރެވޭނީ އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި އޮޅު ހިޔާ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސަރުކާރުން ހުރަސް އެޅުމުން އެކަން ސިޓީ ކައުންސިލަށް ނުކުރެވުނު ކަމަށާއި މިހާރު ވެސް ހުރަސްތައް ނައްތާލައިިފި ނަމަ، ބުޅާތައް ބަދަލުކުރުމުގެ މަސައްކަތް ކައުންސިލަށް ކުރެވޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
މަގުތަކުގައި އުޅޭ ބުޅާތައް "އޮޅުހިޔާ"އަށް ބަދަލުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފެށުމުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން އޭރު ވަނީ އެ ފެސިލިޓީގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަ ނުވާ ކަމަށް ބުނެފަ އެވެ. އެ މަސައްކަތް ވަގުތުން ހުއްޓުވަން ވެސް އެންގި އެވެ.
ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ "އޮޅުހިޔާ" އަށް ބުޅާތައް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ އެސްއޯޕީތަކާއި ޕްލޭންތަކާއި ލަފާތައް އެ މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ހިއްސާ ކޮށްފައިވީ ނަމަވެސް އެ ކަންކަމަށް މިހާތަނަށް އެއްވެސް ހިޔާލެއް ލިބިފައި ނެތް ކަމަށެވެ.
އެހެންވެ، އެ އެސްއޯޕީތަކަށް އަމަލު ނުކޮށް، ފެސިލިޓީއަށް ބުޅާތައް މި ވަގުތު ގެންދަން ފަށައިފި ނަމަ، ބުޅާތަކުގެ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ނުރަނގަޅު އަސަރު ކުރުން އެކަށީގެންވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އޮޅުހިޔާ އަށް ބުޅާތައް ގެންދަން ފަށައިފި
ތިންމަސްފަހުން ބުޅާ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވެއްޖެ
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ބުޅާ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި
ބުޅާތައް އޮޅުހިޔާއަށް އަދި ގެންދާކަށް ނުފެނޭ: މިނިސްޓްރީ
ބުޅާ ފެސިލިޓީއަށް ބައެއް ސާމާނު ހޯދަނީ
ބުޅަލުގެ ކާނާ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ
މަގުމަތީގައި އުޅޭ ބުޅާތަކަށް "އޮޅު ހިޔާ" ހުޅުވައިފި
"ކައުންސިލް ބާރުވެރިކުރުވަން މިދަނީ އަމަލުދިމާކުރަމުން"
ބުޅާ ފެސިލިޓީ އަންނަ މަހު 2 ގައި ހުޅުވަނީ