Roadha Mihaaru
މީދޫ ސިއްހީ މަރުކަޒު ފުރި އެޑްމިޓްކުރާނެ ޖާގަ ނެތިފައި

ހުމާ ހެދި ރ. މީދޫ ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރާނެ ޖާގަ ހުސްވެއްޖެ

11 މާޗް 2017

ރ. މީދޫގައި މިހާރު ފެތުރެމުންދާ ހުން ޖެހިގެން އެޑްމިޓް ކުރާ މީހުންގެ އަދަދު އިތުރުވެ އެ ރަށު ސިއްހީ މަރުކަޒު ފުރިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރ. މީދޫގައި މިހާރު ފެތުރެމުންދާ ހުން ޖެހިގެން އެޑްމިޓް ކުރާ މީހުންގެ އަދަދު އިތުރުވެ އެ ރަށު ސިއްހީ މަރުކަޒު ފުރިއްޖެ އެވެ.

މީދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓޭޓަރު އަލީ ހަމީން ވިދާޅުވީ ހުން ޖެހިގެން ކޮންމެ ދުވަހަކު ވެސް ފަސްދޮޅަހަކަށް މީހުން ޑޮކްޓަރަށް ދައްކާއިރު އޭގެ ތެރެއިން ގިނަ މީހުން އެޑްމިޓް ކުރަން ޖެހޭ ކަމަށެވެ. އެކަމަކު އެތަން ފުރި، އިތުރަށް މީހުން އެޑްމިޓް ކުރާނެ ޖާގަ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދެހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ މީދޫ ސިއްހީ މަރުކަޒުގެ ޖެނެރަލް ވޯޑުގައި ހުންނަނީ ހަ އެނދެވެ. އެ އެނދުތައް ފުރި، މެޓާނިޓީ ވޯޑުގައި ވެސް އިތުރު އެނދު ބަހައްޓާފައިވާއިރު ސިއްހީ މަރުކަޒަށް ވަންނަ ގޯޅިގަނޑުގައި ވެސް ވަނީ އެނދު ބަހައްޓާފަ އެވެ.

"ސިއްހީ މަރުކަޒުގައި އެނދެއް ބެހެއްޓެން ހުރި ކޮންމެ ތާކު މިހާރު ހުންނާނީ އެނދު ބަހައްޓާފައި. ޖުމްލަ 12 އެނދު ބަހައްޓާފައި ހުރި މަރުކަޒު ތެރޭގައި ހިނގާލެވެން ވެސް ދަތި،" ހަމީން ވިދާޅުވި އެވެ.

"އެހެންވެ، އަޅުގަނޑުމެން އިތުރަށް މީހުން މިހާރު އެޑްމިޓް ނުވެސް ކުރަން."

އޭނާ ވިދާޅުވީ ސިއްހީ މަރުކަޒުގެ ގޯޅިގަނޑުގެ ތެރޭގައި ބަހައްޓާފައި ހުރި އެނދުތަކުގައި ތިބި ބަލި މީހުންގެ ރައްކާތެރިކަމަށް އެތަނުގައި މިހާރު ފަރުވާ ދެނީ ބައެއް މައިދޮރުތައް ވެސް ބަންދުކޮށްގެން ކަމަށެވެ.

މީދޫ މީހުންގެ އިތުރުން އެ ރަށް ކައިރީގައި އޮންނަ ހަ ރިސޯޓުގެ ވެސް ބަލި މީހުން ފަރުވާ ހޯދަން އެތަނަށް ދެ އެވެ. އެހެންވެ، ޖާގައިގެ މައްސަލަ އެތަނަށް އަބަދު ވެސް ކުރިމަތިވެފައިވާ ކަމަށް ހަމީން ވިދާޅުވި އެވެ.

"ރިސޯޓުތަކުން ބޭރު މީހުން ވެސް އަންނާނެ ފަރުވާ ހޯދަން. އެހެންވެ، އަބަދު ވެސް މިތަނުގައި ޖާގަ ނެތިގެން މީހުން ޝަކުވާ ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ހަމީން ވިދާޅުވީ މި މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރާނެ ކަމުގެ ފެހި ސިގްނަލް ސަރުކާރުން ދީފައިވާ ކަމަށެވެ.

މުޅި ރާއްޖޭގައި މިހާރު ވައިރަލް ހުމަކާއި އަރިދަފުސް ރޯގާ ފެތުރެމުން ދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ހުން ޖެހޭ ބައެއް މީހުންގެ ހާލު ދަށަށް ދާތީ އައިޖީއެމްއެޗުގައި ވަނީ އެކަމަށް ހާއްސަ ކްލިނިކެއް ވެސް މިއަދު ހުޅުވާފަ އެވެ.