Roadha Mihaaru

ދަރަވަންދޫ އައްތަ ޕާޕަރު: އެހާ މީރު، އެހާ މުރަނަ

މިއީ އޮރިޖިނަލް ދިވެހި ޕާޕަރެކެވެ. އެހާ މީރެވެ. އެހާ މުރަނަ އެވެ. އަނގަޔަށް ލުމާ އެކު ހިމުންވެ އެ ނުކުންނަނީ މީރު މީރު ރަހައެކެވެ.

ދަރަވަންދޫ އައްތަ ޕާޕަރު: އެހާ މީރު، އެހާ މުރަނަ
އައިޝަތު މިހްނާ ނާސިހް
އައިޝަތު މިހްނާ ނާސިހް

17 ފެބުރުއަރީ 2025

މިއީ އޮރިޖިނަލް ދިވެހި ޕާޕަރެކެވެ. އެހާ މީރެވެ. އެހާ މުރަނަ އެވެ. އަނގަޔަށް ލުމާ އެކު ހިމުންވެ އެ ނުކުންނަނީ މީރު މީރު ރަހައެކެވެ.

ތަފާތު ދިވެހި ރަހައަކަށް، ބ. އަތޮޅުގައި އަހަރެމެން އަތްފުނާ އަޅަމުން ދަނިކޮށް އެ އަތޮޅު ދަރަވަންދޫ އިން ފެނުނު މި ޕާޕަރަކީ އެ ރަށު މީހުންގެ "އައްތަ ޕާޕަރެ"ވެ.

މި ރެސިޕީ އުފަންވީ ދަރަވަންދޫ ވައިލެޓްވިލާ އިންނެވެ. މިއީ އެ ގޭގައި މީގެ 40 އަހަރު ކުރިއްސުރެ ތައްޔާރުކުރަމުން އަންނަ އެއްޗެކެވެ. ބަނބުކެޔޮ ބަތާ އެކު މި ޕާޕަރަކީ މަޖުބޫރު މާއްދާއެކެވެ. މި ޕާޕަރުގެ "ބާނީ" އަކީ އެގޭ ޝަރީފާ ހުސެއިން ނުވަތަ އައްތަ އެވެ. އޭނާ މިއަދު ދުނިޔޭގައި ނެތެވެ. އެކަމަކު އައްތަގެ ދަރިފުޅު އާމިނަތު ރަޝީދާ (އާމިންދައްތަ) މި މީރު ޕާޕަރުގެ ރަހަ ގެއްލިދިޔަ ނުދެ އެވެ.

އައްތަ ޕާޕަރު ތައްޔާރުކުރާ މާބުޅާ ފަތް. --- މިހާރު ފޮޓޯ: ނިޝާން އަލީ

އައްތަ ޕާޕަރު ތައްޔާރުކުރާ މާބުޅާ ފަތް. --- މިހާރު ފޮޓޯ: ނިޝާން އަލީ

މި ޕާޕަރު ތައްޔާރުކުރަނީ މާބުޅާ ފަތުންނެވެ. ހިތެއްގެ ބައްޓަމަށް ހުންނަ މި ފަތަކީ އިހުުގައި ބޭސްވެރިކަމަށާއި އަދި އާއްމު ކެއުމުގައިވެސް ބޭނުންކުރި އެއްޗެކެވެ. މި ފަތުން ޕާޕަރު ތައްޔާރުކުރަނީ ހަވާދުގަނޑެއް ހަދައި އޭގެން ފޯކުކުރުމަށް ފަހު ތެއްލައިގެންނެވެ.

ކުދިވެރިންގެ ކަންކަމުގެ ވަރަށް އަވަދިނެތި އުޅެމުންވެސް ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުގެ ތެރޭ އާމިންދައްތަ އަހަރެމެންނަށް އައްތަ ޕާޕަރު ތައްޔާރުކޮށްދިނެވެ.

ބޭނުންވާ ތަކެތި

- މާބުޅާ ފަތް

- ލޮނުމިރުސް

- ރިހާކުރު

- ރީނދޫ

- ލޮނު

- ގޮދަން ފުށް

- ފެން

އައްތަ ޕާޕަރު ތައްޔާރުކުރުމަށް ލޮނިމިރުހާއި ރިހާކުރު އެއްކުރަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ

އައްތަ ޕާޕަރު ތައްޔާރުކުރުމަށް ލޮނިމިރުހާއި ރިހާކުރު އެއްކުރަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ

ތައްޔާރުކުރާނެ ގޮތް

ޕާޕަރު ތައްޔާރުކުރުމަށްޓަކައި އެންމެ ފުރަތަމަ މާބުޅާ ފަތްތައް ދޮވެ ސާފުކުރާނީ އެވެ. އާންމުކޮށް އަމިއްލަ އަށް ލޮނު މިރުސް ފުނޑައިގެން ބޭނުންކުރި ނަމަވެސް، ވަގުތު ނެތުމާއެކު އާމިންދައްތަ މި ފަހަރު ބޭނުންކުރީ ފިރޯށި ލޮނުމިރުސް ކޮޅެކެވެ. ރަހަލާ ވަރަށް ރިހާކުރުކޮޅެއް އަޅާ ރަނގަޅަށް ލޮނުމިރުހާއި އެއްކޮށްލުމަށްފަހު ކުޑަ ލޮނު ކޮޅަކާއި، ރީނދޫ ކޮޅެއް އެޅި އެވެ. ދެން އަޅަނީ ގޮދަން ފުށެވެ. އެއަށްފަހު ފެން އަޅާ ބޭނުންވާ އޮލަމިން އަންނަންދެން ގިރަނީ އެވެ.

އައްތަ ޕާޕަރު ތައްޔާރުކުރުމަށް ލޮނުމިރުސް ގަނޑު ތެރެއަށް ގޮދަން ފުށް އަޅާފައި. -- މިހާރު ފޮޓޯ: ނިޝާން އަލީ

އައްތަ ޕާޕަރު ތައްޔާރުކުރުމަށް ލޮނުމިރުސް ގަނޑު ތެރެއަށް ގޮދަން ފުށް އަޅާފައި. -- މިހާރު ފޮޓޯ: ނިޝާން އަލީ

އައްތަ ޕާޕަރު ތައްޔާރުކުރުމަށް ލޮނުމިރުސް ގަނޑު ތެރެއަށް ގޮދަން ފުށް އަޅާފައި އެއްކުރަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ

އައްތަ ޕާޕަރު ތައްޔާރުކުރުމަށް ލޮނުމިރުސް ގަނޑު ތެރެއަށް ގޮދަން ފުށް އަޅާފައި އެއްކުރަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ

އާމިންދައްތަ ބުނީ ރިހާކުރު މާ ގިނަވެއްޖެނަމަ ފަތުގައި ހަވާދުގަނޑު ހަރުލުމަށް އުނދަގޫވާނެ ކަމަށެވެ. އަދި މި ހަވާދުގަނޑުގެ އޮލަމިން ހުންނަންވާނީ ފެންފޮޅި އަޅާވަރަށްވުރެ ކުޑަކޮށް އޮލަކޮށް ކަމަށް ވެސް ބުންޏެވެ.

ދެން އެންމެ މުހިންމީ ޕާޕަރު ތެލުލުމުގެ ކުރިން ތެޔޮގަނޑު ރަނގަޅަށް ހޫނު ކުރުމެވެ. އެނޫންނަމަ ނިމޭއިރު ހަވާދާއި ފަތާއި ތެލުލެވޭނީ މުޅިން ވަކިވަކިންނެވެ.

ތެޔޮގަނޑު ރަނގަޅަށް ހޫނުވުމުން، ފަތުގެ ދެ ފުށުގައި ރަނގަޅަށް ހަވާދު ގަނޑު ހޭކުމަށްފަހު މަޑުގިނީގައި ތެލުލާށެވެ. ތެލުން ނަގާއިރު ކުޑަކޮށް މަޑުވިޔަސް، އިރުކޮޅެއް ތެރޭ މުރަނަވާނެ އެވެ.

ހަވާދުގަނޑުގެ ދެފުށުގައި ރަނގަޅަށް ހަވާދުގަނޑު ހާކަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ

ހަވާދުގަނޑުގެ ދެފުށުގައި ރަނގަޅަށް ހަވާދުގަނޑު ހާކަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ

މި ޕާޕަރުގެ އެންމެ ހާއްސަ ކަމަކީ މީގެ މުރަނަ ކަމާއި ރަހައެވެ. ދިވެހި ކޮންމެ ކެއުމަކާއި އެކުވެސް ރަހަ އެހާމެ ހެޔޮވަރުވާނެ އެވެ. ލޮނުމިރުހާއި ރިހާކުރާ އެއްކޮށްލުމުން މީގައި ބޮޑަށް ހުންނަނީ ކުޅިކާޖާ ކަހަލަ މީރު ރަހައެކެވެ. އެކަމަކު އެއަށްވުރެ ވެސް މުރަނަވުމުން ހަމަ އަސްލުވެސް ޕާޕަރެއް ކެވޭ ކަހަލަ އެވެ.

ހަވާދުގަނޑުގެ ދެފުށުގައި ރަނގަޅަށް ހަވާދުގަނޑު ހާކަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ

ހަވާދުގަނޑުގެ ދެފުށުގައި ރަނގަޅަށް ހަވާދުގަނޑު ހާކަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ

ބަރަބޯ ބަތާއި އައްތަ ޕާޕަރު

އާމިންދައްތަ ކުރެން އެންމެ ފަހު ސުވާލަކަށް އަހާލެވުނީ މި ކައި އުޅުނު ގޮތެވެ. އެހިސާބުން ދެން ކުޅުދިޔާވީ އަނެއްކާވެސް މުޅިން އެހެން ރެސިޕީއަކަށެވެ. އެކިކަހަލަ ބަތްތަކާއި އެކު އައްތަ ޕާޕަރުކެވުނަސް އާމިންދައްތަ އަށް އެންމެ ހާއްސައީ ބަރަބޯ ބަތާ އެކު އައްތަ ޕާޕަރު ކެއުމެވެ. މިއީ އަލުވި ބަތާއި، ބަނބުކެޔޮ ބަތް ހެން ކައްކާއުޅޭ ބަތެއް ނޫނެވެ.

އައްތަ ޕާޕަރު ރަނގަޅަށް ތެލުލާފައި. -- މިހާރު ފޮޓޯ: ނިޝާން އަލީ

އައްތަ ޕާޕަރު ރަނގަޅަށް ތެލުލާފައި. -- މިހާރު ފޮޓޯ: ނިޝާން އަލީ

އޭގެ ބަދަލުގައި ރަނގަޅު ފިޔާގަނޑެއް މީރުކޮށް ހިކިމަހާއި ގިތެޔޮ މިރުހާއި ކުޑަ ކުޑަ ރީދޫކޮޅަކާއި އެކު ތައްޔާރުކޮށްލަނީ ކުދިކޮށް ކޮށާފައި ހުންނަ ބަރަބޮލެވެ. ރަނގަޅަށް ކެކި ރޯފިލުމުން އެއްކޮށްލާނީ ކައްކާފައި ހުރި ބަތްކޮޅަކާ އެވެ. ގާތްގަނޑަކަށް ދިވެހި ބަރަބޯ ފްރައިޑް ރައިސް އެކެވެ.

އައްތަ ޕާޕަރު. -- މިހާރު ފޮޓޯ: ނިޝާން އަލީ

އައްތަ ޕާޕަރު. -- މިހާރު ފޮޓޯ: ނިޝާން އަލީ

އައްތަ ޕާޕަރުގެ ރަހަ އަހަރެމެންނަށް ބަލާލެވުނީ ދަރަވަންދޫ އިން މާލެ އައުމަށް ފްލައިޓަށް ޗެކްއިން ކުރުމަށް ފަހު އެގެޔަށް ގޮހެވެ. އެކަމަކު ނަސީބަކުން ދަރަވަންދޫއިން ހެޔޮވަރުވަރެއްގެ މާބުޅާ ފަތްކޮޅެއް ލިބުމުން ހިތަށް އަރުވައިގެން މި ހުންނަނީ ބަރަބޯ ބަތްކޮޅެއް ކައްކައި، އެއާ އެކު ކާން އައްތަ ޕާޕަރު ތެއްލާށެވެ.