Roadha Mihaaru

ޓޫރިސްޓަކު ރޭޕްކޮށް މަރާލުމުގެ ކުށުގައި އިންޑިއާ މީހަކު އުމުރަށް ޖަލަށް

އިންޑިއާގެ ހުޅަނގުގެ ރިސޯޓް ސްޓޭޓެއް ކަމަށްވާ ގޯއާގައި މީގެ އަށް އަހަރު ކުރިން އަޔަލެންޑުގެ އަންހެން ޓޫރިސްޓަކު ރޭޕްކޮށް މަރާލި މައްސަލާގައި އުމުރުން 31 އަހަރުގެ އިންޑިއާ ފިރިހެނަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

އިންޑިއާގައި ޓޫރިސްޓަކު ރޭޕްކޮށް މަރާލުމުން ޖަލަށް

އިންޑިއާގެ ހުޅަނގުގެ ރިސޯޓް ސްޓޭޓެއް ކަމަށްވާ ގޯއާގައި މީގެ އަށް އަހަރު ކުރިން އަޔަލެންޑުގެ އަންހެން ޓޫރިސްޓަކު ރޭޕްކޮށް މަރާލި މައްސަލާގައި އުމުރުން 31 އަހަރުގެ އިންޑިއާ ފިރިހެނަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

އުމުރުން 28 އަހަރުގެ ޑެނިއެލް މެކްލަފްލިންގެ ހަށިގަނޑު ފެނިފައި ވަނީ 2017 ވަނަ އަހަރު، ގޮނޑުދޮށުގައި އޮންނަ ހުސް ބިމެއްގައި އޮއްވަ އެވެ.

މެކްލަފްލިން މަރާލި ކަމުގެ ދައުވާ ފުލުހުން އުފުލާފައިވަނީ އެ ސަރަހައްދުގައި އުޅޭ މީހެއް ކަމަށްވާ ވިކަތު ބަގަތުގެ މައްޗަށެވެ. މިދިޔަ ހުކުރު ދުވަހު ބަގަތުގެ މައްޗަށް ކުށް ސާބިތުވެ، އިއްޔެ ވަނީ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ޕްރޮސެކިއުޓާ ވިކްރަމް ވަރުމާ ނޫސްވެރިންނަށް ވިދާޅުވީ ބަގަތުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށާއި އެއީ ވަރަށް ހަރުކަށި ހުކުމެއް ކަމަށެވެ. އޭނާ ވިދާޅުވީ މަރުވި މީހާގެ އާއިލާ މި ހުކުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

މެކްލަފްލިން ރޭޕްކޮށް މަރާލީ ގޯއާގެ މަޝްހޫރު ޕަލޯލެމް ބީޗުގައި އިންޑިއާގެ ސްޕްރިންގް ފެސްޓިވަލް ކަމަށްވާ ހޯލީ ފާހަގަކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. މެކްލަފްލިންގެ ހަށިގަނޑު ވަރަށް ބޮޑަށް ޒަހަމްވެ މަރުވެފައި އޮއްވައި ފެނުނީ ދަނޑުވެރިއަކަށެވެ.

ގޯއާގައި 2008 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ސްކޫލް އަންހެން ކުއްޖެއް ކަމަށްވާ ސްކާލެޓް ކީލިންގް، 15، އަށް މަސްތުވާތަކެތި ދީ، ރޭޕްކޮށް މަރާލި ހާދިސާއަކާ އެކު ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވެ އެވެ.

އިންޑިއާގެ ކޯޓުތަކުގައި މައްސަލަތައް ފުނިޖެހި، ބައެއް މައްސަލަތައް ނިންމަން އެތައް އަހަރެއް ހޭދަވެ އެވެ. ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރު އިންޑިއާގެ އެކި ކަންކޮޅުތަކުގެ ކޯޓުތަކުގައި 43 މިލިއަނަށް ވުރެ ގިނަ މައްސަލަ ނުނިމި އެބަހުއްޓެވެ. -- އޭއެފްޕީ