Roadha Mihaaru

ގާނޫނުއަސާސީގެ އިސްލާހު ބާތިލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.

ގާނޫނުއަސާސީއާ ގުޅޭ ދުސްތޫރީ މައްސަލަ ބަލައިގެންފި
ނާޒިމް ހަސަން
ނާޒިމް ހަސަން

27 ނޮވެމްބަރ 2024

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ.

މައްސަލަ ހުށަހެޅުއްވި އަލީ ހުސެއިން ވިދާޅުވެފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު ފާސްކުރި އިސްލާހު ގާނޫނުއަސާސީއާ ހިލާފު އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފަށް ކަމަށްވާތީ އެވެ.

މި މައްސަލައިގެ ތެރެއަށް ތަދަހުއްލުވުމަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ވަނީ ހުށަހަޅައިފަ އެވެ.

ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގައި ބުނާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ އެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް އިސްލާހު ގެންނައިރު، ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ކަމަށް އޮންނަ މާއްދާ އިސްލާހުކުރާ ނަމަ، އެކަމަށް ވެސް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފައިވެ އެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅި އިސްލާހުގެ ދަށުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ނުވަތަ އީއީޒެޑަށް ބަދަލެއް އަންނަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ގޮސްގެން ކަމަށް ވެސް ގާނޫނުއަސާސީ ބަދަލުކޮށްފައިވެ އެވެ.

އެންމެ ފަހު އިސްލާހެއްގެ ގޮތުން ގާނޫނުއަސާސީއަށް ގެނެސްފައިވަނީ ބޭރުގެ ސިފައިން ރާއްޖޭގައި ހިންގާ ތަމްރީނަކަށް ފިޔަވައި އެހެން އެއްވެސް ސިފައެއްގައި، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ހަރަކާތްތެރި ނުވެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކޮށްފައިވެ އެވެ.

މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ އެއް ދުވަސް ތެރޭގައި ބަހުސާއި ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ނިންމުމަށް ފަހު އެވެ. އެއީ މިހާތަނަށް ގާނޫނުއަސާސީއަށް އެންމެ އަަވަހަށް ގެނައި ބަދަލެވެ. އެ ދުވަހު ބިލް މަޖިލީހުން ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލް ތަސްދީގު ވެސް ކުރެއްވި އެވެ.