ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އޮފީސް ތެރޭގައި ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ފޯމް ފުރުމުގެ މަސައްކަތްކުރި ނަމަވެސް، އެ އޮފީހުގައި ސިޔާސީ މަސައްކަތެއް އިތުރަށް ނުކުރަން އަންގާފައިވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
25 ފެބުރުއަރީ 2025
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އޮފީސް ތެރޭގައި ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ފޯމް ފުރުމުގެ މަސައްކަތްކުރި ނަމަވެސް، އެ އޮފީހުގައި ސިޔާސީ މަސައްކަތެއް އިތުރަށް ނުކުރަން އަންގާފައިވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އިހުސާންގެ އިތުބާރު ނެތްކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލާގައި، ޑީއެންއާރުގެ ޑޭޓާ ބޭސްގައި ހުރި މައުލޫމާތު ނަގައިގެން ޕީއެންސީއަށް މެންބަރުން ވެއްދި ކަމަށް ބުނާ ވާހަކައަށް މަޖިލީހުގައި މިއަދު ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ އޭނާ އިސްވެ ހުންނަވައިގެން ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތްކުރީ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ލައްވާ ކަމަށެވެ.
ކޮންމެ ވަޒީރަކު ވެސް ވަކި އަދަދަކަށް ފޯމް ހަމަކުރަން ހަވާލުވެފައިވާތީ، އޭނާއާ ހަވާލުވި 500 އެއްހާ ފޯމް ފުރުމަށް ހޯމްލޭންޑްގެ 50 އެއްހާ ސިޔާސީ މުވައްޒަފުންނާ ހަވާލުކުރި ކަމަށާއި އެކަމުގައި ބައެއް މަސައްކަތްތައް ޑީއެންއާރުގެ އޮފީހުގައި ހުރި މީޓިން ރޫމެއްގައި ކުރި ކަމަށް އިހްސާން ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރީ ރަސްމީ ގަޑި ނިމި، ހަވީރުގެ ވަގުތެއްގައިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އިހުސާން ވިދާޅުވީ އެތަނުގައި މައިގަނޑު ގޮތެއްގައި ކުރި މަސައްކަތަކީ ފޮނުވާފައި ހުރި ފޯމުތަކުގައި ހެކިވެރިންގެ ބައި ފުރުމާއި ޑިޖިޓަލްކޮށް ފޮނުވާފައި ހުރި ފޮޓޯތައް ޕްރިންޓު ކޮށްގެން ފޯމުތައް ފުރިހަމަ ކުރުން ކަމަށެވެ.
އެ މަސައްކަތް ޑީއެންއާރުގެ މީޓިން ރޫމުގައި ކުރަމުން ދިޔައިރު އޭނާ ދެ ދުވަހެއްގެ މަތިން އެތަނަށް ވަޑައިގަތް ކަމަށާއި ފުރަތަމަ ދުވަހު ވަޑައިގަތީ ޕިއްޒާ އޯޑަރު ކޮށްގެން ކެއުމަށް ދައުވަތު ލިބުމުން ކަމަށާއި އަދި ދެވަނަ ދުވަހު ވަޑައިގަތީ ފޯމުތައް ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހުރިހާ ކަމެއް ހިނގަމުން ދިޔައިރު، 50 އަށް ވުރެ ގިނަ މީހުން ތިބި ގުރޫޕަކަށް ހުރިހާ ފޮޓޯތަކެއް ފޮނުވަމުން ދިޔަ ކަމަށާއި "ވަގަށް ސިއްރިއްޔާތުގައި އޮޅުވާލައިގެން ކުރާނަމަ 50 މީހުން ތިބި ގްރޫޕަކަށް ފޮޓޯ ނުފޮނުވާނެ" ކަމަށް އިހުސާން ވިދާޅުވި އެވެ.
ގަވާއިދާ ހިލާފު ކަމަކަށް ނުވި ނަމަވެސް، ސިޔާސީ މުވައްޒަފުން އޮފީހުގައި ސިޔާސީ މަސައްކަތް ކުރުމަކީ އެހާ ރަނގަޅު ކަމަށް ނުވާތީ އެކަން އިތުރަށް ނުކުރުމަށް އަންގާފައިވާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
"ސިޔާސީ މުވައްޒަފުން ސިޔާސީ މަސައްކަތް އެފަދަ ތަނެއްގައި ކުރެވިގެން ދިއުމަކީ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ފަދަ ކަމެއް. އެކަން ނުކުރުމަށް ވާނީ އަންގާފައި. އެކަން އެގޮތަށް ދެން ނުހިނގާނެ،" އިހުސާން ވިދާޅުވި އެވެ.
އެހެން ނަމަވެސް މިއީ އަލަށް ހިނގި ކަމެއް ނޫން ކަމަށާއި ކުރީގެ ސަރުކާރުގައި ވެސް މިފަދަ ކަންކަން ހިންގާފައިވާ ކަން ވެސް އިހުސާން ފާހަގަ ކުރެއްވި އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލާގައި މިނިސްޓަރު އަލީ އިހުސާން ޖަވާބުދާރީވެވަޑައިގަންނަވަނީ
އިހުސާން އިތުރަށް ވިދާޅުވީ ޑީއެންއާރުގެ ޑޭޓާ ބޭނުން ކޮށްގެން ޕާޓީއަށް މެންބަރުން ވެއްދިނަމަ ހޯމް މިިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ހުށަހަޅާނީ އެންމެ 1،700 ފޯމު ނޫން ކަމަށެވެ.
"އަޅުގަނޑު ޑީއެންއާރުގެ ޑޭޓާ ބޭނުންކޮށްގެން ފޯމު ވެއްދި ނަމަ 1،700 ފޯމެއް ނޫން އަޅުގަނޑު ވައްދާނީ. އެ ނިޒާމުން އަޅުގަނޑުމެން މީހުން ވެއްދި ނަމަ އަޅުގަނޑު 40،000 މީހުން ވައްދާނަން،" އިހުސާން ވިދާޅުވި އެވެ.
ތުހުމަތުތަކަށް އިތުރަށް ރައްދު ދެއްވަމުން އިހުސާން ވިދާޅުވީ މިދިޔަ ފަސް އަހަރު އެމްޑީޕީން 500 އަށް ވުރެ ގިނަ ސައްހަ ނޫން ފޯމް ހުށަހެޅިއިރު، މިހާތަނަށް ޕީއެންސީން ސައްހަ ނޫން ފޯމްގެ ގޮތުގައި ހުށަހަޅާފައިވަނީ 183 ފޯމު ކަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި ޕީއެންސީއަށް 40،000 މެންބަރުން އިތުރުވިއިރު އެމްޑީޕީން 9،000 އަށް ވުރެ ގިނަ މެންބަރުން ވަކިވެފައިވެ އެވެ. އަދި އެއީ ވެސް އޭނާ ކުރެއްވި ކަމެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"އެ ވެސް ހަމަ އަޅުގަނޑު ތޯ އޭ ސުވާލަކީ. އެހެންވީމާ ތަނެއްގައި ކަމެއް ހިނގާއިރަށް އަޅުގަނޑު ބޮލުގައި އަޅުވަން ޖެހޭ ޒިންމާއެއް ނޫންހެން އަޅުގަނޑަށް ހީވަނީ،" އިހުސާން ވިދާޅުވި އެވެ.
އޮޅުވާލި ފޯމުތަކުގެ ހެކިންނަށް ފިޔަވަޅު އެޅިތޯ ބަލަނީ
އިހުސާންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!
ނުފޫޒު އޮތްނަމަ ކުރީގެ ވެރިން ތިބޭނީ ޖަލުގައި:އިހުސާން
އިހުސާންގެ މައްސަލަ ހޫނުވެ މީކާއިލް ތަޅުމުން ނެރެފި
"ބެސްޓިނެޓް މައްސަލާގައި އިހުމާލުވީ ކުރީ ސަރުކާރުން"
އިތުބާރު ނެތް މައްސަލާގައި އިހުސާނަށް އެއް ގަޑިއިރު
އަސްލަމާއި ސަލީމް ވަކިކުރުމުގެ މައްސަލަ ނަގައިފި
މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލަ ކޯޓުން ބަލައިގެންފި
ކުރިން ދެކޮޅަސް އަނާރާ ވޯޓު ދެއްވީ ބިލް ފާސްކުރަން
ބެންޗަށް ބަދަލު ގެންނަ ބިލް މަޖިލީހުން ފާސްކޮށްފި