Roadha Mihaaru

ތިމާވެއްޓާ ރަށްޓެހި ޓެކްސީ ހޯދަން ޓްރާންސްޕޯޓާއި އެންވަޔަރްމަންޓް މިނިސްޓްރީން ސޮއިކޮށްފި

ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީ ހޯދަން ޓްރާންސްޕޯޓާއި އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

ތިމާވެއްޓާ ރަށްޓެހި ޓެކްސީ ހޯދަން ސޮއިކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

26 ފެބުރުއަރީ 2025

ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީ ހޯދަން ޓްރާންސްޕޯޓާއި އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

ބްލޯބަލް އެންވަޔަރްމަންޓް ފެސިލިޓީ (ޖެފް) ގެ އެހީގައި ހިންގާ އިންޓަގްރޭޓެޑް ސަސްޓައިނަބަލް އެންޑް ލޯ އެމިޝަންސް ޓްރާންސްޕޯޓު މަޝްރޫއުގެ ދަށުން ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީ އަދި ޗާޖިން ސްޓޭޝަން ގާއިމްކުރަން ބޭނުންވާ މާލީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ތިމާވެށްޓަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުން އަދި މާލޭގައި ދިރިއުޅޭ މީހުންނަށް ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ވަސީލަތްތަކާއި އިހުތިޔާރުތައް ފަހިކޮށްދިނުން ކަމަށެވެ.

އިންޖީނުލީ އުޅަނދުގެ ބަދަލުގައި އިލެކްޓްރިކް ވެހިކަލް ބޭނުންކުރަން ބާރު އެޅުމަކީ ވެސް އެ އެއްބަސްވުމުގެ އެއް ބޭނުން ކަމަށް ބުންޏެވެ. އޭގެ ސަބަބުން ވައި ތަޣައްޔަރުވުމާއި ވެހިކަލްތަކުގެ އަޑުމަޑުކޮށް، މާލެއަކީ ދިރިއުޅުމަށް ރައްކާތެރި މާހައުލަކަށް ބަދަލުވާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، އެ މަޝްރޫއުގެ ދަށުން ގަންނަ އިލެކްޓްރިކް ޓެކްސީތައް ދުއްވަން ފެށުމުން، އާއްމުންނަށް ތިމާވެށްޓާ ރައްޓެހި ދަތުރުފަތުރުގެ ހިދުމަތް ލިބޭނެ އެވެ.

ޓެކްސީ ލައިނެއް ތައާރަފު ކުރަން ސަރުކާރުން ވަނީ މި މަހުގެ 12 ވަނަ ދުވަހު އެމްޓީސީސީއާ އެކު ސޮއިކޮށްފަ އެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން އަންނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އަދި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފްކުރާނެ އެވެ.

ތިން ވަނަ ފިޔަވަހީގައި 2028-2029 ގައި ސަރުކާރުގެ ޓެކްސީ ލައިން ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް ތައާރަފްކުރާނެ އެވެ.