Roadha Mihaaru

ހުޅުމާލެ ރަޝީދު މިސްކިތުގައި ތަރާވީހު ނަމާދު ކުރައްވާނީ ޝަހީމްގެ ދެބަފައިން

މާދަމާ ފަށާ މި އަހަރުގެ ރޯދަމަހު ހުޅުމާލޭގެ ރަޝީދު މިސްކިތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދެބަފައިން އިމާމުވެ ތަރާވީހު ނަމާދު ކުރައްވަން ނިންމަވައިފި އެވެ.

ރަޝީދު މިސްކިތުގައި ތަރާވީސް ކުރާނީ ޝަހީމްގެ ދެބަފައިން
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

28 ފެބުރުއަރީ 2025

މާދަމާ ފަށާ މި އަހަރުގެ ރޯދަމަހު ހުޅުމާލޭގެ ރަޝީދު މިސްކިތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދެބަފައިން އިމާމުވެ ތަރާވީހު ނަމާދު ކުރައްވަން ނިންމަވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ހުޅުމާލެ 1 ގައި ހުންނަ އެންމެ ރީތި އެއް މިސްކިތުގައި ތަރާވީހު ނަމާދު ކުރައްވާނީ ޝަހީމާއި އޭނާގެ ފިރިހެން ދަރިފުޅު އުމުރުން 13 އަހަރުގެ އިލްޔަސައު މުހައްމަދު ޝަހީމް ކަމަށެވެ.

އިލްޔަސައުއަކީ ވެސް ބައްޕަ ޝަހީމް ފަދައިން ވަރަށް ރީއްޗަށް ގުރުއާން ކިޔަވާ ކުއްޖެކެވެ.

އޭޕްރީލް 2022 ގައި އިލްޔަސައުއާ ގުޅޭ ގޮތުން މަންމަ ފާތިމަތު އާފިޔާ "މިހާރު" އަށް ވިދާޅުވީ، އަޒުމަކީ ޝަހީމްގެ އިލްމީ ކަންކަން ދަމަހައްޓާނެ ކުއްޖަކު އެ އާއިލާގެ ތެރެއިން ނެރުމެވެ. އެހެން އޭނާ ވިދާޅުވީ، ބައްޕަ ޝަހީމަކީ ރޯލްމޮޑެލްއެއްގެ ގޮތުގައި ބަލައިގެން އެންމެ ހަގު ދަރިފުޅު އިލްޔަސައު މަސައްކަތް ކުރާތީ އެވެ.

"އަޅުގަނޑުމެން ދެ މީހުންގެ ވެސް ވަރަށް ބޮޑު އުންމީދެއް އެއީ. ދަރިފުޅު ކައިރީގައި ބުނެފައި ވެސް އޮންނާނެ ބައްޕަގެ އިލްމީ މަސައްކަތްތައް ދިރުވަން ވާނެއޭ. ދަރިފުޅުގެ އެ ޝައުގުވެރިކަން ވެސް ވަރަށް ބޮޑު. އަމިއްލަ އަށް އިސްނަގައިގެން ވެސް އިލްމީ ކަންކަން ކުރާނެ،" ހުރަވީ ސްކޫލްގައި ކިޔަވަމުން އަންނަ އިލްޔަސައުއާ ގުޅޭ ގޮތުން ޝަހީމް 2022 ގައި ވިދާޅުވެފައި ވެ އެވެ.

ޝަހީމް ގެންދަވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްދިން މިސްކިތް ޖުލައި 2022 ގައި ހުޅުވި ފަހުން މިދިޔަ ދެ އަހަރު ވެސް އެ މިސްކިތުގައި ތަރާވީހު ނަމާދު އިމާމުވެ ކޮށްދެއްވައިފަ އެވެ.

އިލްޔަސައު، ބައްޕަ ޝަހީމާއެކު މައްކާގައި.

އިލްޔަސައު، ބައްޕަ ޝަހީމާއެކު މައްކާގައި.

އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މުސްތަގުބަލަށް ރާއްޖެ ފަހުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަހިސިއްޔަތުން އުފެއްދުން ކަމަށް އެ މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ.

އެހެންވެ މިނިސްޓްރީން ވަނީ އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީހު ނަމާދު ކުރުމުގެ ފުރުސަތު ވެސް ޒުވާން ހަތަރު ހާފިޒުންނަށް މި ފަހަރު ދީފަ އެވެ.

އެ މަރުކަޒުގެ އިމާމު ހާފިޒު ސަލްމާން މުހައްމަދު ލަތީފާއި ހާފިޒު އުވައިސް ބިން އިނާޒާއި ޚިޟްރު ބިން އިމާދުގެ އިތުރުން ހާފިޒު ސުލްތާން މުހައްމަދު ލަތީފެވެ.