Roadha Mihaaru

"މިހާރު ބަދިގެ": ކޮކޮނަޓް ޗިކަން ކަރީ

ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" މިއަދުގެ ރެސިޕީ އަކީ ކޮކޮނަޓް ޗިކަން ކަރީ އެވެ.

"މިހާރު ބަދިގެ": ކޮކޮނަޓް ޗިކަން ކަރީ

ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" މިއަދުގެ ރެސިޕީ އަކީ ކޮކޮނަޓް ޗިކަން ކަރީ އެވެ.

ކައްކަން ޝައުގުވެރިކަން ހުންނަ އަދި އަބަދުވެސް އެހެން މީހުންނަށް ރެސިޕީތައް ހިއްސާކުރަން ބޭނުންވާ ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ) މި ރޯދަ މަހު ހުށަހަޅައިދޭ "މިހާރު ބަދިގެ" އިއްޔެ ފެށީ މީރު، ހޭޒަލް ނަޓް ކޭކަކުންނެވެ.

މިއަދު ފެޒޫ ކިޔައިދޭނީ ވަރަށް ހާއްސަ ރިހައެއް ތައްޔާރުކުރާނެ ގޮތެވެ. ރިހަ ކައްކާ އިރު އާއްމުކޮށް ކާށިކިރު އެޅިޔަސް ފެޒޫ، މި ރިހަ ކައްކަން ބޭނުންކުރީ ކުރުނބާ ފެނެވެ. ރޯދަ މަހު ހަވާދުގެ ބާވަތްތައް ބޭނުން ކުރުމުން ބައެއް މީހުންނަށް ސިއްހީ އުނދަގޫތައް ކުރިމަތިވެ އެވެ.

އެކަމަކު ފެޒޫގެ ކޮކޮނަޓް ޗިކަން ކަރީ ރެސިޕީގައި ހަވާދު ނުހިމަނައި، ރިހަ ތައްޔާރުކުރީ ވީހާވެސް ހަށިގަނޑަށް ލުއިވާނެ ގޮތަކަށެވެ.

ފެޒޫގެ މި ރިހަ ތައްޔާރުކުރާއިރު، މެދުތެރެއިން ބެލުންތެރިންނާ ޑިޓިއުންބޭންޑްގެ ލީޑް ވޯކަލިސްޓް އަހްމަދު ފުރުގާން (ފޫޖީ) އާއި ހާއްސަ މެހްމާނެއްގެ ގޮތުގައި ލަވަ ކިޔުންތެރިޔާ މޫސާ އިޝާން (ކޮކީ) ބައްދަލުކޮށްލާނެ އެވެ.

ރެސިޕީ އަށް ބޭނުންވާ ތަކެތި

1 ކިލޯ ކުކުޅު (ކޮށާފައި)

ލެމަންގްރާސް (މުގުރާފައި)

ކޮށާފައި ހުރި ތައި ރެޑް ޗިލީކޮޅެއް

ކޮށާފައި ހުރި ފިޔާކޮޅެއް

ކޮށާފައި ހުރި ލޮނުމެދުކޮޅެއް

އޮލިވް އޮއިލް (ފިޔާކޮޅު މީރުކޮށްލަން)

ކުކުޅު މެރިނޭޓްކުރަން ބޭނުންވާ ތަކެތި

މާމުއިކޮޅެއް

ރީނދޫކޮޅެއް

ލޮނުކޮޅެއް

ފިޝް ސޯސް

ކުރުނބާ ފެން

ތައްޔާރުކުރާނެ ގޮތް

ފެޒޫ ކިޔައިދިނީ ފުރަތަަމަ ކުކުޅު މެރިނޭޓްކުރާނެ ގޮތެވެ.

ކޮށާފައި ހުރި ކުކުޅުގެ ތެރެއަށް މާމުއިކޮޅާއި ލެމަންގްރާސްކޮޅަކާއި ލޮނުމެދުކޮޅެއް އަދި މިރުސްކޮޅަކާއި ލޮނުކޮޅެއް އަދި ފިޝް ސޯސްކޮޅު އަޅާލައި އެއްކޮށްލާށެވެ.

މާމުއިގެ ބަދަލުގައި ޕާމްޝުގާ ނުވަތަ ހަކުރުކޮޅެއް ވެސް ބޭނުންކޮށްލެވިދާނެ އެވެ.

ކުކުޅު މެރިނޭޓްކޮށްލަން 30 މިނިޓް ބަހައްޓަން ޖެހޭނެ އެވެ.

ފިޔާކޮޅު މީރުކޮށްލުމުގެ ކުރިން ފުރަތަމަ އޮލިވް އޮއިލް އަޅައި ލެމަންގްރާސްކޮޅު ކުޑަކޮށް ހޫނުކޮށްލާށެވެ. އޭގެ ފަހުން ފިޔަ އާއި ލޮނުމެދު އަޅައި މީރުކޮށްލާށެވެ. އޭގެ ތެރެއަށް ކުކުޅު އަޅައި ރޯ ފިލަންދެން މަޑުގިނީގައި ކައްކާނީ އެވެ.

މި ޑިޝްގެ އެންމެ މުހިއްމު އިންގިރިޑިއެންޓް، ކުރުނބާ ފެން އަޅާނީ ކުކުޅު ރޯފިލުމުންނެވެ. އަނެއްކާވެސް މަޑުގިނީގައި އިރުކޮޅަކު ބަހައްޓާނީ އެވެ. އޭގެތެރެއަށް ކުޑަ ރީނދޫކޮޅެއް އަޅާލާށެވެ.

ފެޒޫ ގެނެސްދިން ކޮކޮނަޓް ޗިކަން ކަރީގެ މި ރެސިޕީ، ތަންކޮޅެއް މަދުން ކުރުނބާ ފެން އަޅައި ހިކިކޮށް ވެސް ހެދިދާނެ އެވެ. މިއީ ބަތާއި ރޮއްޓާ އެކު ކާން ވެސް މީރު ރިހައެކެވެ.

ފެޒޫ އެދެނީ މި ރިހަ ތައްޔާރުކުރުމަށް ފަހު "މިހާރު ބަދިގެ" އަށް ފީޑްބެކް ފޮނުވައިދިނުމަށެވެ.