Roadha Mihaaru

ފަޒީންއާ ގުޅޭ ފުރައްސާރައިގެ މައްސަލާގައި ބްރޯޑްކޮމް މެމްބަރުން މާދަމާ ކޮމިޓީއަށް ހާޒިރުކުރަނީ

ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް، އެ ކޮމިޝަންގެ މެމްބަރަކު ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި އޭނާ ފިޔަވައި ދެންތިބި މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ.

ފުރައްސާރަ މައްސަލާގައި ބްރޯޑްކޮމް މާދަމާ ކޮމިޓީއަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

03 މާޗް 2025

ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް، އެ ކޮމިޝަންގެ މެމްބަރަކު ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި އޭނާ ފިޔަވައި ދެންތިބި މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ.

އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ރައްދު ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ މައްޗަށެވެ. އެ މައްސަލައާ ގުޅިގެން ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި މުވައްޒަފާއި ފަޒީން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް މީގެ ކުރިން ވަނީ ސުވާލުކޮށްފަ އެވެ.

މިހާތަނަށް ކޮމިޓީން އެ މައްސަލާގައި ގޮތެއް ނިންމައިފައެއް ނުވެ އެވެ. ކޮމިޓީގައި އެ މައްސަލަ އޮތްއިރު، ފަޒީން މަސައްކަތަށް ވެސް ނުކުންނަވަ އެވެ.

އެނގިފައިވާ ގޮތުގައި މާދަމާ ހެންދުނު 11:00ގައި އޮންނަ ކޮމިޓީ ބައްދަލުވުމަށް ފަޒީން ފިޔަވައި، އެ ކޮމިޝަންގައި ބާކީ ތިއްބަވާ މެމްބަރުން ވަޑައިގަންނަވާނެ އެވެ.

ފުރައްސާރައިގެ މައްސަލާގައި ފިޔަވަޅު ނޭޅި ލަސްވެފައިވާތީ ބްރޯޑްކާސްޓިން ކޮމިޝަންގެ ތެރޭގައި ނުތަނަވަސްކަން އެބަ އޮތެވެ. އަދި، ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް ބުނާ މުވައްޒަފަށް ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށް، ފަރުވާ ހޯދަމުންދަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އެ ކޮމިޝަންގެ ގާނޫނު އޮތް ގޮތުން މިފަދަ މައްސަލަތަކުގައި ކޮމިޝަންގެ މެންބަރަކާ މެދު ފިޔަވަޅެއް އެޅޭކަށް ނޯވެ އެވެ.

ރާއްޖެ ޓީވީގައި ނޫސްވެރިއަކަށް މަސައްކަތްކުރި ފަޒީން، ބްރޯޑްކޮމަށް އައްޔަން ކުރީ 2021 ގަ އެވެ. އޭނާ ނައިބު ރައީސަކަށް ހޮވާފައިވަނީ ޖެނުއަރީ 2023 ގަ އެވެ.