Roadha Mihaaru

ޑޮކްޓަރުގެ ކުއްލި މަރާ އެކު ބާސެލޯނާ ހިތާމައިގައި

އޮސަސޫނާއާ ދެކޮޅަށް ރޭ ބާސެލޯނާ ކުޅެން އޮތް މެޗުގެ ކުރިން، އެ ޓީމުގެ ޑޮކްޓަރު، ކާލްސް މިނާރޯ ގާސިއާ މަރުވުމާ ގުޅިގެން މެޗު ފަސް ކޮށްފި އެވެ.

ޑޮކްޓަރުގެ ކުއްލި މަރާ އެކު ބާސެލޯނާ ހިތާމައިގައި

އޮސަސޫނާއާ ދެކޮޅަށް ރޭ ބާސެލޯނާ ކުޅެން އޮތް މެޗުގެ ކުރިން، އެ ޓީމުގެ ޑޮކްޓަރު، ކާލްސް މިނާރޯ ގާސިއާ މަރުވުމާ ގުޅިގެން މެޗު ފަސް ކޮށްފި އެވެ.

ބާސެލޯނާ ޓީމު ކޭމްޕް ކޮށްގެން ތިބި ހޮޓެލް ރޫމުގައި ޑޮކްޓަރު މަރުވެފައި އޮއްވާ ފެނުނީ، ރޭގެ މެޗު ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

ދެ ޓީމު ވެސް ދަނޑުގައި އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔަ އިރު، ޑޮކްޓަރުގެ ކުއްލި މަރުގެ ހަބަރު އެނގުމާ އެކު ބާސެލޯނާ ވަނީ މެޗު ފަސް ކޮށްދޭން ލަ ލީގާގައި އެދިފަ އެވެ. އަދި އޮސަސޫނާ ވެސް މެޗު ފަސްކުރަން އެއްބަސްވުމުން ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މިއާ ގުޅިގެން މެޗު ފަސް ކުރި ކަން ދަނޑުގައި އިއުލާން ކޮށްފައި ވަނީ މެޗު ފަށަން ވިއްސަކަށް މިނިޓަށް ވެފައި ވަނިކޮށެވެ.

ސްޕެއިންގެ މީޑީއާތަކުން ރިޕޯޓް ކުރާ ގޮތުގައި މިނާރޯ އަކީ ކުޅުންތެރިންނާ ވަރަށް ގާތް، އަދި ދުވަހުން ދުވަހަށް ޓީމު ހިންގުމުގައި ވެސް މުހިއްމު ރޯލެއް އަދާކުރި މީހެކެވެ.

"ވަކިވެގެން އެ ދިޔައީ ކުޅުންތެރިންނާއި މުޅީ ޓީމުގެ ވެސް ލޯބި ހޯދާފައިވާ މީހެއް،" ލަޕޯޓާ ބުންޏެވެ.

އުމުރުން 53 އަހަރުގެ މިނާރޯ ބާސެލޯނާއާ ގުޅުނީ 2017 ވަނަ އަހަރު، ކްލަބްގެ ފުޓްސަލް ޓީމުގެ މެޑިކަލް ޓީމުގެ މެމްބަރެއްގެ ގޮތުގަ އެވެ. އަދި ބާސެލޯނާ ފަސްޓް ޓީމްގެ ޑޮކްޓަރެއްގެ ގޮތުގައި އޭނާ ހިމަނަން ކްލަބްގެ ޑިރެކްޓަރުން ނިންމީ މި ސީޒަނުގަ އެވެ.