Roadha Mihaaru

ވިކްޓަރީގެ ޓާގެޓް؛ ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ދީ ކާމިޔާބާ ހަމައަށް ދިއުން

ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީގެ ޖެނަރަލް ސެކެރެޓަރީ މޫސާ ރަމީޒު (ރަމީ) ވިދާޅުވިގޮތުގައި މިފަހުގެ އަހަރުތަކުގައި ވިކްޓަރީން މިހާރު ތައްޔާރުވި ވަރަށް ދުރާލައި ސީޒަނަށް ތައްޔާރުވި އަހަރެއް ނުދެ އެވެ.

ވިކްޓަރީގެ ބިންގާ ރަނގަޅު، ދެން އޮތީ ހިފެހެއްޓުން
ހުސެއިން ހަބީބް
ހުސެއިން ހަބީބް

10 މާޗް 2025

ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީގެ ޖެނަރަލް ސެކެރެޓަރީ މޫސާ ރަމީޒު (ރަމީ) ވިދާޅުވިގޮތުގައި މިފަހުގެ އަހަރުތަކުގައި ވިކްޓަރީން މިހާރު ތައްޔާރުވި ވަރަށް ދުރާލައި ސީޒަނަށް ތައްޔާރުވި އަހަރެއް ނުދެ އެވެ.

ފުޓްބޯޅައިގެ ތާޖު 2013 ގައި އެ ޓީމު އަތުން ގެއްލުނު ފަހުން، ވިކްޓަރީގެ ތައްޔާރީތަކާއި ސްކޮޑް ވެސް އޮންނަނީ އާދައިގެ ގޮތަކަށެވެ. އެއް މެނޭޖްމެންޓެއް ގިނަ މުއްދަތަކަށް ނޯވެ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ މައްސަލަތައް އެ ޓީމު ތެރޭގައި ވެސް މިދިޔަ 15 އަހަރުތެރޭގައި ބޮޑުވި އެވެ. އެ މައްސަލައިގައި އެ ކްލަބް ސަސްޕެންޑް ކުރުމުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ކްލަބް، މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި އެވެ. ދުރާލައި ކޯޗަކު ހަމަޖައްސައި ކުޅުންތެރިން ހޯދައި އެ ޓީމުން ވަނީ އާ ސީޒަނަށް ޕްރީ ސީޒަން ޓްރޭނިން ފަށައިފަ އެވެ.

"ހީއެއް ނުވޭ މިހާ ކްލީންކޮށް މިދިޔަ 10 އަހަރު ތެރޭ ވެސް ވިކްޓަރީ އަށް ސީޒަން ފެށިފައި އޮންނާނެހެނެއް،" ރަމީޒު ވިދާޅުވި އެވެ.

ކުރިން ވެސް އެ ކްލަބަށް ކޯޗުކޮށް ދިން މުހައްމަދު އާތިފް (އާތީ) ކޯޗުކަމަށް ހަމަޖައްސައި އާ ސީޒަނަށް ތައްޔާރުވާން ފެށި ވިކްޓަރީގެ ޓީމުން ވަނީ ގާތްގަނޑަކަށް ދިވެހި ހުރިހާ ކުޅުންތެރިން ހަމަކޮށްފަ އެވެ. އަދި ސްރީ ލަންކާގެ ކީޕަރަކު ވެސް ވަނީ ގެނެސްފަ އެވެ.

ދެ ވަނަ ޑިވިޝަނަށް ބޮޑު ހަރަދެއް ކުރި ކްލަބްގައި ކުޅުންތެރިޔަކަށް ދޭން ޖެހިފައި އޮތް ޕެންޑިން މުސާރައެއް ނެތް ކަމަށް ރަމީޒު ވިދާޅުވި އެވެ.

ކްލަބްތައް މާލީ ގޮތުން ވެއްޓިފައި އޮތް ހާލަތެއްގައި ވިކްޓަރީގެ ޓާގެޓްތައް ދަނޑުބޭރާއި ދަނޑުގެ އެތެރެއާ ވެސް އޮތީ ގުޅިފަ އެވެ.

ރަމީޒު ވިދާޅުވި ގޮތުގައި މެނޭޖްމެންޓަށް އޮތް ޓާގެޓަކީ ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ދީ، ފުރިހަމަކޮށްދެން ޖެހޭ އެހެން ކަންކަން ހަމަޖައްސައި ދިނުމެވެ. އަދި ސީޒަން ނިމޭއިރު ރަނގަޅު ހިސާބެއްގައި ދެމެހެއްޓުމަކީ މުޅި ކްލަބްގެ ޓާގެޓެވެ.

"ދެން ބަލަމާ... އިރާދަކުރެއްވިއްޔާ ރަނގަޅަށް ދާނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ އިސް ހިނގުންތެރިޔެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ރަމީޒު ވިދާޅުވީ ވިކްޓަރީގައި މިހާރު އޮތް މެނޭޖްމެންޓްގެ ޓާގެޓަކީ ކުރީގެ މަގާމަށް ކްލަބް ގެންގޮސްދިނުމެވެ.

"ވިކްޓަރީގެ ސަޕޯޓަރުންނާއި ހެޔޮ އެދޭ ފަރާތްތަކަށް ދޭން ބޭނުންވާ މެސެޖަކީ އެއީ 50 އަހަރުވެފައި އޮތް މި ކްލަބް ކުރީގެ މަގާމަށް ގެންގޮސްދިނުން އެއީ މި މެނޭޖްމެންޓްގެ އެންމެ ބޮޑު ޓާގެޓަކީ،" ރަމީޒު ވިދާޅުވި އެވެ.

ދެ ވަނަ ޑިވިޝަނުގައި އެ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން، ކެޕްޓަން އަކުރަމް އަބްދުލް ޣަނީ އާއި މުހައްމަދު އުމެއިރު، ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) ގެ އިތުރުން ހުސައިން ފައިސަލް (ފައިޓޯ) ވަނީ އަލުން ސޮއި ކުރުވާފަ އެވެ.

ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާ އަށް ވެސް ކުޅުނު އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ވެސް ވިކްޓަރީން ވަނީ ގެނެސްފަ އެވެ. ކުރިން ވެސް އެ ޓީމަށް ކުޅުނު އަލީ ޝާމިސް (ތޮއްޕެ) ވެސް އެ ޓީމުން ވަނީ އަލުން ގެނެސްފަ އެވެ.