Roadha Mihaaru
ޕްރިންސް މުހައްމަދާއި ޓްރަމްޕް ބައްދަލު ކުރައްވައިފި

ޕްރިންސް މުހައްމަދާއި ޓްރަމްޕް ބައްދަލު ކުރައްވައިފި

15 މާޗް 2017

ރިޔާޒް (މާޗް 15) - ސައުދީ އަރަބިއާގެ ބާރުގަދަ ޑިފެންސް މިނިސްޓަރު އަދި ވަލީ އަހުދުގެ ނައިބް ޕްރިންސް މުހައްމަދު ބިން ސަލްމާނަށް ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (މާޗް 15) - ސައުދީ އަރަބިއާގެ ބާރުގަދަ ޑިފެންސް މިނިސްޓަރު އަދި ވަލީ އަހުދުގެ ނައިބް ޕްރިންސް މުހައްމަދު ބިން ސަލްމާނަށް ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައި ވަނީ ވިޔަފާރި އާއި އިގްތިސާދީ މައްސަލަތަކާ އަދި އީރާނުގެ ނުފޫޒާ ގުޅޭ ގޮތުންނެވެ. އީރާނާ ގުޅޭ ގޮތުން އެމެރިކާގެ އާ ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތަށް ސައުދީން ތާއީދު ކުރާނެ ކަމަށް ބެލެވެ އެވެ. އަދި އީރާނުން ތާއީދު ކުރާ ޔަމަނުގެ ހޫތީންނާ ދެކޮޅަށް ސައުދީން ދޭ ހަމަލާތަކަށް އެމެރިކާގެ މާބޮޑު ނުރުހުންތެރިކަމެއް ވެސް ނެތެވެ.

ސައުދީ ވަލީ އަހުދުގެ ނައިބް މުހައްމަދު (ވ) އާއި ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ސައުދީ ވަލީ އަހުދުގެ ނައިބް މުހައްމަދު (ވ) އާއި ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕް ވަނީ ފަލަސްތީނާއި ސީރިއާގެ މައްސަލަ ހައްލު ކުރުމުގައި ސައުދީ އަރަބިއާ އާއި މެދުއިރުމަތީގެ އެހެން ގައުމުތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސައުދީ އަރަބިއާގެ އިގްތިސާދީ އިސްލާހީ ޕްރޮގްރާމް ހިންގެވުމުގައި އެންމެ އިސްކޮށް އުޅުއްވާ މުހައްމަދަކީ އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން އެމަނިކުފާނާ ބައްދަލު ކުރެއްވި ސައުދީ އަރަބިއާގެ އެންމެ އިސް އޮފިޝަލެވެ.

ސައުދީ އާއި އެމެރިކާގެ މެދުގައި ޒަމާންވީ ގާތް ގުޅުމެއް އޮތް ނަމަވެސް ރައީސް ބަރަކް އޮބާމާގެ އަށް އަހަރުގެ ވެރިކަމުގައި އެ ގުޅުމަށް ވަނީ ހީނަރުކަން ކުރިމަތިވެފަ އެވެ. ސައުދީން ތުހުމަތުކޮށްފައިވާ ގޮތުގައި ސީރިއާގެ މަދަނީ ހަނގުރާމައިގައި ބައިވެރިވުމަށް އޮބާމާގެ ސަރުކާރުން ދެކޮޅު ހަދަމުން ދިއުމުގެ އިތުރުން އެމެރިކާ އިން ވަނީ ސައުދީގެ ވާދަވެރިޔާ އީރާނާ ގާތް ގުޅުމެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ.

ސައުދީ ވަލީ އަހުދުގެ ނައިބް މުހައްމަދު (ކ) އާއި ޓްރަމްޕް ވައިޓް ހައުސްގައި. --ފޮޓޯ:އޭއެފްޕީ

ސައުދީ ވަލީ އަހުދުގެ ނައިބް މުހައްމަދު (ކ) އާއި ޓްރަމްޕް ވައިޓް ހައުސްގައި. --ފޮޓޯ:އޭއެފްޕީ

ތެލަށް ބަރޯސާވުން ކުޑަކުރުމަށް ސައުދީގެ އިގްތިސާދަށް ގެންނަ އިސްހީ ޕްރޮގްރާމް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވަނީ މުހައްމަދެވެ. އަދި ޔަމަނަށް ދޭ ހަމަލާތަކުގައި އެންމެ އިސް ރޯލެއް އަދާ ކުރަނީ ވެސް މުހައްމަދެވެ.

ޕްރިންސް މުހައްމަދު އެމެރިކާ އަށް މި ވަޑައިގެންނެވީ ބައްޕާފުޅު އަދި ރަސްގެފާން ސަލްމާން އޭޝިއާގެ ދަތުރުފުޅެއްގައި އުޅުއްވަނިކޮށެވެ. ރަސްގެފާނުގެ ދަތުރުފުޅުގައި ޝާހީ އާއިލާގެ ގިނަ ބަޔަކު ބައިވެރިވެ އެވެ. ޑިޕްލޮމެޓުން ބުނާ ގޮތުގައި ޕްރިންސް މުހައްމަދު، 31، އާއި ވަލީ އަހުދު އަދި ދާޚިލީ ވަޒީރު މުހައްމަދު ބިން ނާއިފް، 56، އާ ދެމެދު ވާދަވެރިކަމެއް ވަނީ އުފެދިފަ އެވެ.