Roadha Mihaaru
ކާށިދޫގައި މުސަޅަށް ވުރެ ކަންޒު ކަހަނބު ކުރީގައި

ކާށިދޫގައި މުސަޅަށް ވުރެ ކަންޒު ކަހަނބު ކުރީގައި

17 މާޗް 2017

ތާރީޚީ ހެކިތަކަށް ބަލާއިރު، ކާށިދޫގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވެ ދިރިއުޅެން ފެށި އިރު ވެސް އެ ރަށުގައި ކަންޒު ކަހަނބު އުޅޭނެ ކަމަށް ބެލެވެ އެވެ. މި ރަށުގައި މީހުން ވަޒަންވެރިވީ ކޮން ދުވަސްވަރެއްގައި ކަން ނޭނގުނަސް، މި ރަށުގެ މީހުން އިސްލާމް ދީން ގަބޫލު ކުރުމުގެ ކުރިން، ބުދު ދީން އޮތް ޒަމާނުގައި ވެސް މި ރަށުގައި ކަންޒު ކަހަނބު އުޅުނު ކަމުގެ އާސާރީ ހެކި އެބަހުއްޓެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ތާރީޚީ ހެކިތަކަށް ބަލާއިރު، ކާށިދޫގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވެ ދިރިއުޅެން ފެށި އިރު ވެސް އެ ރަށުގައި ކަންޒު ކަހަނބު އުޅޭނެ ކަމަށް ބެލެވެ އެވެ. މި ރަށުގައި މީހުން ވަޒަންވެރިވީ ކޮން ދުވަސްވަރެއްގައި ކަން ނޭނގުނަސް، މި ރަށުގެ މީހުން އިސްލާމް ދީން ގަބޫލު ކުރުމުގެ ކުރިން، ބުދު ދީން އޮތް ޒަމާނުގައި ވެސް މި ރަށުގައި ކަންޒު ކަހަނބު އުޅުނު ކަމުގެ އާސާރީ ހެކި އެބަހުއްޓެވެ.

މީލާދީން ތިން ވަނަ ގަރުނާއި ނުވަ ވަނަ ގަރުނާ ދެމެދު ބިނާކޮށްފައި ހުރި މި ރަށުގެ ކުރުހިންނަ ތަރާގަނޑު ދިރާސާ ކޮށް ބެލުމުގެ ތެރޭގައި ފެނުނު ތަކެތީން އެ ކަމުގެ ހެކި ލިބުނެވެ. އޭގެ ތެރޭގައި އާދަޔާ ޚިލާފަށް ބޮޑު ކަންޒު ކަހަނބެއްގެ ބައިތަކެއް ހިމެނެ އެވެ.

ތާރީޚް ދިރާސާ ކުރާ މީހުން ގަބޫލުކުރާ ގޮތުގައި އެއީ ބުދުދީނުގެ ކޮންމެވެސް މުނާސަބަތެއްގައި އެ މީހުންގެ ކަލާނގެ އަށް ގުރުބާން ކުރުމުގެ ގޮތުން ކަތިލާފައިވާ ކަހަނބެއްގެ ބައިތަކެކެވެ. އެހެންކަމުން އެ ޒަމާނުގައި ވެސް މި ރަށުގައި ކަންޒު ކަހަނބުގެ ބޮޑު އާބާދީއެއް އޮތް ކަން އެނގެ އެވެ.

ކޮންޒަވޭޝަން އިންޓަނޭޝަނަލްސް ޓޯޓޮއިސް އާއި ފްރެޝް ވޯޓާ ޓާޓްލް ކޮންޒަވޭޝަން ޕްރޮގްރާމްގެ ޑިރެކްޓަ ޑރ. ޕީޓާ ޕޯލް ވާން ޑިޗް ވިދާޅުވާ ގޮތުގައި ކަންޒު ކަހަނބަކީ 50 އަހަރުގެ އުމުރު ދިގު އެއްޗެކެވެ. އެސޮރުމެން ދަރިމައިވާ އެވްރެޖް އުމުރަކީ 15-20 އަހަރެވެ. އެހެންކަމުން ދަރިމައިވެ އިތުރު ކަހަނބު އުފަންވުމުގެ ކުރިން، އޮޅު ޖަނަވާރެއްގެ ގޮތުގައި ގޭތެރޭގައި ގެންގުޅެން އެސޮރުމެން ހިފައިގެން ގެންގުޅުމަކީ އެސޮރުމެންގެ ނަސްލު ނެތިދިއުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. އަނެއް ސަބަބަކީ މަސް ކެއުމަށްޓަކައި ކަންޒު ކަހަނބު ހިފުމެވެ.

ކަންޒު ކަހަނބުގެ ގާތްގަނޑަކަށް 280 ބާވަތް ދުނިޔޭގައި އުޅޭ އިރު، އޭގެ ތިން ބައިކުޅަ އެއްބައި ބާވަތް ވަނީ ނެތިދިޔުމުގެ ނުރައްކަލާ ކުރިމަތިލައިފަ އެވެ. ކަންޒު ކަހަނބު ނެތި ދިއުމުގެ މައިގަނޑު އަނެއް ސަބަބަކީ، އެސޮރުމެން ދިރިއުޅޭ މާހައުލު ނެތި ދިޔުމެވެ.

ރާއްޖެއަކީ ވެސް އޭގެ މިސާލެކެވެ. ހުޅުލޭގައި އެއާޕޯޓް ހެދުމުގެ ކުރިން، އެ ރަށުގައި މީހުން އުޅުނު ދުވަސްވަރު، ހުޅުލޭގައި ވެސް ގިނަ އަދަދަކަށް ކަންޒު ކަހަނބު އުޅުނު ކަމަށްވެ އެވެ. ނަމަވެސް އެ ރަށުން މީހުން ބާލައި އެއާޕޯޓް ހެދުމަށްޓަކައި އެރަށުގެ ޗަސްބިމަށް ވެލި އަޅައި ފޮރުވައިލި ހިސާބުން އެސޮރުމެންގެ މާހައުލު ނެތިދިޔައީ އެވެ.

ރާއްޖޭގެ ހުރިހާ ކަނޑުތަކެއްގައި ކަހަނބާއި ވެލާގެ ތަފާތު އެތައް ނަސްލެއް ދިރިއުޅެމުންދެ އެވެ. ނަމަވެސް އެއްގަމުގައި ނުވަތަ މީރު ފެނުގައި ދިރިއުޅޭ ކަންޒު ކަހަނބު، ރާއްޖޭގެ މަދު ރަށެއްގައި ނޫނީ ނެތެވެ. އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީން ބުނާ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ހަތް ރަށެއްގައި ކަންޒު ކަހަނބު އުޅުނެވެ. ނަމަވެސް މިހާރު އެންމެ ތިން ރަށެއްގައި ނޫނީ ކަންޒު ކަހަނބެއް ނޫޅެ އެވެ. އެއީ ހދ. ނެއްލައިދު އާއި ކ. ކާށިދޫގެ އިތުރުން މ. މުއްޔެވެ.

ކާށިދޫން ގެނައި ކަހަނބެއް މާލޭގައި -- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ކާށިދޫން ގެނައި ކަހަނބެއް މާލޭގައި -- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

މިއިން އެނގެނީ މި ބާވަތުގެ ކަހަނބު ރާއްޖޭން ނެތި ދިޔުމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައި ކަމެވެ. މީގެ ކުރީގައި ކަންޒު ކަހަނބަކީ ގޭގޭގައި ވެސް އަދި މަސް ޓޭންކުތަކުގައި ވެސް ގެންގުޅެމުން އައި އެއްޗެކެވެ. ނަމަވެސް އެއްވެސް ބޭނުމެއްގައި ކަންޒު ކަހަނބު ހިފުމަކީ މިހާރު މަނާ ކަމެކެވެ.

"މި ރަށުގެ މީހުން ވެސް އަދި ކުދިން ވެސް މިހާރު ބޭނުމެއް ނުވޭ އެސޮރުމެން ހިފާކަށް. ސްކޫލް ކުދިން މިހާރު ތިބީ އެ ކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވެފައި. ސްކޫލްގެ އެންމެ ދަށުގެ ކްލާސްތަކުން ފެށިގެން ހޭލުންތެރި ކުރަމުން އައިމަ، މިހާރު އެ ތަކެއްޗަށް ގެއްލުމެއް ދޭ އެއްވެސް ކަމެއް މި ރަށުގެ މީހުން ނުކުރާނެ. މީގެ ކުރިން މި ރަށުގެ ގޭގޭގައި ގެންގުޅޭނެ ކަންޒު ކަހަނބު ހިފައިގެން،" މި ރަށުގައި ހުންނަ އަތޮޅު މަދަރުސާގެ ހިސާބު ޓީޗަރެއް ކަމަށްވާ އިމްރާން މުހައްމަދު ވިދާޅުވި އެވެ.

އެސޮރުމެންނަށް ގާނޫނީ ގޮތުން ލިބުނު ރައްކާތެރިކަމާއި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ހިމާޔަތުގެ ސަބަބުން އެސޮރުމެންގެ މިނިވަންކަން ވެސް މިހާރު ވަނީ ހައްދުފަހަނައަޅައިފަ އެވެ. ވަލުތެރޭގަ އާއި ޗަކަ ބިމުގައި އުޅެމުން އައި ކަހަބުތައް މިހާރު ރަށު ތެރެއަށް ވެސް އަންނަނީ އެވެ. އެއީ ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން އޮންނާތީ ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް އެ އިތުބާރުގެ ސަބަބުން ވެސް އެ ސޮރުމެންނަށް ކުރިމަތިވާ ނުރައްކާތަކެއް އޮވެ އެވެ.

"މިހާރު ވާ ގޮތަކީ، އެސޮރުމެން ރޭގަނޑަށް ވަރަށް ގިނައިން މަގުތަކަށް ނުކުންނާނެ. ޚާއްސަކޮށް ވަލާއި ދަނޑުބިންތަކާ ކައިރީގައި އޮންނަ މަގުތަކަށް ނުކުންނާނެ ވަރަށް ގިނައިން. މި ރަށުގައި މި އުޅެނީ ވަރަށް ކުދިކުދި ކަހަނބު ނޫންތޯ. އެހެންވީމާ މިވާ ގޮތަކީ ކަހަނބެއް މަގު މެދުގައި އޮތަސް ގިނަ ފަހަރަށް ނޭނގޭނެ. އެހެން ނުކުމެގެން އުޅޭއިރު، ދުއްވާ އެއްޗެހީގެ ފުރޮޅު ދަށުވެގެން ޗިސްވަނީ. ހެނދުނު މަގު ކުނިކަހަން ނުކުންނަ މީހުންނަށް ފެންނާނެ މަގުމަތީ ޗަސްވެފައި ހުންނަ އެއްޗެހި،" އިމްރާން ވިދާޅުވި އެވެ.

މި ރަށުގެ ދަނޑުވެރިއެއް ކަމަށްވާ އައިމިނަތު ބުނި ގޮތުގައި ރަށުގެ މީހުން ކަހަނބު ނުހިފި ކަމުގައި ވިޔަސް، ބީރައްޓެހި ރަށްރަށުން އަންނަ މީހުން ކަހަނބު ހޯދަން ވަރަށް އުޅެ އެވެ.

"ރަށްރަށުން އަންނަ މީހުން ވަރަށް އުޅޭނެ ކަހަނބު ހިފައިގެން ގެންދަން. ބައެއް މީހުން ގެންދަން ވެސް ގެންދޭ. އެމީހުން މި ހަދާ ގޮތަކީ ދަނޑުތަކުގައި މަސައްކަތް ކުރާ ބިދޭސީންނާ ގުޅާލައިގެން އެތަކެތި ހިފަނީ. އެސޮރުމެން ގިނައިން ފެންނާނީ ދަނޑުތަކަށް ފެންދޭން ކޮނެފައި ހުންނަ ފެންވަޅުގަނޑުތަކުން. އެމީހުންނަށް ފައިސާކޮޅެއް ދިނީމާ ހިފައިގެން ގެނެސްދޭ. އެކަމު ރަށު މީހަކަށް އެނގިގެން ރަށުން ބޭރެއް ނުކުރެވޭނެ. ވަރަށް ސިއްރުން އެކަން ކުރަނީ،" އައިމިނަތު ބުންޏެވެ.

މި ރަށު މީހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި ކަންޒު ކަހަނބަކީ އެ މީހުންގެ މުޖްތަމައުގެ ބައިވެރިއެއް ކަމުގައި އެމީހުން މިހާރު ގަބޫލުކުރެ އެވެ. ދަނޑުތަކުގަޔާއި ވަލުތެރޭގައި އުޅޭ އުޅުމުގައި ވެސް ކިތަންމެ ބައިވަރު ކަހަނބެއް ފެނުނަސް އެތަކެތި ހިފައި ގެއްލުމެއް ދޭ މީހަކު ނޫޅެ އެވެ.

ކާށިދޫން ފެނުނު ކަހަނބެއް -- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ކާށިދޫން ފެނުނު ކަހަނބެއް -- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

މި ރަށުގައި މިހާރު އެންމެ ގިނައިން ކަންޒު ކަހަނބު ފެންނަނީ، ދަނޑުތަކުގައި ގަސްތަކަށް ފެންދިނުމަށްޓަކައި ފެން ނަގަން ކޮޅެފައި ހުންނަ ކުދިކުދި ވަޅުވަޅުގަނޑުންނެވެ. ކަންޒު ކަހަނބަކީ އާންމު ގޮތެއްގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ކައިގެން މީރުފެނުގައި ދިރިއުޅޭ އެއްޗަކަށް ވާތީ، މި ރަށުގެ ދަނޑުބިންތަކަކީ އެސޮރުމެންގެ ގެދޮރު ކަމުގައި މިހާރު ބެލެވެ އެވެ.

"އެންމެ ގިނައިން ވަލުތެރެ އިން ކަހަނބުތައް ނުކުންނަން ފަށާނީ ބަނބުކެޔޮ މޫސުމަށް. ގަސް ދޮށަށް ވެރިފައި ހުންނަ ވަނދު ބަނބުކެޔޮ ކާން އެސޮރުމެން އެ ދުވަސްވަރަށް ނުކުންނަނީ. އެ މޫސުމަށް ގަސްގަސް ދޮށުން ފެންނާނެ ވަރަށް ގިނައިން ބަނބުކެޔޮ ކާން ތިބޭ ތަން. ވިއްސާރަ މޫސުމަށް ރަށުގެ މަގުތަކުގައި ހެދިފައި ހުންނަ ފެންކޮޅުކޮޅުގެ ތެރޭން ވެސް އެސޮރުމެން ފެންނާނެ،" އިމްރާން ވިދާޅުވި އެވެ.

އޭގެ އިތުރުން ޗަކަބިމުގައި ހުންނަ ކަނޑުލާއި ރަނޑޫ އަދި ކުއްޅަވަކަކީ ވެސް އެސޮރުމެންގެ ކާނާއެކެވެ. ކަނޑޫ މޫސަމަށް ކަނޑޫ ފަލުގެ ތެރެއިން ވަރަށް ގިނައިން ކަހަނބު ފެންނަ ކަމަށް އެ ރަށު މީހުން ބުނެ އެވެ. އަދި ކުއްޅަވައް މޫސުމުގައި ކުއްޅަވައް ފަލުގެ ތެރޭގައި ވެސް ކަހަނބުތައް ގިނައިން އުޅެ އެވެ.

އަޅުގަނޑުމެން ކުޑައިރު އަހާ ޚިޔާލީ ފުލޯކު ވާހަކަތަކުގައި، ރީތިކޮށް ހަލުވިކޮށް ދުވާ މުސަޅާ ވާދަ އަށް ނުކުތީ، ސިފަ ހުތުރު އަދި އިންތިހާ އަށް ލޮޑު ކަންޒު ކަހަނބެވެ. އެހެންކަމުން ތިމާގެ ހަލުވިކަމުގެ މައްޗަށް މުސަޅު ބޮޑާވެގެން ހުއްޓައި ކޮންމެ ފަހަރަކު ވެސް ކުރި ހޯދަނީ ކަންޒު ކަހަނބެވެ.

ކާށިދޫގެ ހަގީގީ ދިރިއުޅުމުގައި ވެސް އޮތީ ހަމަ އެ އުސޫލެވެ. ހުރިހާ ކަންޒު ކަހަނބުތަކެއް މިއަދު ދިރިއުޅެނީ ގާނޫނީ ހިމާޔަތް ލިބިގެން ފުރިހަމަ މިނިވަންކަމާ އެކުގަ އެވެ. ރަށުގެ ވަލުތެރެ އާއި އަވަށު ތެރޭގައި ކަންޒު ކަހަބަށް ނުދެވޭ ތަނެއް ނެތެވެ. ދަނޑުބިންތަކުގައި ހައްދާ ކޮންމެ ބާވަތެއްގެ މޭވާއެއް ނުވަތަ ތަރުކާރީއެއް ކެއުމަކަށް ވެސް އެސޮރުމެންނަށް ހުރަހެއް ނެތެވެ. އެކަން އެހެން އޮތް އިރު މި ރަށުގައި ވަރަށް މަދުން ނޫނީ މުސަޅެއް ނެތެވެ. މުސަޅެއް އޮތަސް، އޮތީ ކޮންމެވެސް ގެއެއްގެ ކޮށީގައި ބަންދުވެފަ އެވެ. އަދި ކާން ލިބޭނީ ވެސް ގޭ މީހުން ކައިފައި އުކައިލާ ބަތްކޮޅެއް ނުވަތަ ދިއްކޮށްލާ ވިނަކޮޅެއް، ފަތްކޮޅެއް ފަދަ އެއްޗެކެވެ.