Roadha Mihaaru
އެންމެ ދުވަސްވީ ޖަނަވާރު: 189 އަހަރުގެ ކަހަނބެއް

އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު: 189 އަހަރުގެ ކަހަނބެއް

20 ޖޫން 2021

މި ވަގުތު ދުނިޔޭގައި އޮތް އެންމެ ދުވަސްވީ އެއްގަމު ޖަނާވާރަކީ 189 އަހަރުގެ ކަހަނބެކެވެ. އެސޮރު އޮންނަނީ ދެކުނު އެޓްލާޓިކް ކަނޑުގައި އިނގިރޭސީންގެ ބާރުގެ ދަށުގައި އޮންނަ ސެއިންޓް ހެލީނާ ކިޔާ ރަށުގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ވަގުތު ދުނިޔޭގައި އޮތް އެންމެ ދުވަސްވީ އެއްގަމު ޖަނާވާރަކީ 189 އަހަރުގެ ކަހަނބެކެވެ. އެސޮރު އޮންނަނީ ދެކުނު އެޓްލާޓިކް ކަނޑުގައި އިނގިރޭސީންގެ ބާރުގެ ދަށުގައި އޮންނަ ސެއިންޓް ހެލީނާ ކިޔާ ރަށުގަ އެވެ.

އެތަނަށް އެ ކަހަނބު ގެންދިޔައީ އިތުރު ދޭއްޗާ އެކު ސީޝެލްސްއިންނެވެ. އެއީ 1882 ގަ އެވެ. އޭރު ވެސް މި ފިރިހެން ކަހަނބުގެ އުމުރުން 50 އަހަރު ވަނީ ވެފަ އެވެ. އެއަށް ޖޮނަތަންގެ ނަން 1930 ގެ އަހަރުތަކުގައި އޭރު ސެއިންޓް ހެލީނާގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި ސާ ސްޕެންސާ ޑޭވިސް ވަނީ ދެއްވައިފަ އެވެ.

އެ ރަށުގެ ފެހި މާހައުލުގެ ތެރޭގައި ވަރަށް މިނިވަންކަމާ އެކު ޖޮނަތަން ދިރިއުޅެމުން އަންނަ އިރު އެ ބެލެހެއްޓުމުގެ ހުރިހާ ހަރަދެއް ކުރަނީ ސެއިންޓް ހެލީނާގެ މާލީއްޔާއިންނެވެ. އެއާ އެކީ 1991 އިން ފެށިގެން ފްރެޑްރިކް ކިޔާ ކަހަނބެއް ވެސް އޮވެ އެވެ.

އަންނަ އަހަރު ޖޮނަތަން އަށް 190 އަހަރުވާ އިރު ކުރިން ދުނިޔޭގެ ރެކޯޑް ފޮތުން އެންމެ ދުވަސްވީ ކަހަނބުގެ ރަސްމީ ރެކޯޑް ލިބިފައި އޮތީ ޓޮންގާގައި 1966 ގައި މަރުވި ޓުއި މަލީލާ ކިޔާ ކަހަނބަކަށެވެ. އޭތި މަރުވި އިރު އުމުރަކީ 189 އެވެ.

ސައިންޓް ހެލީނާގައި ޖޮނަތަން އަކީ އަބަދު ވެސް ވަރަށް ހާއްސަ ހައިސިއްތަށް ދެވިފައި އޮންނަ އެއްޗެކެވެ. އެގޮތުން އެތަނުގައި ބޭނުންކުރާ ފައިސާ ފޮތީގެ ފަސް ޕެންސްގައި ޖޮނަތަންގެ ތަސްވީރު ހިމަނާފައިވެ އެވެ. ބީބީސީ ރޭޑިއޯ އިން 2014 ގައި ގެނެސްދީފައިވާ "ފްރޮމް އަވާ އޯން ކޮރެސްޕޮންޑެންޓް" ގެ އެޕިސޯޑެއްގައި ވެސް ޖޮނަތަންގެ ވާހަކަ ކިޔައި ދީފައިވެ އެވެ.