Roadha Mihaaru
ނަތީޖާ އިންސާފުވެރިއެއް ނޫން: އަންޗެލޮޓީ

ގޯސް ނިންމުންތައް ގިނަ، ނަތީޖާ އިންސާފުވެރިއެއް ނޫން: އަންޗެލޮޓީ

19 އެޕްރީލް 2017

މެޑްރިޑް (އޭޕްރިލް 19) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ ރެއާލް މެޑްރިޑް އަތުން 4-2 އިން ބަޔާން މިއުނިކް ބަލިވި މެޗުގައި ރެފްރީގެ ފަރާތުން ގިނަ ގޯސް ނިންމުންތަކެއް ފެނުނު ކަމަށާއި އެހެން ކަމުން ނަތީޖާ އިންސާފުވެރިކަމަަށް ގަބޫލުނުކުރާ ކަމަށް ބަޔާންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޭޕްރިލް 19) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ ރެއާލް މެޑްރިޑް އަތުން 4-2 އިން ބަޔާން މިއުނިކް ބަލިވި މެޗުގައި ރެފްރީގެ ފަރާތުން ގިނަ ގޯސް ނިންމުންތަކެއް ފެނުނު ކަމަށާއި އެހެން ކަމުން ނަތީޖާ އިންސާފުވެރިކަމަަށް ގަބޫލުނުކުރާ ކަމަށް ބަޔާންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ރެއާލުން ބަޔާން ކަޓުވާލުމަށް ފަހު ސެމީން ޖާގަ ހޯދީ 6-3 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރިހޯދައިގެންނެވެ. ރޭގެ މެޗުގައި ބަޔާން ކޮޅަށް ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހެޓްރިކެއް ހެދިއިރު، އޭނާ ފަހުން ޖެހި ދެ ލަނޑު ކާމިޔާބުކުރީ އޮފްސައިޑްގައި ހުރެ ކަމަށް ބަޔާނުން އެޕީލްކުރި އެވެ.

މެޗުގެ 85 ވަނަ މިނިޓްގައި ބަޔާނުގެ އާޓޫރޯ ވިޑާލަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިއިރު، އެއީ ރަނގަޅު ކާޑެއް ނޫން ކަމަށް ބަޔާނުން ބުނެ އެވެ. އަދި ރެއާލްގެ މިޑްފީލްޑަރު ކަސެމީރޯ ގިނަ ފައުލުތަކެއް ކުރިއިރު އޭނާ އަށް ކާޑު ނުދައްކާތީ ބަޔާނުން ވަނީ އެކަން ވެސް ފާހަގަކޮށްފަ އެވެ.

"އަހަރެމެންނަށް ހައްގުވާ ނަތީޖާއެއް ނޫން. މިއީ އަހަރެމެންނާ އިދިކޮޅަށް ގިނަ ގޯސް ނިންމުތަކެއް ވަނީ އައިސްފައި. ވިޑާލަށް ދެއްކީ ރަނގަޅު ކާޑެއް ނޫން. ރޮނާލްޑޯ ފަހުން ޖެހި ދެ ގޯލަކީ އޮފްސައިޑް ދެ ލަނޑު،" ކުރިން ރެއާލަށް ކޯޗުކޮށްދިން އަންޗެލޮޓީ ބުންޏެވެ.

މިއީ ސްޕެއިނަށް ނިސްބަތްވާ ކްލަބަކުން މި މުބާރާތުން ބަޔާން ޖެހިޖެހިގެން ކަޓުވާލި ހަތަރު ވަނަ ސީޒަނެވެ.

އަންޗެލޮޓީ ބުނީ މިއީ ޔުއޭފާ އިން ވީޑިއޯ ޓެކްނޮލޮޖީ ތައާރަފް ކުރަންވީ ވަގުތު ކަމަށެވެ.

"ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތަކަށް ރެފްރީން ކަނޑައަޅާއިރު ރަނގަޅު ރެފްރީން އެބަ ނަގަންޖެހޭ. އެހެން ނޫން ނަމަ ދެން އޮތް ހައްލަކީ ރެފްރީންނަށް އެހީތެރިވުމަށް ވީޑިއޯ ޓެކްނޮލޮޖީގެ އެހީ ހޯދަންވީ. އަހަންނަށް އެނގޭ ޔުއޭފާ އިން އެ މަސައްކަތް ކުރަމުން އަންނަކަން. އެކަމަކު މިހާރު އެކަން ކުރުން އަވަސްކުރަން ވެއްޖެ،" އަންޗެލޮޓީ ބުންޏެވެ.

ރޭގެ މެޗަށް ފަހު ބަޔާންގެ ގިނަ ކުޅުންތެރިން ވެސް ވަނީ ސޯޝަލް މީޑިއާގައި މެޗުގެ ރެފްރީ ހަންގޭރީގެ ވިކްޓަ ކަސާއި އަށް ފާޑުކިޔައިފަ އެވެ. މިގޮތުން ފްރޭންކް ރިބެރީ އޭނާގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވަނީ އެއް އަހަރު ދުވަހުގެ މަސައްކަތް އަތުން ބީވެގެން ދިޔައީ ރެފްރީގެ ގޯސް ނިންމުންތަކުގެ ސަބަބުން ކަމަށެވެ.