Roadha Mihaaru

ބޮލީވުޑްގައި މަސައްކަތު ވަގުތު 8 ގަޑިއިރަށް ކުޑަކުރަން ގޮވާލަނީ

ބޮލީވުޑްގެ ފިލްމުތަކުގެ ޝޫޓިންތަކުގައި މަސައްކަތު ވަގުތު ދުވާލަކު 8 ގަޑިއިރަށް ކުޑަކުރަން ގޮވާލާ އަޑުތައް ގަދަވެއްޖެ އެވެ.

މަސައްކަތު ވަގުތު 8 ގަޑިއިރަށް ކުޑަކުރަން ގޮވާލަނީ

ބޮލީވުޑްގެ ފިލްމުތަކުގެ ޝޫޓިންތަކުގައި މަސައްކަތު ވަގުތު ދުވާލަކު 8 ގަޑިއިރަށް ކުޑަކުރަން ގޮވާލާ އަޑުތައް ގަދަވެއްޖެ އެވެ.

މި އަޑުތައް ގަދަވީ ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން އިންޑިއާގެ ޑައިރެކްޓަރު ސަންދީޕް ރެއްޑީ ވަންގާގެ އާ ފިލްމު "ސްޕިރިޓް" އިން ވަކިކުރުމުގެ ކުރިން މަސައްކަތު ވަގުތު ކުޑަކޮށްދޭން ޑިމާންޑުކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާ އެކުގަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ ލީޑު އެކްޓްރެސްގެ ރޯލު ދީޕިކާއަށް ދިނުމަށް ފަހު އަތުލީ ދީޕިކާގެ ފަރާތުން ކުރި ޑިމާންޑުތައް މާ ބޮޑުވުމުގެ ސަބަބުން ސަންދީޕްއާ ދެމީހުންގެ މެދުގައި ހިނގި ދެބަސްވުންތަކަކަށް ފަހުގަ އެވެ. ދީޕިކާ ޑިމާންޑްކުރީ ފިލްމު ޝޫޓިންގައި އުޅޭ ވަގުތު ދުވާލަކު 8-6 ގަޑިއިރަށް ކުޑަކޮށްދިނުމަށާއި މުސާރައިގެ ގޮތުގައި 20 ކްރޯޑް ރުޕީސް ދިނުމަށެވެ. އެކަމަކު، ސަންދީޕް އެގޮތް ބޭނުން ނުވުމުން އެ ޕްރޮޖެކްޓުން ދީޕިކާ ވަނީ ވަކިކޮށްފަ އެވެ.

މިއާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ތަރިން އަންނަނީ ފިލްމުތަކުގެ ޝޫޓިންތަކުގައި މަސައްކަތު ވަގުތު ދުވާލަކު 8 ގަޑިއިރަށް ކުޑަކުރުމަށް ތާއިދުކޮށް ވާހަކަދައްކަމުންނެވެ.

ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން އާއި އޭނާގެ އަންހެނުން ކާޖޮލް ބުނީ ޝޫޓިންތަކުގައި އުޅޭ ވަގުތު، ހާއްސަކޮށް މައިންނަށް ކުޑަކޮށްދޭން ޖެހޭ ކަމަށެވެ.

"އަހަންނަށް ހީވަނީ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު މިހާރު މިކަމާ މައްސަލައެއް ނުޖައްސާނެހެން. އަދި މަޔަކަށް ނުވިޔަސް، އަހަންނަށް ހީވަނީ ކޮންމެ މީހެއްގެ މަސައްކަތު ވަގުތު 8 ނޫނީ 9 ގަޑިއިރަށް ކަންނޭނގޭ އޮންނަން ވާނީ،" އަޖޭ ބުންޏެވެ.

އަޖޭ އާއި ކާޖޮލްގެ އިތުރުން ބޮލީވުޑްގެ އެކްޓަރު ޕަންކަޖު ތުރިޕާޓީ ވެސް ވަނީ މިކަމަށް ތާއީދުކޮށް ވާހަކަދައްކައިފަ އެވެ. ޕަންކަޖު ބުނީ ކުރިން އޭނާ ދުވާލަކު 16-18 ގަޑިއިރު މަސައްކަތް ކުރި ނަމަވެސް މިހާރު އެކަމާ ފާޅުގައި ދެކޮޅު ހަދާ ކަމަށެވެ.

"އެ ހިސާބަށް ކަންކަން ދިޔާމަ އިހުތިރާމާއެކު ނޫނެކޭ ބުނަން ޖެހޭ،" ޕަންކަޖް ބުންޏެވެ.

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން އާއި ޑައިރެކްޓަރު މަނީ ރަތުނަމް ވެސް ވަނީ ވޯކް-ލައިފް ބެލެނެސްއެއް ގެންގުޅުން ވަރަށް މުހިންމު ކަމަށް ބުނެ މިކަމަށް ތާއީދުކޮށް ވާހަކަދައްކައިފަ އެވެ.