Roadha Mihaaru
"ތާރީހު ބަދަލުކޮށްލެވޭ ފަދަ ކާމިޔާބެއް ހޯދަން ބޭނުން"

ތާރީހު ބަދަލުކޮށްލެވޭ ފަދަ ކާމިޔާބެއް ހޯދަން ބޭނުން: ލޯންގޭ

21 މާޗް 2017

މާދަމާ މާލޭގައި ފަށާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަކީ ރާއްޖޭގެ ނަން ވޮލީބޯޅައިގައި ރަން އަކުރުން ފަވާލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް މުޅި ވޮލީ އާއިލާ ދެކެ އެވެ. މުޅި ޓީމު އެ ޖޯޝުގައި ތިބިއިރު، ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ވެސް ދެކެނީ މިއީ ރަނުގެ ފުރުސަތެއްގެ ގޮތުގަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މާދަމާ މާލޭގައި ފަށާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަކީ ރާއްޖޭގެ ނަން ވޮލީބޯޅައިގައި ރަން އަކުރުން ފަވާލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް މުޅި ވޮލީ އާއިލާ ދެކެ އެވެ. މުޅި ޓީމު އެ ޖޯޝުގައި ތިބިއިރު، ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ވެސް ދެކެނީ މިއީ ރަނުގެ ފުރުސަތެއްގެ ގޮތުގަ އެވެ.

"ގައުމީ ޓީމަށް ކުޅޭތާ 14 އަހަރު މިވީ. ވަރަށް ގިނަ ކާމިޔާބީތައް ގައުމީ ލެވެލްގައި ލިބިފައިހުރީ. ގައުމީ ޓީމާ އެކު ވެސް ރިހި މެޑަލާއި ލޯ މެޑަލް ލިބިއްޖެ. މަދުވަނީ ހަމައެކަނި ގޯލްޑެއް. އެއީ މިހާރު އެންމެ ބޭނުން ކާމިޔާބީ އަކީ،" ސެންޓްރަލް ޒޯން މުބާރާތާ ގުޅޭގޮތުން "މިހާރަ"ށް ލޯންގޭ ބުންޏެވެ.

ޒުވާން އުމުރުގައި ގައުމީ ޓީމުން ފުރުސަތު ހޯދި ލޯންގޭ އަކީ ރާއްޖޭގެ އެންމެ އިތުބާރު ކުޅުންތެރިޔާ އެވެ. އޭނާ ދެކޭ ގޮތުގައި މި ވަގުތު ރާއްޖޭގައި އޮތް ޓީމަކީ ހުނަރުގެ ގޮތުންނާއި އެހެން ގޮތްގޮތުން ވެސް ފާހަގަ ކޮށްލެވޭ މޮޅު ޓީމެކެވެ.

"ވަރަށް ރަނގަޅު ޓީމެއް މިއޮތީ. މިދިޔަ މުބާރާތުގައި ހެދުނު ގޯސްތައް ރަނގަޅުކޮށްގެން މޮޅުވެވޭނެ ގޮތަށް ޓީމު މިއޮތީ. ތައިލެންޑް ޓްރެއިނިން ކޭމްޕްގައި ލިބުނު މެޗުތަކާ އެކު މި ޓީމު މިއޮތީ މުބާރާތުގައި ނަތީޖާ ނެރެވޭ ވަރަށް ފިޓްކޮށް،" ލޯންގޭ ބުންޏެވެ.

އަމިއްލަ ގައުމުގައި ކުޅުން، ކުޅުންތެރިންގެ ހިތްވަރު ގަދަވާނެ

މީގެ ކުރިން ވޮލީބޯޅައިގެ މިފަދަ ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ބާއްވާފައިނުވެ އެވެ. މިއީ ފިރިހެން ވޮލީ ޓީމަށް މި ގޮތަށް ލިބޭ ފުރަތަމަ ފުރުސަތެވެ. ލޯންގޭ ގަބޫލުކުރާ ގޮތުގައި އަމިއްލަ ގައުމުގައި ކުޅުމަކީ ކުޅުންތެރިންގެ ހުނަރުގެ ބޭނުން އެންމެ ފުރިހަމަ އަށް ކުރަން ލިބޭ ފުރުސަތެކެވެ.

"ހަގީގަތުގައި ކުރިން މުބާރާތްތައް މި ކުޅެނީ ގައުމުން ބޭރުގައި. ސަޕޯޓެއް ނުލިބޭ. އެކަމަކު އަމިއްލަ ގައުމުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު. ކުޅުންތެރިން ދެގުނަ ހިތްވަރު ގަދަވާނެ. މޮޅުވާން އިތުރު ހިތްވަރެއްލާނެ. ސަޕޯޓަރުން ހިތްހަމަ ޖައްސައިދޭން ވެސް މަސައްކަތް ކުރާނެ،" ލޯންގޭ ބުންޏެވެ.

ގައުމީ ވޮލީބޯޅަ ޓީމު.-- ފޮޓޯ: ވީއޭއެމް

ގައުމީ ވޮލީބޯޅަ ޓީމު.-- ފޮޓޯ: ވީއޭއެމް

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ތުރުކަމަނިސްތާން އާއި ކިރްގިސްތާން އަދި ނޭޕާލް އެވެ. މި ޓީމުތަކަކީ މީގެ ކުރިން ފާއިތުވި އަހަރުތަކުގައި ރާއްޖެއާ ދެކޮޅަށް ކުޅެފަ އެވެ. ލޯންގޭ ބުނީ މި ޓީމުތަކަކީ ރާއްޖެ އަށް ފަރިތަ ޓީމުތަކެއް ކަމަށް ވުމުން ފަސޭތަކެއް ވެސް އެބަހުރި ކަމަށެވެ.

"މުޅިން ވެސް މިހުރީ މުބާރާތްތަކުގައި އަހަރެމެންނާ ދެކޮޅަށް ކުޅެފައި ހުރި ޓީމުތައް. އެހެންވުމުން މި ޓީމުތައް އެނގޭ. ތުރުކަމަނިސްތާން އެކަނި މިއުޅެނީ ބަލިނުކުރެވި. އެކަމަކު އަމިއްލަ ގައުމުގައި އެ ޓީމު ވެސް ބަލިކުރެވޭނެ،" ލޯންގޭ ބުންޏެވެ.

މި ޓީމުތަކަށް ވެސް ދިވެހި ކުޅުންތެރިން އެނގޭނެ ކަމަށާއި މި ކަމަށް ވެސް ސަމާލުވާން ޖެހޭނެ ކަމަށް ލޯންގޭ ވަނީ ބުނެފަ އެވެ.

ކޯޗިން ޓީމަށް ކުޅުންތެރިންގެ ފުރިހަމަ އިތުބާރު

ވޮލީ ޓީމު މި ފަހަރު މުބާރާތަށް ނުކުންނާނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝަރަފްގެ ބެލުމުގެ ދަށުންނެވެ. ޝަރަފް ވަނީ 2013 ވަނަ އަހަރު ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ދެ ވަނަ މަގާމް ރާއްޖެއަށް ހޯދައިދީފަ އެވެ.

ކޯޗިން ޓީމަށް ބެލިޔަސް ތިބީ ވޮލީގައި ނަން ގުނާލެވޭފަދަ ފަރާތްތަކެވެ. ޓީމުގެ ޓްރޭނަރު އަބްދުﷲ ނަޝީދު (އަބުޅޯ) އާއި އެސިސްޓަންޓް ކޯޗުން ކަމަށްވާ އިބްރާހިމް ޝިހާމް (ސަޑިއްކެ) އަދި މުހައްމަދު ސާޖިދު (ކާއްޓޭ) އަކީ ގައުމީ ލެވެލްގައި އެތަކެއް ކާމިޔާބީތަކާ ގުޅިފައިވާ ފަރާތްތަކެކެވެ.

ލޯންގޭ ބުނީ ކޯޗިން ޓީމުގައި ހިމެނެނީ މީގެ ކުރިން ވޮލީ އަށް ބޮޑެތި ކާމިޔާބީތަކެއް ކުޅުންތެރިންގެ ގޮތުގައި އަދި ކޯޗިންގައި ހޯދައިދީފައިވާ ފަރާތްތަކެއް ކަމަށެވެ.

"ހެޑް ކޯޗު (ޝަރަފް) އަކީ ޓީމު ވަރަށް ރަނގަޅަށް އެނގޭ ކޯޗެއް. ދެން ތިބި އެންމެންނަކީ ވެސް ވަރަށް ތަޖުރިބާހުރި ފަރާތްތަކެއް. ޖޫނިއާ ލެވެލުން ފެށިގެން މި ކުޅުންތެރިންގެ ކަންތައްތައް ކޯޗުންނަށް އެނގޭނެ. އެފަދަ ބައެއް ބެންޗުގައި ތިބުމަކީ ކުޅުންތެރިންނަށް ލިބިގެންދާނެ ބޮޑު ހިތްވަރެއް،" ލޯންގޭ ބުންޏެވެ.

މާދަމާ ފަށާ މުބާރާތަކީ ރާއްޖޭގެ ވޮލީބޯޅަ އެހެން ލެވެލަކަށް ގެންދަން ލިބޭ ފުރުސަތެކެވެ. ފުޓްބޯޅައިގައި ވެސް ރާއްޖެ އަށް ކާމިޔާބު ލިބުނީ އަމިއްލަ ފަސްގަނޑުގައި ފެށި މުބާރާތަކުންނެވެ. އެގޮތަށް ވޮލީގައި ވެސް މިއޮތީ އެ ދުވަސް އައިސްފަ އެވެ. ސަޕޯޓަރުންގެ އެހީގައި ވޮލީ އަށް ވެސް އެ ފަދަ ކާމިޔާބެއް ހޯދޭނެ ކަމަށް ލޯންގޭ ގަބޫލުކުރެ އެވެ.

"މިއީ ހުރިހާ ބަޔަކަށް ވެސް އެކުވެގެން ތާރީހު ބަދަލުކޮށްލަން ލިބޭ ފުރުސަތެއް. އެއީ އަމިއްލަ ގައުމުގައި މި ފަދަ މުބާރާތެއް ކުޅެލުމުގެ ފުރުސަތު މަދު ފަހަރަކު ލިބޭނީ. ބޭނުންވަނީ މީގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފަން. އެއީ ހުރިހާ ކުޅުންތެރިންގެ އަޒުމަކީ ވެސް. ސަޕޯޓަރުންގެ އެހީގައި މިއީ ކުރެވޭނެ ކަމެއް،" ލޯންގޭ ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ރާއްޖެ ބައްދަލުކުރާނީ ކިރްގިސްތާންއާ އެވެ. ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މި މެޗު ފަށާނީ ހަވީރު 4 ޖަހާއިރު އެވެ.