Roadha Mihaaru

ރައީސްގެ ދެކަނބަލުންގެ ނަމަށް ނިސްބަތްކޮށް ސިންގަޕޫރުގައި އޯކިޑަކަށް ނަން ދީފި

ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ނަމުން އޯކިޑަކަށް ނަން ދީފި އެވެ.

ރައީސްގެ ދެކަނބަލުންގެ ނަމުން އޯކިޑަކަށް ނަން ދީފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

30 ޖޫން 2025

ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ނަމުން އޯކިޑަކަށް ނަން ދީފި އެވެ.

ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ނޭޝަނަލް އޯކިޑް ގާޑަން އަށް މިއަދު ހެނދުނު ޒިޔާރަތް ކުރެއްވުމުން އެ ދެކަނބަލުންގެ ނަމަށް ނިސްބަތްކޮށް، އެ ތަނުގެ އެކޯޑް ގަހަށް ނަން ދިންކަމުގެ ލިޔުން އެ ދެކަނބަލުންނާ ހަވާލުކޮށް ދެއްވީ ނޭޝަނަލް އޯކިޑް ގާޑަންގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ޓެން ޕުޔޭ އެވެ.

ސިންގަޕޫރަށް ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގަންނަވާ އެހެން ގައުމުތަކުގެ ރައީސުންނާއި ފަސްޓް ލޭޑީންގެ ނަމުން އެ ގާޑަންގައި އޯކިޑް ގަހަށް ނަން ދިނުމަކީ އެ ބޭފުޅުންގެ ޝަރަފުގައި ސިންގަޕޫރުން ކުރާ ކަމެކެވެ.

ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަން އަށް މިއަދު ވަޑައިގެން މެހުމާނުންގެ ފޮތުގައި ލިޔުއްވަނީ--ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަން އަށް މިއަދު ވަޑައިގެން މެހުމާނުންގެ ފޮތުގައި ލިޔުއްވަނީ--ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދެކަނބަލުން މިއަދު އޯކިޑް ގާޑަންއަށް ކުރެއްވި ޒިޔާރަތުގައި، އެތަން ބައްލަވާލެއްވުމުގެ އިތުރުން މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ރައީސާއި ފަސްޓްލޭޑީ ވަނީ ސޮއި ކުރައްވައިފަ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ރައީސުންނާއި ފަސްޓް ލޭޑީންގެ ނަމުން އެ ގާޑަންގައި އޯކިޑް ގަހަށް ނަން ދީފައިވެ އެވެ.

ސިންގަޕޫރާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ބަދަހި ކުރިތާ 50 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ރައީސް މުއިއްޒު އަންނަ ބުދަ ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރާ ބައްދަލު ކުރެއްވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.