Roadha Mihaaru

ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ސިންގަޕޫރާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަން ދިވެހި ސަރުކާރުން ސިންގަޕޫރުގެ ކޯޕަރޭޝަން އެންޓަޕްރައިޒްއާ އެކު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރަން އެމްއޯޔޫއެއް
މުއިއްޒު އިބްރާހިމް
ސިންގަޕޫރު މުއިއްޒު އިބްރާހިމް

01 ޖުލައި 2025

ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަން ދިވެހި ސަރުކާރުން ސިންގަޕޫރުގެ ކޯޕަރޭޝަން އެންޓަޕްރައިޒްއާ އެކު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ސިންގަޕޫރުގައި މިއަދު ބޭއްވި މޯލްޑިވްސް-ސިންގަޕޫ ބިޒްނަސް ފޯރަމްގެ ތެރެއިން އެ އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ސިންގަޕޫރު ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ޓޭ ލިއަން ޗިއު އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ އެމްއޯޔޫގެ ދަށުން ގާއިމްކުރެވޭ ޕާޓްނާޝިޕްގެ ދަށުން ސިންގަޕޫރުގެ ޕަބްލިކް ސެކްޓާގެ އިލްމާއި ނަމޫނާ އާދަތައް ބޭނުންކޮށްގެން ރާއްޖޭގައި މުހިންމު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިވާނެ ކަމަށެވެ.

ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި ގާބިލުކަން އެ އެމްއޯޔޫގެ ދަށުން އިތުރުކޮށް، މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒަންކުރުމުގެ ހަރުދަނާ އޮނިގަނޑުތަކެއް ގާއިމް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި މައިގަނޑު މަސައްކަތުގެ ފެންވަރު ދައްކުވައިދޭ މިންގަނޑުތަކާއި (ކޭޕީއައި) ޖަވާބުދާރީވުމުގެ ނިޒާމުތައް އެކުލަވާލުމުގެ އިތުރުން ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މާލީ ހިންގުމާއި ހިންގުމުގެ ހަރުދަނާ ކަމާއި ވިޔަފާރީގެ ރަނގަޅު އުސޫލުތައް ހަރުދަނާ ކުރެވޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް މިއަދު ކުރިއަށް ގެންދިޔަ ބިޒްނަސް ފޯރަމްގައި ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް އިންވެސްޓްމަންޓް މަޝްރޫއުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.