Roadha Mihaaru

"ޕްރޮޖެކްޓް ސޯލާ ސިޓީ" އަކީ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި ކަނޑައަޅުއްވައިފި

ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގޮތުގައި "ޕްރޮޖެކްޓް ސޯލާ ސިޓީ" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

"ޕްރޮޖެކްޓް ސޯލާ ސިޓީ" ސްޕެޝަލް އިކޮނޮމިކް ޒޯނަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

02 ޖުލައި 2025

ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގޮތުގައި "ޕްރޮޖެކްޓް ސޯލާ ސިޓީ" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

ސިންގަޕޫރަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާ އެކު ސޮއިކޮށްފަ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެގޮތުގައި "ޕްރޮޖެކްޓް ސޯލާ ސިޓީ" ކަނޑައެޅުއްވިއިރު، އެ ޒޯނުގައި ކުރުމަށް ހުއްދަ ދީފައިވާ ކަންކަމަކީ:

1. 100 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމެއް ގާއިމްކޮށް އޮޕަރޭޓް ކުރުން

2. މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސެސް އަދި އެގްޒިބިޝަންސް (މައިސް) ހިމެނޭހެން ފަތުރުވެރިކަން ތަރައްގީކޮށް އޮޕަރޭޓްކުރުން

3. ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްގީކޮށް އޮޕަރޭޓްކުރުން

4. ރިއަލް އެސްޓޭޓް ތަރައްގީކުރުން

މިކަން ކަނޑައަޅުއްވައި ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން ޒޯނުގެ އިންފްރާސްޓަރްޗާ އާއި އަސާސީ އެހެނިހެން ކަންކަން ތަރައްގީކުރުމާއި މަޝްރޫއު ހިންގަން ބޭނުންވާ ކެޕިޓަލް ގުޑްސް ފަދަ ތަކެތި ގެނައުމަށް އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެ އެވެ.

އިފްރާސްޓްރަކްޗާ ތަރައްގީކުރުމާއި އަސާސީ އެހެން ކަންކަމުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނުނެގުމާއި ފުރަތަމަ 10 އަހަރު ޖީއެސްޓީ އާއި ވިތު ހޯލްޑިން ޓެކްސް އިން އިސްތިސްނާވުމަކީ ވެސް ޕްރޮޖެކްޓަށް ދޭނެ ލުއިތަކެވެ.

ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމް ގާއިމުކޮށް އޮޕަރޭޓްކުރުމުގައި ވެސް ވެސް ފަސް އަހަރަށް ވިޔަފާރީގެ ފައިދާގެ ޓެކްސް އާއި ޖީއެސްޓީ އާއި ވިތުހޯލްޑިން ޓެކްސް އިން އިސްތިސްނާވުން މީގެ ތެރޭގައި ހިމެނެ އެވެ. އަދި މައިސް ތަރައްގީކޮށް އޮޕަރޭޓްކުރުމާއި ރިއަލްއެސްޓޭޓް ހިންގުމުގައި މި ޓެކްސްތަކުން ދެ އަހަރަށް އިސްތިސްނާ ވާނެ އެވެ.

ލޮޖިސްޓިކްސް، ސްޓޯރޭޖް އަދި އިންޑަސްޓްރިއަލް ހަބް އޮޕަރޭޓްކުރުމުގެ މަސައްކަތަށް ވިޔަފާރީގެ ފައިދާގެ ޓެކްސް އިން 20 އަހަރަށް އިސްތިސްނާވުމާއި ޖީއެސްޓީ އާއި ވިތުހޯލްޑިން ޓެކްސް އިން 10 އަހަރަށް އިސްތިސްނާކުރުން ހިމެނެ އެވެ. އަދި ކޮންމެ ޝެއާހޯލްޑަރަކަށް ލިބޭ ޑިވިޑެންޓުން ވިޔަފާރީގެ ފައިދާގެ ޓެކްސް 15 އަހަރަށް ވަނީ އިސްތިސްނާކޮށްދީފަ އެވެ.

ރައީސްގެ ގަރާރުގައިވާ ގޮތުން މި އިކޮނޮމިކް ޒޯން އޮންނާނީ ކުޑަ ބަނޑޮސް ކައިރީގައި އޮންނަ ފަޅުގަ އެވެ.

އެ މަޝްރޫއުއަކީ 2028 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސް ކުރިން އިއުލާން ކުރައްވާފައިވާ މަޝްރޫއެކެވެ. އެއީ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

އެ މަޝްރޫއުގެ ދަށުން 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދި، ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ މަޝްރޫއު ނިންމާލަން އަމާޒުކޮށްފައިވަނީ 2027 ވަނަ އަހަރަށެވެ.