ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ފިރިހެން ވޮލީބޯޅަ މުބާރާތް ކަމަށްވާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މިއަދު ކިރްގިސްތާނަށް ފުރަތަމަ ދެ ސެޓުގައި ވަރުގަދަ ފައިޓެއް ދިން ނަމަވެސް ހިތްދަތި ގޮތަކަށް ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.
ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ފިރިހެން ވޮލީބޯޅަ މުބާރާތް ކަމަށްވާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މިއަދު ކިރްގިސްތާނަށް ފުރަތަމަ ދެ ސެޓުގައި ވަރުގަދަ ފައިޓެއް ދިން ނަމަވެސް ހިތްދަތި ގޮތަކަށް ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.
މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެ އަތުން 3-1 ސެޓުން މޮޅުވި ކިރްގިސްތާނުން މިއަދުގެ މެޗުގައި ސެޓުތައް ގެންދިޔައީ 25-22، 33-31 އަދި 25-20 އިންނެވެ. ފުރަތަމަ ދެ ސެޓު ރާއްޖޭން ރަނގަޅަށް ފެށި ނަމަވެސް ވަކި ހިސާބަކުން ކިރްގިސްތާނުން ކުރި ހޯދީ އެވެ. ފަހު ސެޓުގައި ރާއްޖެ ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ. މި މެޗު ކިރްގިސްތާން ކާމިޔާބުކުރީ ފަސޭހަކަމާ އެކު އެވެ.
މިއަދުގެ މެޗު ބެލުމަށް ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓަށް ވަދެ ތިބި މީހުންގެ އަދަދު ނިސްބަތުން މަދެވެ. ކްލަބް ލެވެލްގެ ފައިނަލް މެޗުތަކަށް މިއަށް ވުރެ މާގިނަ މީހުން ވަދެ އެވެ.
ތަޖުރިބާކާރު ކޯޗު މުހައްމަދު ޝަރަފްގެ ކޯޗުކަމުގައި ކުޅުނު ރާއްޖެ ޓީމުން މެޗު ފެށީ އަހުމަދު އަހުސަން، ހަސަން ނިލާމް، އަލީ ހުޒާމް، އަބްދުﷲ ޖުނައިދު، މުހައްމަދު އިޝާން (ބަޓިސް) އަދި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ފުރަތަމަ ހައެއްގައި ހިމަނައިގެންނެވެ. މިއީ ނިސްބަތުން ޒުވާން ޓީމެކެވެ.
ފުރަތަމަ ސެޓު ފަށައިގެން ނިލާމްގެ ބާރު ޝޮޓުތަކާ އެކު ރާއްޖެ ރަނގަޅު ލީޑެއްގައި އޮތެވެ. މި ސެޓުގެ ބޮޑުބައިގައި ރާއްޖެ ކުރީގައި އޮއްވައި މެޗު ބަދަލުކޮށްލީ ދެ ވަނަ ޓެކްނިކަލް ޓައިމް އައުޓާ ހަމައިންނެވެ. ސެޓުގެ މެދަކާ ހަމައިން ކިރްގިސްތާން 16-13 އިން ކުރީގައި އޮތެވެ. ރާއްޖެ ކުޅުން ރަނގަޅުކޮށް 20-20 އިން އެއްވަރުކުރި ނަމަވެސް ކިރްގިސްތާނުން ވަނީ 25-22 މި ސެޓު ގެންގޮސްފަ އެވެ.
މިއަދުގެ މެޗުގެ ތެރެއިން ރާއްޖެ ޓީމުގެ ނިލާމް (މ): އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުރަތަމަ ސެޓެކޭ އެއްގޮތަށް ރާއްޖޭން ދެ ވަނަ ސެޓު ފެށީ ވެސް ވަރަށް ރަނގަޅު ފޯމެއްގަ އެވެެ. މި ސެޓުގައި ހުޒާމް އާއި ކުޑަކާއްޓޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެށިއިރު، ރާއްޖެ އަބަދުވެސް ދިޔައީ ދެ ޕޮއިންޓުގެ ލީޑެއް ހިފަހައްޓަމުންނެވެ. ދެ ޓެކްނިކަލް ޓައިމް އައުޓްގައި ވެސް ކުރީގައި އޮތީ ރާއްޖެ އެވެ. ފުރަތަމަ ފަހަރު 6-8 އިން ކުރީގައި އޮތްއިރު، ދެ ވަނަ ފަހަރު އޮތީ 14-16 އިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މި ސެޓު ގެންދިއުމުގެ ފުރުސަތު ތިން ފަހަރެއްގެ މަތިން ރާއްޖެ އާއި ކިރްގިސްތާނަށް ލިބުނެވެ. އެހެން ނަމަވެސް ދެ ޓީމަށް ވެސް ދިޔައީ ފުރުސަތުގެ ބޭނުން ނުހިފި އެވެ. ދެ ޓީމުގެ ކުޅުންތެރިން އަތުން ވެސް ސާވިސްތައް ގެއްލެމުން ދިޔަ އެވެ. ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ބަޓިސް، އަޝްފާގު އާދަމް (އައްކަޅޭ)، ކުޑަކާއްޓޭ އަދި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަށް ވެސް ކުޅެން އެރި ނަމަވެސް އެންމެ މުހިއްމު ވަގުތުގައި ރަނގަޅަށް ނުކުޅެވުނެވެ. އޭގެ ފައިދާ ނަގައި ފަހު ވަގުތުލި ހިތްވަރާ އެކު ކިރްގިސްތާން މި ސެޓު ގެންދިޔައީ 33-31 އިންނެވެ.
މިއަދުގެ މެޗުގެ ތެރެއިން ރާއްޖެ ޓީމުގެ ނިލާމް (ވ) ފޮނުވާލާ ޝޮޓް ބްލޮކް ކުރަން ކިރްގިސްތާން ދެ ކުޅުންތެރިން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެ ވަަނަ ސެޓު ގެއްލުމުގެ މާޔޫސްކަން ތިން ވަނަ ސެޓުން ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ އެވެ. އަދި ތިން ވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނެވެ. އޭގެ ފައިދާ ނަގައި ކިރްގިސްތާނުން ދިޔައީ ބޮޑު ލީޑެއް ދަމަހައްޓަމުންނެވެ. ސެޓުގެ ބޮޑުބައިގައި އެ ޓީމުގެ ހަ ޕޮއިންޓުގެ ލީޑެއް އޮތެވެ. ރާއްޖެ ޓީމުން ބަދަލުތަކެއް ގެނެސް ކުޅުން ރަނގަޅުކުރި ނަމަވެސް ކިރްގިސްތާން ހުއްޓުވޭ ގޮތެއްނުވި އެވެ. އަދި ކިރްގިސްތާން ފަހު ސެޓު ގެންދިޔައީ 20-25 އިންނެވެ.
މި މެޗުގައި ވެސް ކިރްގިސްތާން ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ ބަންގްލަދޭޝް މުބާރާތުގައި ވެސް އެ ޓީމަށް ތަފާތު މޮޅު ކުޅުމެއް ދެއްކި ކަންޔެބެކް އޮންލޮބެކާއި މުސާއެވް ޒަމާލިދީން އެވެ.
މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ނޭޕާލް ނުކުންނާނީ ތުރުކަމަނިސްތާނާ ދެކޮޅަށެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ހަވީރު ބައްދަލުކުރާނީ ނޭޕާލާ އެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގެ ތިން ވަނަ ރާއްޖޭން ހޯދީ ނޭޕާލް ބަލިކުރުމަށް ފަހު އެވެ.
ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެކެވެ. ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ސެމީ ފައިނަލުގައި ކުޅޭއިރު ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް އާއި ސްޕޯޓްސް ކޮމިޝަރު އަހުމަދު ނަޝީދު (ޑޭވް)ގެ އިތުރުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް އެވެ.
ދިވެހި ކުޅުންތެރިން މޮޅު، ރޭވުމެއް ނެތް: ކިރްގިސްތާން
ވޮލީގެ ބޮޑު ދެ މުބާރާތް އަންނަ އަހަރު ރާއްޖޭގައި
17 އަހަރުގެ މާއިޝް، ޝާމިލް، ނާފިއު ސީނިއާ ޓީމަށް
ބޭނުންވަނީ ރާއްޖެ ބަލިކުރަން: ކިރްގިސްތާން ކޯޗު
"އިތުބާރު އެބައޮތް، މި ޓީމަށް މަދުވަނީ މެޑެއްޔެއް"
ވަރުގަދަ އަޒުމެއްގައި ކުޅެ ނަތީޖާ ނެރެވޭނެ: ހުޒަންޓެ
ސެންޓްރަލް ޒޯން ޓީމުތައް އަންނަނީ ކުރިއަރަމުން: ކޯޗު
ތަޖުރިބާ ހޯދައިދީގެން ޓީމު ރަނގަޅުކުރެވޭނެ: ކޯޗު
ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ ކަަޓައިފި
ފުރަތަމަ މެޗުން ބަލިވެ ރާއްޖެ އުނދަގޫ ހާލަތަކަށް