Roadha Mihaaru
ޖަލްސާއަށް ވަންނާނީ މަސީހު ވަކިކުރެވޭވަރުގެ އަދަދަކާއެކު

ހޯމަދުވަހުގެ ޖަލްސާ އަށް ވަންނާނީ މަސީހު ވަކިކުރުމުގެ ވޯޓު ކާމިޔާބުވާ ވަރުގެ އަދަދަކާ އެކު: އިބޫ

24 މާޗް 2017

އަންނަ ހޯމަދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް އިދިކޮޅު ފަރާތްތަކުން ވަންނާނީ، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރުމުގެ ވޯޓު ކާމިޔާބުވާ ވަރުގެ އަޣުލަބިއްޔަތަކާ އެކު ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހޯމަދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް އިދިކޮޅު ފަރާތްތަކުން ވަންނާނީ، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރުމުގެ ވޯޓު ކާމިޔާބުވާ ވަރުގެ އަޣުލަބިއްޔަތަކާ އެކު ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާއި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން މިރޭ ސޮއިކުރި އެއްބަސްވުން އާންމުކުރުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި އިބޫ ވިދާޅުވީ، މަސީހު މަގާމުން ވަކިރުމަށް ނަގާ ވޯޓު އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންނާ އެކު ތާއީދު ކޮށްގެން ތިއްބެވި އެއްވެސް ބޭފުޅަކު، އެއްވެސް މެމްބަރަކު، އެ ވިސްނުން މިހާތަނަކަށް ބަދަލު ކުރައްވާފައެއް ނެތް. އަޅުގަނޑުމެންނަށް ފުރިހަމަ އަށް އިތުބާރު އެބައޮތް އަދަދު ހަމަވާނެކަމުގެ،" މަސީހުގެ ވޯޓު ސަރުކާރުން ބޭނުންވާ ގޮތަށް ކާމިޔާބު ކުރުމަށްޓަކައި އަޣުލަބިއްޔަތު އެބައޮތް ކަމަށް ވެރިކަން ކުރާ ޕީޕީއެމުން ބުނާ ވާހަކަތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި އިބޫ ވިދާޅުވި އެވެ.

މަޖިލިހުގެ މައިނޯރިޓީ ލީޑަރު ވިދާޅުވީ ހޯމަދުވަހުގެ ޖަލްސާގައި އެންމެ ގިނަ އަދަދަކަށް ވެސް ބައިވެރިވެވަޑައިގެންނެވޭނީ 83 މެމްބަރުންނަށް ކަމަށާއި އެ އަދަދަށް ބަލައިގެން، އިދިކޮޅު ފަރާތްތަކަށް ވޯޓު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ މަޖިލިހަށް ހާޒިރުވެ ވޯޓު ދެއްވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އިބޫ ފާހަގަ ކުރެއްވި ގޮތުގައި މަސީހް މަގާމުން ވަކިކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކަށް 42 ވޯޓަށް ވުރެ ގިނައިން ލިބޭނެ އެވެ.

"އަޣުލަބިއްޔަތު އޮންނާނީ އަޅުގަނޑުމެންނާ އެކު. އަޅުގަނޑުމެން ވަރަށް ވިސްނުންތެރިކަމާއެކު އެ ދުވަހު ކުރިއަށް ދާނީ. ކޮންމެ ގޮތަކަށް ވެސް، އެ ދުވަހު ރިޔާސަތުގައި އިންނަވާ ބޭފުޅަކު، އަޅުގަނޑުމެންގެ ތަޖުރިބާގައި [އަމަލު] ކޮށްފާނެ. އެހެންވީމާ އެ ކަންތައްތަކާ ދޭތެރޭގައި ވިސްނައިގެން އަޅުގަނޑުމެން ކުރިއަށް ދާނީ. ޔަގީންކަން އެބައޮތް އެ ދުވަހު ވޯޓާ ހިސާބަށް ގޮސް ކާމިޔާބު ކޮށްގެން ނުކުމެވޭނެ ކަމަށް،" ހިންނަވަރު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ގައުމީ ކަންކަމުގައި ހަތަރު ޕާޓީގެ ވިސްނުން ވަރަށް އެއްގޮތް ކަމަށެވެ. އަދި އެ ޕާޓީތަކުގެ ލީޑަރުން އެއްބަސްވީ ވެސް ރައްޔިތުންގެ މަޖިލިހުގެ އެތެރޭގެ މަސައްކަތްތަކަށް އެކަނި ނޫން ކަަމށް އޭނާ ވިދާޅުވި އެވެ.

"އެތައްއެތައް ބައިވަރު މަސައްކަތްތަކެއް އެބަހުރި. އެހެންވީމާ ހަތަރު ލީޑަރުންނާ އެކު އަޅުގަނޑުމެން ދެމިތިބޭނަން މަގުސަދު ހާސިލް ވަންދެން،" ޖުމްހޫރީ ޕާޓީގެ އޮފީސް ކުނޫޒްގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އިބޫ ވިދާޅުވި އެވެ.

ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ 2008 ގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މިރޭ ފުލުސް އޮފީހަށް ހާޒިރުކުރާ މައްސަލާގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އެއީ ފާރިސްގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ފުލުހުން ކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމަށް ފުލުހުން ފުރުސަތު ނުދިނުމަށް ރިޔާޒް އެދިވަޑައިގަތެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވުމުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ފާރިސް ކަމަށްވާއިރު، މާ ކުރީގެ މައްސަލައެއްގައު މި ދަނޑިވަޅުގައި އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށްގެން ނުވާނެ ކަމަށެވެ.

"ފުލުހުންގެ ޕްރޮފެޝަނަލިޒަމް ފުލުހުން ހިފަހައްޓަން ޖެހޭނެ. އިންޑިވިޖުއަލް ކޮންމެ ތަހުގީގެއް ކުރާ މީހަކު ވެސް. ކޮންމެ ރޭންކެއްގައި ހުރި މީހަކު ވެސް ބުނަން ކެރެން ޖެހޭނެ މިއީ ރަނގަޅު ގޮތެއް ނޫނޭ. މިއީ ރަނގަޅު އުސޫލެއް ނޫނޭ. މުއައަސަސާ ދެމިއޮންނަން ޖެހޭނީ ރައްޔިތުންގެ އިތުބާރާއެކު. އެތަނުގައި އެވަގުތު ތިއްބެވި ބައެއްގެ މަސްއޫލިއްޔަތެއް އެއީ ކަންކަން ރަނގަޅަށް ގެންދިއުން،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ފުލުހުންނަށް ހިމާޔަތް ލިބިދެނީ ގާނޫނުގެ ތެރެއިންނެވެ. އެއިރެއްގައި ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ ދައުރު އެކަމުގައި ނެތް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އެއްވެސް މަގާމެއްގައި ހުންނަ މީހަކު ވެސް ރަނގަޅު ނޫން ކަންތައް ނުކުރާށޭ. އަބަދުވެސް ރަނގަޅަށް ކަންތައް ކުރާށޭ. މީހަކަށް އަނިޔާވެރިވުމަށް ކަންތައް ކޮށްގެން ފައިދާއެއް ނުވާނެ. އޭގެ އަދަބު އެ މީހަކަށް އަންނާނެ. އޭގެ ނަތީޖާއާ އެ މީހަކު ކުރިމަތިލާންޖެހޭ ދުވަހެއް އަންނާނެ،" ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ވިދާޅުވި އެވެ.