ސްވައިން ފްލޫ ކޮންޓްރޯލް ނުވެ ފެތުރެމުންދަނިކޮށް، މިއަދު ކިޔެވުން ފެށިޔަސް ސްކޫލުތައް ފަޅުވެއްޖެ އެވެ.
26 މާޗް 2017
ސްވައިން ފްލޫ ކޮންޓްރޯލް ނުވެ ފެތުރެމުންދަނިކޮށް، މިއަދު ކިޔެވުން ފެށިޔަސް ސްކޫލުތައް ފަޅުވެއްޖެ އެވެ.
މާލޭގެ ގިނަ ސްކޫލްތަކުގެ ހެނދުނު ސެޝަނުގައި ސްކޫލަށް ދިޔައީ ވަރަށް މަދު އަދަދެއްގެ ދަރިވަރުންނެވެ. ބައެއް ސްކޫލްތަކުގެ ކްލާސްރޫމްތައް އޮތީ ހުހަށެވެ.
"މި ވަރުން ވެސް ސްކޫލްތައް ބަންދު ކުރާކަށް ނުވޭތަ؟" ކުދިން މަދުކަމުން ކިޔަވައިނުދެވޭނެ ކަމަށް އިޝާރާްް ކުރައްވައި ސްކޫލެއްގެ އިސް ވެރިޔަކު މިއަދު ވިދާޅުވި އެވެ.
ބައެއް ޓީޗަރުން ބުނިގޮތުގައި، ބައެއް ސްކޫލްތަކުގައި ވިހި ޕަސެންޓް ދަރިވަރުން ވެސް މިއަދު ހާޒިރެއް ނުވެ އެވެ. ޖުމްލަ 23 ކުދިން ތިބޭ ކްލާސްތަކުގައި ވެސް 19-20 ކުދިން ހާޒިރު ނުވާ ކަމަށް ބައެއް ޓީޗަރުން ބުންޏެވެ.
"ބައެއް ކްލާސްތަކުގައި ހަމަ އެންމެ ދަރިވަރަކު ވެސް ނެތް. ބައެއް ކްލާސްތަކަށް ހާޒިރުވީ އެންމެ ކުއްޖެއް، ދެ ކުދިން. އެންމެ ގިނައިން އައި ކްލާސްތަކުގައި ވެސް އުޅެނީ 7-8 ކުދިން. ގްރޭޑް އަށަކުން މުޅި ޖުމްލަ ސްކޫލަށް އައީ އަށް ކުދިން،" މާލޭގެ ސްކޫލެއްގެ ޓީޗަރަކު ވިދާޅުވި އެވެ.
Male' gina school thakun claahakun 5 kudheen hamanuvey! Saabahey beleniverin!!#Nufonuvaanan
— Mohamed Hassaan (@HassaanMuaviyat) March 26, 2017
އެނގިފައިވާ ގޮތުގައި އެހެން ސްކޫލުގެ ގްރޭޑް ހައެއްގެ ދަރިވަރުންގެ ތެރެއިން ހާޒިރުވީ ޖުމްލަ 10 ކުދިންނެވެ. އަދި ގްރޭޑް ހަތެއްގެ ދަރިވަރުންގެ ތެރެއިން 12 ދަރިވަރުން ކަމަށްވެ އެވެ. ބައެއް ސްކޫލުތަކުން ރަސްމީކޮށް މައުލޫމާތު ނުދިނަސް ނުރަސްމީކޮށް ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެއް ސްކޫލެއްގެ މުޅި ގްރޭޑް 6 ގައި 150 ކުދިން ތިބޭއިރު ހާޒިރުވީ އެންމެ 23 ކުދިންނެވެ. ގްރޭޑް 7 ގައި 147 ކުދިން ތިބޭއިރު 30 ކުދިން، ގްރޭޑް 8 އިން ކުލާހެއްގައި އެވްރެޖްކޮށް 7 ކުދިންނެވެ.
"މެންދުރު ފަހުގެ ސެޝަން މިއަށް ވުރެ އަދި މާ މަދުވާނެ. ސަބަބަކީ އެއީ ކުޑަކުދިންގެ ސެޝަން ކަމަށް ވާތީ،" ޓީޗަރަކު ވިދާޅުވި އެވެ. "މިވަރުން ކިޔަވައެއް ނުދެވޭނެ."
ތައުލީމީ ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މާލޭގެ 1600 ދަރިވަރުން ހިމެނޭ ސްކޫލަކުން މިއަދު ހާޒިރުވީ 300 އެއްހާ ކުދިންނެވެ.
"ސްކޫލްތަކުގެ ގިނަ އަދަދެއްގެ ޓީޗަރުން ވެސް ހާޒިރެއް ނުވޭ، ހާޒިރު ނުވާ ކަަމަށް އެކި ސަބަބުތައް ވެސް ދައްކާފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ދަރިވަރުން ހާޒިރުވި އަދަދު މަދުކަމުން ބައެއް ސްކޫލްތަކުގައި މިއަދު އެސެމްބްލީ ވެސް ނުބާއްވަ އެވެ.
ސްކޫލްތައް ހުޅުވުމާ ދެކޮޅަށް ވާހަކަ ދެއްކި ބެލެނިވެރިން ދެކޭގޮތުގައި ސްވައިން ފްލޫ ބާރު ސްޕީޑުގައި އިތުރުވަމުން ދަނިކޮށް، ސްކޫލްތައް ހުޅުވުމަކީ "ސަރުކާރުގެ ސިޔާސީ ނިންމުމެ"ކެވެ. އެއަށް ބާރުދީ، ބެލެނިވެރިން ދައްކާ ސަބަބަކީ ސްވައިން ފްލޫ ކޮންޓްރޯލް ނުވުމާއި މާލޭ ސްކޫލްތައް މި ހަފުތާގައި ނުހުޅުވަން އެދި ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީން އެޑިއުކޭޝަން މިނިސްޓްރީ އަށް ދީފައި އޮތް ލަފައެއްގެ ޑޮކިއުމެންޓެކެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން ބުނަނީ ސްކޫލުތައް ހުޅުވީ އެޗްޕީއޭ އިން ދީފައިވާ ލަފައާ އެއްގޮތަށް ކަމަށެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އެ ކޮމެޓީގެ ލިއުމުގައި އެޑިއުކޭޝަނަށް ލަފާ ދީފައި އޮތީ މި ހަފުތާގައި މާލޭގެ ސްކޫލްތައް ނުހުޅުވުމަށެވެ. އަދި ރަށްތަކުގެ ސްކޫލްތައް ހުޅުވާނީ، ސްވައިން ފްލޫ ފެތުރޭ މިންވަރާ ގުޅޭ ގޮތުން އެޗްޕީއޭ އިން އެސެސްމެންޓްތައް ހެދުމަށް ފަހު ކަނޑައެޅޭ ވަކި ސްކޫލްތަކެއް ކަަމަށް ވެސް ލަފާގައި ވެ އެވެ.
އާއްމުވެފައިވާ އެ ލިއުމަކީ ޓެކްނިކަލް ކޮމެޓީގެ ނިންމުމެއްތޯ ނޫންތޯ ހެލްތު މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީން މިހާތަނަށް ސާފުކޮށްދީފައެއް ނުވެ އެވެ.
"ސްކޫލްތައް ބަންދުކުރިއިރު ޕޮޒިޓިވް ނިސްބަތް އިއްޔެގެ ނިޔަލަށް އެ އޮތީ ވަރަށް ބޮޑަށް އިތުރުވެފައި. ޓެކްނިކަލް ކޮމެޓީގެ ލަފައަކީ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ދަރިވަރުން ނުފޮނުވުން. މިހާލަތުގައި، ކިހިނެއްތޯ ދަރިވަރުން ސްކޫލަށް ފޮނުވަން ކެރޭނީ،" ސޯޝަލް މީޑިއާގައި ބެލެނިވެރިއަކު ކަންބޮޑުވުންފާޅުކުރި އެވެ. "އިއްޔެ ހާމަކުރި ތަފާސްހިސާބުތަކުގައި ވެސް އެކަކު އިތުރަށް މަރުވެ އިތުރު ބަޔަކު އޮތީ ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައި."
އޭނާ ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މަސީހުގެ ވޯޓަށް "ސިޔާސީ މަގްސަދެއް ހާސިލްކުރަން ސްކޫލްތައް ހުޅުވި ނަމަވެސް" މުހިއްމީ ދަރިވަރުންގެ ސިއްހަތެވެ؛ ސްކޫލަތައް ހުޅުވަން ނިންމީ، ދަރިވަރުންގެ ސިއްހަތަށް ބެލުމަށް ފަހުގައި ކަމުގެ އެއްވެސް އިތުބާރެއް ނެތް ކަމަށް އޭނާ ބުންޏެވެ.
"އެޗްވަންއެންވަން ބާރަށް ކުރިއަށް، އެކަމަކު ސްކޫލްތައް ހުޅުވާފައި. މަގޭ ދަރިއެއް ނުފޮނުވާނަން،" އެހެން ބެލެނިވެރިއަކު ފޭސްބުކްގައި ލިއެފައިވެ އެވެ.
ބެލެނިވެރިއަކު ބުނިގޮތުގައި ބަލީގެ ހާލަތު ރަނގަޅަށް އޮޅުންފިލުވައި ނުދޭއިރު، އެޗްޕީއޭ އިން އާއްމުކުރާ ހިސާބުތަކަށް އެކަނި ބަލާފައި ވެސް ދަރިން ސްކޫލަށް ފޮނުވަން ބިރުގަނެ އެވެ.
"ކޮންޓްރޯލެއް ނުވޭ. މި ހާލަތުގައި ނޭނގި ނަމަވެސް ބަލިވެ އުޅޭ އެހެން ކުއްޖަކު ސްކޫލަށް ފޮނުވަފާނެ. އޭރުން އެންމެ ކުއްޖަކަށް ވެސް ރައްކާތެރިކަމެއް ނޯންނާނެ،" ބެލެނިވެރިޔަކު ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމާ ދޭތެރޭ ހިތްހަމަނުޖެހި ތިބި ބެލެނިވެރިން ދަނީ، ދަރިވަރުންގެ ސިއްހަތު ސިޔާސީ ހަތިޔާރަކަށް ނުހެދުމަށް ގޮވާލައި ޝުއޫރުފާޅުކުރަމުންނެވެ.
މާދަމާ ދަރިން ސްކޫލަށް ފޮނުވާނަންތަ؟
ސްކޫލު ބަންދުކުރުމާ ބެހޭ ގޮތުން މިއަދު ގޮތެއް ނިންމާނެ
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
ފައިޒާ ވެކްސިން މާދަމާ އިން ފެށިގެން ޖަހައިދޭން ފަށަނީ
ރާއްޖޭން ބޭރުން އަންނަ ދަރިވަރުން ކަރަންޓީނު ވާންޖެހޭނެ
ކޮވިޑް-19: ހިތަދޫގެ ސްކޫލްތައް ބަންދުކޮށްފި
ގްރޭޑު 8،7 އަށް އަންނަ މަހުގެ 16ގައި ކިޔަވައިދެނީ
ސްކޫލުގެ ތެރެއިން ކޮވިޑް-19 އެއް ނުފެތުރޭ: އެޗްޕީއޭ
ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ
މިއަދު ސްކޫލަށް ދިޔައީ އިއްޔެ އަށް ވުރެ ވެސް މަދުން!