Roadha Mihaaru
މެންދުރު ސެޝަނަށް ދިޔަ ކުދިންގެ އަދަދު މާ މަދު!

މެންދުރު ފަހު ދަންފަޅީގައި ދިޔަ ކުދިންގެ އަދަދު މާ މަދު!

26 މާޗް 2017

ސްވައިން ފްލޫ ފެތުރެމުން ދަނިކޮށް ސްކޫލްތަކުގެ ކިޔެވުން މިއަދު ފެށި ނަމަވެސް މެންދުރު ފަހު ދަންފަޅީގައި ސްކޫލްތަކަށް ދިޔަ ދަރިވަރުންގެ އަދަދު ހެނދުނު ދަންފަޅި އަށް ވުރެ ވެސް މާ މަދު ކަމަށް ސްކޫލްތަކުން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސްވައިން ފްލޫ ފެތުރެމުން ދަނިކޮށް ސްކޫލްތަކުގެ ކިޔެވުން މިއަދު ފެށި ނަމަވެސް މެންދުރު ފަހު ދަންފަޅީގައި ސްކޫލްތަކަށް ދިޔަ ދަރިވަރުންގެ އަދަދު ހެނދުނު ދަންފަޅި އަށް ވުރެ ވެސް މާ މަދު ކަމަށް ސްކޫލްތަކުން ބުނެފި އެވެ.

މާލޭގެ ގިނަ ސްކޫލްތަކުގެ ހެނދުނު ސެޝަނުގައި ކިޔަވަން ދިޔައީ ވަރަށް މަދު ދަރިވަރުންތަކެކެވެ. ބައެއް ޓީޗަރުން ބުނިގޮތުގައި، ބައެއް ސްކޫލްތަކުގައި ވިހި ޕަސެންޓް ދަރިވަރުން ވެސް މިއަދު ހާޒިރެއް ނުވެ އެވެ.

"ހެނދުނަށް ވުރެ އަދި މާ މަދު މެންދުރު ފަހު ދަންފަޅީގައި ސްކޫލަށް އައި ކުދިން. އެންމެ ކުއްޖަކު ވެސް ނާންނަ ކްލާސްތައް ގިނައީ. ކިޔަވައިދެވޭ އަދަދަށް ކުދިން ހަމައެއް ނުވޭ ހަމަ އެއްވެސް ކްލާހެއްގައި،" ސްކޫލެއްގެ ޓީޗަރަކު ބުންޏެވެ.

ޖުމްލަ 870 ދަރިވަރުންގެ ސްކޫލަކަށް މެންދުރު ދަންފަޅީގައި ހާޒިރުވީ އެންމެ 40 ދަރިވަރުންނެވެ. އެހެން ސްކޫލެއްގައި ޖުމްލަ 400 ދަރިވަރުން ހިމެނޭއިރު، މެންދުރު ފަހު ދިޔައީ އެންމެ ހަ ކުދިންނެވެ.

ސްކޫލްތަކުން ވާހަކަ ދެއްކި ޓީޗަރުން ބުނިގޮތުގައި ދަރިވަރުން ހާޒިރުވި އަދަދު މަދުކަމުން މިއަދު ފިލާވަޅުތަކެއް ނަގައެއް ނުދެ އެވެ.

"މުޅި ކްލާސް ހުސްކޮށް އޮއްވައި އެންމެ ދެ ކުދިން ތިން ކުދިންނަށް އާ ފިލާވަޅެއް ނުނަގަދެވޭނެތާ. އެހެންވެ، ވަރަށް ގިނަ ޓީޗަރުން އާ ފިލާވަޅުތަކެއް ނަގައެއް ނުދޭ،" ޓީޗަރަކު ވިދާޅުވި އެވެ.

ސްވައިން ފްލޫ ފެތުރޭ ސްޕީޑު މައްޗަށްދާއިރު، ސްކޫލްތަކުގެ ކިޔެވުން ފެށުމަކީ ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ސްކޫލްތައް ހުޅުވުމާ ދެކޮޅަށް ވާހަކަ ދެއްކި ބެލެނިވެރިން ދެކޭގޮތުގައި ސްވައިން ފްލޫ ބާރު ސްޕީޑުގައި އިތުރުވަމުން ދަނިކޮށް، ސްކޫލްތައް ހުޅުވުމަކީ "ސަރުކާރުގެ ސިޔާސީ ނިންމުމެ"ކެވެ. އެއަށް ބާރުދީ، ބެލެނިވެރިން ދައްކާ ސަބަބަކީ ސްވައިން ފްލޫ ކޮންޓްރޯލް ނުވުމާއި މާލޭ ސްކޫލްތައް މި ހަފުތާގައި ނުހުޅުވަން އެދި ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީން އެޑިއުކޭޝަން މިނިސްޓްރީ އަށް ދީފައި އޮތް ލަފައެއްގެ ޑޮކިއުމެންޓެކެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން ބުނަނީ ސްކޫލުތައް ހުޅުވީ އެޗްޕީއޭ އިން ދީފައިވާ ލަފައާ އެއްގޮތަށް ކަމަށެވެ.

ސްވައިން ފްލޫ ޖެހިގެން މިއަދު މަރުވި މާބަނޑު މީހާއެކު މިހާތަނަށް ޖުމްލަ ފަސް މީހަކު ވަނީ މަރުވެފަ އެވެ.

އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 185 މީހަކު ވަނީ އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 31 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.