Roadha Mihaaru
200 މީހުން މަރުވި ހާދިސާ ތަހުގީގު ކުރަން ނިންމައިފި

200 މީހުން މަރުވި ހާދިސާ ތަހުގީގު ކުރަން ނިންމައިފި

27 މާޗް 2017

އިރާގުގައި ހަނގުރާމަ ކުރާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާ އާއި ގުޅިފައިވާ ލަޝްކަރުން ދިން ހަމަލާއެއްގައި އާންމުންގެ 200 އެއްހާ މީހުން މަރުވި މައްސަލަ ގުޅިފައިވާ ލަޝްކަރުގެ ފަރާތުން ތަހުގީގު ކުރާނެ ކަމަށް އެމެރިކާގެ އަސްކަރީ ޖެނެރަލަކު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ލަޝްކަރުގެ ޑެޕިއުޓީ ކޮމާންޑިން ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް މެތިއު އައިސްލާ ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހު، ގުޅިފައިވާ ލަޝްކަރުގެ މަތިންދާބޯޓުތަކުން ދިން ހަމަލާއެއްގައި އާންމުންގެ 200 މީހަކު މަރުވި ހާދިސާ މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގުޅިފައިވާ ލަޝްކަރުގެ ހަމަލާތަކުގައި އާންމުންނަށް އެއްވެސް ގެއްލުމެއް ވިޔަ ނުދިނުމަށް ކުރިމަގުގައި ވެސް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އަދި އާންމުންނަށް އެއްވެސް ގެއްލުމެއް ލިބިއްޖެ ނަމަ އެކަމެއް ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިރާގު ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި މާޗް 17 ވަނަ ދުވަހު، ގުޅިފައިވާ ލަޝްކަރުން ދިން ހަމަލާ އަމާޒުވީ އާންމުން ދިރިއުޅޭ އިމާރާތަކަށެވެ. އެ ހަމަލާގައި އެތައް ބަޔަކު މަރުވުމުގެ އިތުރުން، އިމާރާތް ވެއްޓުމުގެ ސަބަބުން އިމާރާތުގެ ދަށުގައި ވަޅުލެވިގެން ވެސް އެތައް ބަޔަކު މަރުވި އެވެ.

އިރާގަށް އަތް ގަދަކޮށްގެން އުޅޭ އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާ އާއި ގުޅިފައިވާ ލަޝްކަރުން ވައިގެ މަގުން ހަމަލާތައް ދެމުންދާ އިރު، އެ ޖަމާއަތާ ދެކޮޅަށް އެއްގަމު މަގުން ހަނގުރާމަ ކުރަމުން ދަނީ އިރާގު ސިފައިންނާއި އިރާގު ސަރުކާރަށް ތާއީދު ކުރާ ޝީއީ އަސްކަރީ ޖަމާއަތްތަކެވެ.

އިރާގުގެ ބޮޑު ބަޔަކަށް ވެރިވެގަނެގެން އުޅުނު އައިއެސްގެ ހަނގުރާމަވެރިން އެ ގައުމުން ފައްސައިލުމަށް ފަށާފައިވާ ހަމަލާތަކުގެ ސަބަބުން އެ ޖަމާއަތް ދަނީ ބަލިކަށިވަމުން ކަމަށް އިރާގު ސަރުކާރުން ބުނެ އެވެ. މިހާރު އެ ޖަމާއަތުގެ އެންމެ ގިނަ ހަނގުރާމަވެރިން ތިބީ މޫސަލްގެ ހުޅަނގު ސަރަހައްދުގަ އެވެ.