Roadha Mihaaru
އެމެރިކާ ސިފައިން އިރާގުގައި ތިބުމުގެ ހުއްދައެއް ނެތް

އެމެރިކާ ސިފައިން އިރާގުގައި ތިބުމުގެ ހުއްދައެއް ނެތް

24 އޮކްޓޯބަރ 2019

ބަޣުދާދު (އޮކްޓޯބަރު 24) - ސީރިއާގެ އިރު އިތުރުން ފައިބާ އެމެރިކާ ސިފައިން އިރާގުގައި ތިބުމުގެ ހުއްދަ ނުދޭނެ ކަމަށް ބޮޑު ވަޒީރު އާދިލް އަބްދުލް މަހްދީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (އޮކްޓޯބަރު 24) - ސީރިއާގެ އިރު އިތުރުން ފައިބާ އެމެރިކާ ސިފައިން އިރާގުގައި ތިބުމުގެ ހުއްދަ ނުދޭނެ ކަމަށް ބޮޑު ވަޒީރު އާދިލް އަބްދުލް މަހްދީ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާއާ ބައްދަލު ކުރެއްވުމަށް ފަހު އެވެ. މަހްދީ ވިދާޅުވީ އެމެރިކާ ސިފައިން އިރާގަށް ވަނުން ހުއްޓުވުމަށް ބައިނަލްއަގުވާމީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަަމެއް ކުރައްވާނެ ކަމަށެވެ.

މަހްދީ ވިދާޅުވީ ސީރިއާ އިން ފައިބާ އެމެރިކާ ސިފައިން އިރާގުގައި ތިބުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

"އެކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅަމުންދާކަން މިހާރު ވާނީ އިއުލާންކޮށްފައި. ބައިނަލްއަގުވާމީ މުޖްތަމައު އާއި އދ. އަށް ވެސް މިހާރު ވާނީ އެކަން ހުށަހަޅާފައި،" މަހްދީ ވިދާޅުވި އެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ކުރިން ވިދާޅުވެފައި ވަނީ ސީރިއާ އިން ފައިބާ އެމެރިކާ ސިފައިން ތިބޭނީ އިރާގުގައި ކަމަށެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އިން 2014 ވަނަ އަހަރު އިރާގުގައި ބާރުގަދަ ކުރަން ފެށުމުން ވޮޝިންޓަނާއި ބަޣުދާދާ ދެމެދު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ފޮނުވި އެމެރިކާގެ 5،000 ސިފައިން އިރާގުގައި މިހާރު ވެސް ތިބެ އެވެ.