Roadha Mihaaru
މި މީހާގެ އުފަލަކީ ބަލި ކުދިން ބެލެހެއްޓުން

މި މީހާގެ އުފަލަކީ ބަލި ކުދިން ބެލެހެއްޓުން

29 މާޗް 2017

ހަނގުރާމަ އާއި ތަޅާފޮޅުންތަކާއި ހަމަނުޖެހުމުގެ ތެރޭގައި ދުނިޔެ އޮތަސް އިންސާނުންނަށް އެހީވުމުގައި ވެސް އެއްބަޔަކު އަންނަނީ ނަމޫނާ ދައްކަމުންނެވެ. އޭގެ ތެރެއިން އެކަކީ 1970ގެ އަހަރުތަކުގައި ތައުލީމު ހާސިލުކުރުމަށް ލީބިޔާއިން އެމެރިކާއަށް ހިޖުރަކުރި މުހައްމަދު ބަޒީކް އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ހަނގުރާމަ އާއި ތަޅާފޮޅުންތަކާއި ހަމަނުޖެހުމުގެ ތެރޭގައި ދުނިޔެ އޮތަސް އިންސާނުންނަށް އެހީވުމުގައި ވެސް އެއްބަޔަކު އަންނަނީ ނަމޫނާ ދައްކަމުންނެވެ. އޭގެ ތެރެއިން އެކަކީ 1970ގެ އަހަރުތަކުގައި ތައުލީމު ހާސިލުކުރުމަށް ލީބިޔާއިން އެމެރިކާއަށް ހިޖުރަކުރި މުހައްމަދު ބަޒީކް އެވެ.

މިހާރު އުމުރުން 70 އަހަރު ވެފައިވާ މުހައްމަދަކީ މަރުގެ ތުންފަތްމަތީގައިވާ ކުޑަކުދިން އެޑޮޕްޓްކުރާ މީހެކެވެ. އޭނާ ބަލަނީ އަޅާލާނެ އެއްވެސް މީހެއް ނެތް އިންތިހާއަށް ބަލި ކުދިންނެވެ. ލޯތްބާއި އަޅާލުން އަދި އޯގާތެރިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މި ކުޑަކުދިންގެ ތަކުލީފުތަކާއި ވޭނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދޭން މުހައްމަދު ކުރާ މަސައްކަތަކީ އިންސާނީ ޚިދުމަތުގެ މިސާލެކެވެ.

ލީބިޔާއިން އެމެރިކާއަށް ހިޖުރަކުރި ފަހުން މި ވީހާތަނަށް 40 އަށް ވުރެ ގިނަ ކުދިން މުހައްމަދު ވަނީ އެޑޮޕްޓްކޮށްފަ އެވެ. މި ހުރިހާ ކުދިންނަކީ ވެސް ބަލާނެ މީހެއް ނެތުމުގެ އިތުރުން މަރާ ހަނގުރާމަކުރާ ކުދިންނެވެ.

އެގޮތުން މުހައްމަދު ބަލަމުންދިޔަ 10 ކުއްޖަކު މިހާތަނަށް މަރުވެފައިވެ އެވެ. އަދި ދެން ތިބި ކުދިން ވެސް މާ ގިނަ ދުވަހު ތިބޭނެކަމުގެ ޔަގީންކަމެއް ޑޮކްޓަރުންނަކަށް ނެތެވެ. ނަމަވެސް އެކަމަކާ މުހައްމަދު ނުވިސްނަ އެވެ. އެތައް ވޭނެއް ތަހައްމަލުކުރަމުންދާ މި ކުޑަކުޑަ ފުރާނަތައް ދުނިޔޭގައި ތިބިހާ ދުވަހަކު އެކުދިންގެ ހަޔާތުގެ ހިއްސާއަކަށް ވުމަކީ އޭނާ ބޭނުންވާ ގޮތެވެ.

މުހައްމަދު ބަލަމުންދާ ކުދިން ނޫނަސް މީޙުން ބަލަހައްޓާ އެމެރިކާގެ ގެތަކުގައި މިކަހަލަ އެތައް ހާސް ކުދިންނެއް ދިރިއުޅެ އެވެ. މުހައްމަދު ބުނި ގޮތުގައި ބައެއް މީހުން ކުދިން އެޑޮޕްޓްކުރަން ބޭނުން ވިޔަސް ދިރިއުޅުމުގެ އުންމީދެއް ނެތް ކުދިން ގެންގުޅޭކަށް އެއްވެސް މީހަކު ބޭނުމެއް ނުވެ އެވެ. ސަބަބަކީ އެކުދިންގެ މަރުވާތަން ދެކެން އެމީހުން ބޭނުން ނުވާތީ އެވެ. ނަމަވެސް އެކުދިން ދުނިޔޭގައި ތިބި ކުރު މުއްދަތުގައި ވެސް އެކުދިންގެ ހަޔާތުގެ ހިއްސާއަކަށް ވެވުނީތީ މުހައްމަދު ހިތްހަމަޖެހެ އެވެ. އޭނާ މިހާތަނަށް ވެސް ދުނިޔޭގައި ހުރީ އެ ހިތްހަމަޖެހުމާ އެކުގަ އެވެ.

މިހާރު މުހައްމަދު ބަލާ ކުދިންގެ ތެރޭގައި ހަ އަހަރުގެ ކުޑަ އަންހެންކުއްޖަކު ވެސް ހިމެނެ އެވެ. ސިކުނޑީގައި ހުރި އުނިކަމެއްގެ ސަބަބުން އެ ކުއްޖާއަކީ އެއްގޮތަކަށް ވެސް ނުތެދުވެވޭ ވަރަށް ބަލި ކުއްޖެކެވެ. އެ ކުއްޖާގެ ލޮލަކަށް ނުފެނެ އެވެ. ކަންފަތަކަށް އަޑެއް ނީވެ އެވެ. އަތާއި ފައިގެ ވާތްގެއް ނެތެވެ.

މުހައްމަދު ބުނި ގޮތުގައި އެ ކުއްޖާ އެ ހާލުގައި އޮތްއިރު ވެސް އެ ކުއްޖާ އުރާލައި ފިރުމާލުމުން އެ ކުއްޖާ ވަރަށް އުފާވެ އެވެ.

ނަމަވެސް މިއީ ވަރަށް ބުރަ މަސައްކަތެއް ކަމަށް މުހައްމަދު ވެސް އެއްބަސްވެ އެވެ. ސަބަބަކީ މި މަސައްކަތަކީ 24 ގަޑިއިރުގެ މަސައްކަތަކަށް ވާތީ އެވެ. ޚާއްސަކޮށް މުހައްމަދުގެ އަންހެނުން މަރުވުމަށްފަހު އޭނާ އެކަނި މި ކުދިން ބެލެހެއްޓުން ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ.

އޭނާ މިހާރު ބަލަހައްޓާ ކުއްޖާއަށް ވެސް އައިވީ އާއި އޮކްސިޖަން ގުޅުން ފަދަ ކަންތައްތައް ވެސް ކުރަން ޖެހެ އެވެ.

މި ކުދިންނަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި މުހައްމަދު ވަނީ ގޯ ފަންޑް މީ ޕޭޖެއް ހަދާފަ އެވެ. އެއީ އެހާ ގިނަ ކުދިން ބެލުމުގެ ޚަރަދުތައް ބޮޑުކަމުން އެކަމަށް އެހީތެރިވާން ބޭނުން މީހަކު ހުރި ނަމަ އެހީތެރިވެވޭނެ ގޮތް ހެދުމުގެ މަގުސަދުގައި ހުޅުވި ފަންޑެކެވެ.

މުހައްމަދު ބުނި ގޮތުގައި އޭނާ މިކަންކުރަނީ ކުރާ ހިތްވާ ކަމަކަށް ވާތީ އާއި މާތް ﷲ އަށް ޓަކަ އެވެ. މިއީ އެއްގޮތަކަށްވެސް މީހުންގެ ތައުރީފާއި ތާއީދު ހޯދަން އޭނާ ކުރާ ކަމެއް ނޫނެވެ.