Roadha Mihaaru
މި ކުއްޖާ އެދެނީ އާއިލާއަކަށް

މި ކުއްޖާ އެދެނީ އާއިލާއަކަށް

22 އޯގަސްޓް 2020

މިއީ އުމުރުން 9 އަހަރުގެ ޖޯޑަން އެވެ. އޭނާ ހުރީ އެމެރިކާގެ އޮކްލަހަމާގެ ޑިޕާޓްމަންޓް އޮފް ހިއުމަން ސާވިސް (އޯކޭޑީއެޗްއެސް) ގެ ބެލުމުގެ ދަށުގަ އެވެ. ޖޯޑަންގެ އާއިލާއެއް ނެތެވެ. އެހެންވެ އޭނާ އެދެނީ އާއިލާއަކުން އެޑަޕްޓްކޮށްގެން ދަރިއެއްގެ ގޮތުގައި ގެންގުޅުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއީ އުމުރުން 9 އަހަރުގެ ޖޯޑަން އެވެ. އޭނާ ހުރީ އެމެރިކާގެ އޮކްލަހަމާގެ ޑިޕާޓްމަންޓް އޮފް ހިއުމަން ސާވިސް (އޯކޭޑީއެޗްއެސް) ގެ ބެލުމުގެ ދަށުގަ އެވެ. ޖޯޑަންގެ އާއިލާއެއް ނެތެވެ. އެހެންވެ އޭނާ އެދެނީ އާއިލާއަކުން އެޑަޕްޓްކޮށްގެން ދަރިއެއްގެ ގޮތުގައި ގެންގުޅުމެވެ.

ސީއެންއެންގެ ދަށުން ހިންގާ ކޭފޯއިން މި ކުއްޖާ ގާތު، އުންމީދުކުރާ ތިން ކަމަކީ ކޮބައިތޯ ސުވާލުކުރުމުން ބުނީ ބޭނުން ވަނީ އެންމެ ކަމެއް ކަމަށެވެ. އެއީ އޭނާ އެޑޮޕްޓްކުރާނެ އާއިލާއެކެވެ.

"އެ ނޫން ކަމެއް ބޭނުމެއް ނޫން،" ޖޯޑަން ބުންޏެވެ. "ބޭނުން ވަނީ މަންމަ ބައްޕަ ކިޔާފައި އަހަރެން ގޮވާލާނެ ބަޔަކު. އަހަރެންގެ ހުރިހާ ވެސް އުންމީދަކީ ކޮންމެވެސް ބަޔަކު އެ މީހުންގެ ދަރިއެއްގެ ގޮތުގައި އަހަރެން ގެންދިއުން."

ބޮޑުވެގެން ފުލުހަކަށް ވާން ބޭނުންވާ ކުއްޖާ އެޑޮޕްޓްކުރާނެ ބަޔަކު ހޯދަން މިހާރު ވަނީ އާންމުކޮށް އިއުލާންކޮށްފަ އެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކަށް ވެސް އެކަމަށް ކުރިމަތިލެވިދާނެ އެވެ. އޯކޭޑީއެޗްއެސް އިން ބުނި ގޮތުގައި ޖޯޑަން އެޑޮޕްޓްކުރަން ބޭނުންވެގެން މިހާތަނަށް 10،000 މީހުން ހުށަހަޅާފައިވެ އެވެ.

"ބޭނުން ވަނީ މަންމަ ބައްޕަ ކިޔާފައި އަހަރެން ގޮވާލާނެ ބަޔަކު. ހުރިހާ ވެސް އުންމީދަކީ ކޮންމެވެސް ބަޔަކު އެ މީހުންގެ ދަރިއެއްގެ ގޮތުގައި އަހަރެން ގެންދިއުން."

"އަހަރެމެން މިތިބީ ޝައުގުވެރިކަން ފާޅުކުރާ މީހުންގެ ތެރެއިން ޖޯޑަން އަށް އެންމެ ރަނގަޅުވާނެ ބަޔަކާ އޭނާ ހަވާލުކުރަން ތައްޔާރަށް،" އޯކޭޑީއެޗްއެސް އިން ވާހަކަ ދެއްކި ކެސީ ވައިޓް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އާއިލާއެއް ނެތުމުގެ މާޔޫސްކަމާ އެކު ފާއިތުވި ހައެއްކަ އަހަރުގެ ތެރޭގައި ޖޯޑަން ވަނީ ވަރަށް ހިތްދަތި އެކަނިވެރި ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އެކަމުގެ ސަބަބުން އޭނާގެ މިޒާޖަށް ވެސް ބައެއް ބަދަލުތައް އައިސްފައިވެ އެވެ.

"އާއިލާއެއްގެ ތެރޭގައި ޖޯޑަން ގެންގުޅެން ފެށިމަ އެ ކުއްޖާ މުޅިން ހަމައަކަށް އެޅޭނެ. ޖޯޑަން އަކީ ވަރަށް ބަސްއަހާ ކިޔަމަންތެރި މަޑުމައިތިރި ކުއްޖެއް." ކޭސީ ބުންޏެވެ. "އޭނަ ބޭނުންވާ ގޮތަށް އާއިލާއެއް ލިބުމަކީ އެންމެ ބޮޑު އުފަލަށްވާނެ."

އޯކޭޑީއެޗްއެސްއާ ގުޅިގެން ޖޯޑަން އެޑޮޕްޓްކުރާނެ ބަޔަކު ހޯދުމުގައި އެހީތެރިވާ ޗައިލްޑް ވެލްފެއާ ސްޕެޝަލިސްޓް ކްރިސްޓޯފާ މާލޯވީ ބުނިގޮތުގައި ވަރަށް އަވަހަށް އާއިލާއެއްގެ ތެރެއަށް ޖޯޑަން އަށް ދެވޭނެ އެވެ. އެގޮތުން ޝައުގުވެރިކަން ފާޅުކުރި މީހުންގެ މައުލޫމާތުތައް ދިރާސާކޮށް، ނަންތަކެއް ޝޯޓްލިސްޓްކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށް ބުންޏެވެ.

"ޖޯޑަން އަކީ ހަމަ އެންމެ ކުއްޖެއްގެ ވާހަކަ. މިކަހަލަ ކިތަންމެ ކުދިންނެއް އެބަތިބި. އެ ކުދިން އެޑޮޕްޓްކުރާނެ މީހުން ވެސް ހޯދަން ޖެހޭ." އޭނާ ބުންޏެވެ.

އޮކްލަހަމާގެ ފޯސްޓަ ކެއާތަކުގައި މިހާރު ވެސް 7،700 ކުދިން އެބަތިއްބެވެ. މީގެ ތެރެއިން 500 ކުދިންނަކީ އެޑޮޕްޝަނަށް ފުރުސަތު އޮތް ކުދިންނެވެ.