Roadha Mihaaru
ފަސް ބެއިން އެޑަޕްޓްކޮށްގެން އުޅޭ ޒުވާނެއް

ފަސް ބެއިން އެޑަޕްޓްކޮށްގެން އުޅޭ ޒުވާނެއް

07 ނޮވެމްބަރ 2020

އުމުރުން 29 އަހަރުގެ ރޮބަޓް ކާޓާ އެއްބަނޑު އެއްބަފާ ފަސް ބެއިން އެޑޮޕްޓް ކޮށްގެން އުޅޭތީ މީޑިއާގެ ސަމާލުކަން ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުމުރުން 29 އަހަރުގެ ރޮބަޓް ކާޓާ އެއްބަނޑު އެއްބަފާ ފަސް ބެއިން އެޑޮޕްޓް ކޮށްގެން އުޅޭތީ މީޑިއާގެ ސަމާލުކަން ލިބިއްޖެ އެވެ.

އެމެރިކާގެ އޮހައިއޯގައި ދިރިއުޅޭ ކާޓާ އަކީ ވެސް އަމިއްލަ މައިންބަފައިންގެ ބަދަލުގައި އެހެން ބަޔެއްގެ ހަވާލުގައި ހުރެ ބޮޑުވި މީހެކެވެ. އެއީ އުމުރުން އެންމެ 12 އަހަރުން ފެށިގެންނެވެ. އެއްބަނޑު އެއްބަފާ އަށް ބެއިންނާ ވަކިވާން ޖެހުމުގެ ހިތްދަތިކަން ކާޓާ އަށް ވަރަށް ރަނގަޅަށް އިހުސާސްކުރެވެ އެވެ.

އޭނާ އެންމެ ފުރަތަމަ ތިން ކުއްޖަކު އެޑޮޕްޓްކުރީ 2018 ގަ އެވެ، އެއީ އެއް އާއިލާއެއްގެ ތިން ފިރިހެން ކުދިންނެވެ. އޭގެ ދުވަސްތަކެއް ފަހުން ކާޓާ އަށް އެނގުނީ އެ ތިން ބެއިންނާ އެއްބަނޑު އެެއްބަފާ އަދި އަންހެން ދެބެއިން ވެސް ތިބި ކަމެވެ. ފަހުން އޭނާ ނިންމީ ދެ އަންހެން ކުދިން ވެސް އެޑޮޕްޓްކުރާށެވެ. އެހެންވެ އެ ކުދިން ގެންގުޅުނު މީހާ އަށް ގުޅައިގެން އެއް ދުވަހަކު ހުރިހާ ކުރިން ބައްދަލުކުރުވީ އެވެ.

"އެ ދުވަސްވީ ވަރަަށް ޖަޒުބާތުކޮށްލި ދުވަހަކަށް. ފަސް ކުދިން އެކަކު އަނެކަކަށް ބައްދައި، ދޫކޮށް ނުދާން އުޅުނު ތަން ފެނުނީ. އެއީ ލޮލުން ކަރުނަ ވަރަށް ބޮޑަށް ހިލުނު ދުވަހެއް،" ކާޓާ ބުންޏެވެ. "އެ ދުވަހު އެ ފަސް ކުދިންގެ ފަރާތުން ފެނުނީ އަހަންނާއި އެއްބަނޑު އެއްބަފާ އަށް މީހުންނާ ދިމާވި ނަމަވެސް ހަމަ ކަންތައްތައް ވާނެ ގޮތް. އެ ހިސާބުން އަސްލު އަނެއް ދެ ކުދިން ވެސް އާއިލާ އަށް ނަގަން ނިންމީ."

ކާޓާ އެޑަޕްޓްކުރި ފަސް ކުދިންނާ އެކު.

ކާޓާ އެޑަޕްޓްކުރި ފަސް ކުދިންނާ އެކު.

ކާޓާ ބުނި ގޮތުގައި އޭނާގެ އާއިލާ މިހާރު ވަރަށް އުފާވެރި އެވެ. ފަސް ކުދިން އެކުގައި އެހާ ލޯބިން އުޅޭތަން ފެނުމަށް ވުރެ ވަކިން އުފާވާ ކަމެއް ނެތެވެ. ދެ އަންހެން ކުދިން އެޑޮޕްޓްކުރީ މިދިޔަ މަހުގެ 30 ގަ އެވެ. ކާޓާ ދަރިންގެ ގޮތުގައި ގެންގުޅޭ ފަސް ކުދިންނަކީ މެރިއާނާ، 10، ރޮބަޓް ޖޫނިއާ، 9، މަކޭލާ، 8، ޖިވާނީ، 5، އަދި ކިއޮންޓޭ، 4، އެވެ.

ކާޓާ ބުނި ގޮތުގައި ފަސް ކުދިންނަކީ މިހާރު އޭނާގެ ދުނިޔެ އެވެ. ހުރިހާ އުފަލެއް ވަނީ އެ ކުދިންނާ އެކީގަ އެވެ.

"އަހަރެން ވެސް އަދި ވަރަށް ޒުވާން. އަހަރެން ކަހަލަ އުމުރުން އެންމެ ނަވާވީސް އަހަރުގެ މީހަކު ފަސް ކުދިން އެޑޮޕްޓްކޮށްގެން އުޅޭކަން އެނގުނީމަ ބައެއް މީހުން ކަންބޮޑުވުން ވެސް ފާޅުކުރޭ،" އޭނާ ބުންޏެވެ. "އެކަމަކު މި ކުދިން ގެންގުޅުމަކީ އަހަރެންގެ ހުރިހާ ވެސް އުފަލަކީ. ކުދިންގެ ޒިންމާތައް އަހަރެން ވަރަށް ފުރިހަމަ އަށް ނަގަން މަސައްކަތް ކުރަން."

ކާޓާ ކިޔައިދިން ގޮތުގައި އަމިއްލަ އަށް ކުދިންތަކެއް އެޑޮޕްޓްކުރަން ނިންމީ ވެސް އެކަން ވާނެކަމާ ދޭތެރޭ އޮތް ޔަގީންކަމެއްގެ ބޮޑުކަމުންނެވެ.

ކާޓާ އެޑަޕްޓްކުރި ކުދިންތަކަކާ އެކު.

ކާޓާ އެޑަޕްޓްކުރި ކުދިންތަކަކާ އެކު.

"ފުރަތަމަ ޖެހިލުންވި. އެކަމަކު އަހަންނަށް އެނގޭ މިކަން އަހަންނަށް ވާނެކަން،" އޭނާ ބުންޏެވެ. "ކުދިންތަކެއް އެޑޮޕްޓްކުރުމުގެ މަރުހަލާތަކަކީ ފަސޭހަކަމެއް ވެސް ނޫން. ވަރަށް އުފާވި ފަސް ކުދިންގެ ކަންކަން އެއްކޮށް ހަމަޖެހި އާއިލާއެއްގެ ގޮތުގައި މިހާރު އުޅެވޭތީ."

ކާޓާ ބުނިގޮތުގައި ރޭގަނޑު ނިދާފައި ހެނދުނު ހޭލާ އިރު ކުދިން ފެނުމަކީ ހިތަށް މިހާރު ލިބޭ އެންމެ ބޮޑު ފިނިކަމެވެ.

"ކުދިންތަކެއް ގެންގުޅުމަކީ މީހާ އަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވައިދޭ ކަމެއް." އޭނާ ބުންޏެވެ.

ކާޓާ މިހާރު އަންނަނީ ފަސް ކުދިންނާ އެކު ދިރިއުޅެން ހެޔޮވަރު ގެއެއް ގަންނަން ވެސް މަސައްކަތްކުރަމުންނެވެ. އެކަމަށް އާންމުންގެ އެހީ އަށް އެދި އޭނާ ވަނީ ގޯފަންޑްމީ ޕޭޖްގައި ފައިސާ އެއްކުރުމުގެ ކެމްޕޭނެއް ވެސް ފަށައިފަ އެވެ. އެއަށް މިހާރު 75،000 ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބިފައިވެ އެވެ. އަމާޒަކީ މަދުވެގެން 150،000 ޑޮލަރު ހޯދުމެވެ.

"އާންމުންގެ ފަރާތުން މިކަމަށް ލިބޭ ސަޕޯޓް ވަރަށް ރަނގަޅު." ކާޓާ ބުންޏެވެ.