އަތަމާ މެރިން އިންޓަނޭޝަނަލްގެ ބ. ކިހާދުއްފަރު އައިލެންޑް ރިސޯޓް ސަބްލީޒް އުސޫލުން ހިންގަމުން އަންނަ ކުންފުނި އެ ރަށުން ފޭބުމަށާއި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) އަތަމާ އަށް ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
11 ޖޫން 2017
އަތަމާ މެރިން އިންޓަނޭޝަނަލްގެ ބ. ކިހާދުއްފަރު އައިލެންޑް ރިސޯޓް ސަބްލީޒް އުސޫލުން ހިންގަމުން އަންނަ ކުންފުނި އެ ރަށުން ފޭބުމަށާއި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) އަތަމާ އަށް ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
އަތަމާ އަށް ސަރުކާރުން ދޫކޮށްފައިވާ ކިހާދުއްފަރު ރިސޯޓް ސަބްލީޒް އުސޫލުން ދޫކޮށްފައި އޮތީ އެމްއެޗް ލޫލޫ ނަމަކަށް ކިޔާ ރާއްޖެއިން ބޭރުގެ ކުންފުންޏަކަށެވެ. އެތަން ހިންގުމުގެ އެއްބަސްވުން މިދިޔަ ޑިސެމްބަރު މަހު އަތަމާ އިން ބާތިލްކުރީ އެމްއެޗް އިން ދައްކަންޖެހޭ ކުލި ދައްކާފައި ނުވާތީ އެވެ.
އެރަށުން އެމްއެޗް ކުންފުނި ބޭރު ކުރުމަށާއި ކުއްޔާއި ޖޫރިމަނާ ހޯދަން އަތަމާ އިން ކޯޓަށް ދިއުމުން މިދިޔަ ފެބްރުއަރީ މަހު ދަށު ކޯޓުން އެންގީ 10 ދުވަސް ތެރޭގައި އެމްއެމް ކުންފުނި އެރަށުން ފައިބައި، އަތަމާ ކުންފުންޏާ އެރަށް ހަވާލު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެރަށުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ޑޮލަރު ދައްކަން ވެސް އެ ހުކުމުގައި ވަނީ އަންގައިފަ އެވެ.
އެ މައްސަލަ އެމްއެޗް ލޫލޫ އިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ އެއްބަސްވުމުގެ ދަށުން އެމްއެޗް ކުންފުނިން ދައްކަންޖެހޭ ލީސް ރެންޓާއި ގަވަމެންޓް ރެންޓް ނުދައްކައިފި ނަމަ އެއީ އެއްބަސްވުން ބާތިލް ކުރެވިދާނެ ސަބަބެއް ކަމަށް އެއްބަސްވުމުގައި ބުނާ ކަމަށެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލީސް ރެންޓުގެ ގޮތުގައި އަތަމާ އަށް ދައްކަންޖެހޭ 453،000 ޑޮލަރު އެމްއެޗް ކުންފުނިން ދައްކާފައިނުވާ ކަން، އެ ފައިސާ ޖަމާ ކުރަންޖެހޭ ބޭންކް ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ސިވިލް ކޯޓުގައި ބުނެފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން އެއްބަސްވުން ބާތިލް ކުރިކަން އަންގައި، އަތަމާ އިން ފޮނުވި ނޯޓިސްއަކީ އެއްބަސްވުމުގެ ދަށުން އެ ފަރާތަށް ލިބިގެންވާ އިހްތިޔާރުގެ ދަށުން ފޮނުވި ނޯޓިހެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެއްބަސްވުން ނިމުމަކަށް އައިސްފައިވާތީ އެރަށް އަތަމާއާ ހަވާލު ކުރުމަކީ އެމްއެޗް ކުންފުންޏަށް ލާޒިމް ކަމެއް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައިވާ ގޮތުން ކުލީގެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ވެސް ދަށު ކޯޓުން ނަގައިދީފައިވަނީ ރަނގަޅަށެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަމީދެވެ.
ކިހާދުއްފަރު ރިސޯޓަކީ އަތަމާ މެރިން ކުންފުނިން ދައްކަންޖެހޭ 700 މިލިއަން ރުފިޔާގެ ލޯނަކަށް ރަހުނު ކޮށްފައިވާ ރިސޯޓެކެވެ. އެ ލޯނުގެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.
ކިހާދުއްފަރު ސަރުކާރަށް ނެގުން ކޯޓުން ހުއްޓުވައިފި
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު
ދިއްފުށީފަޅުގެ މަސައްކަތް މަޑުޖެއްސުމުގެ އަމުރެއް ނުދިން
ޔޮޓް ޓުއާސް 29 މިލިއަން ޑޮލަރުން ސަލާމަތެއް ނުވި
ޒިޔަތުގެ އާއިލީ ކުންފުންޏަކަށް ދިން ފައިސާ ދައުލަތަށް
ދިއްފުށީ ފަޅުގެ މަސައްކަތް ހުއްޓުވީ ރަނގަޅަށް:ހައިކޯޓް
އެރިޔަދޫ ވިއްކާލުން މަޑުޖައްސާލަން އެންގީ ރަނގަޅަށް
ޔޮޓް ޓުއާސް އަތުން ބީނާފުށި އަތުލީ ރަނގަޅަށް:ހައިކޯޓް
ކޮންރެޑުން ވަކިކުރި 22 މީހުންނަށް ވަޒީފާއެއް ނުދިން
ބޭރު އާބިޓްރޭޝަންގެ މައްސަލައަކަށް ހައިކޯޓުން އަމުރެއް