Roadha Mihaaru
"ދެން ކޮންމެ ވޯޓެއް ނެގިޔަސް މަސީހު ވަކިކުރާނަން"

ދެން ހުށަހަޅާނީ ކޮންމެ ގޮތަކަށް ވޯޓު ނެގިޔަސް މަސީހު ވަކިކުރެވޭ ގޮތަށް: އިދިކޮޅު ފަރާތްތައް

30 މާޗް 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އިތުބާރު ނެތްކަމަށް ފާސްކުރަން އަނެއްކާވެސް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށާއި އެކަމަކު ދެން ހުށަހަޅާނީ ކޮންމެ ގޮތަކަށް ވޯޓު ނެގިޔަސް ކާމިޔާބުވާނެ ކަމުގެ ޔަގީންކަމާ އެކުގައި ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އިތުބާރު ނެތްކަމަށް ފާސްކުރަން އަނެއްކާވެސް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށާއި އެކަމަކު ދެން ހުށަހަޅާނީ ކޮންމެ ގޮތަކަށް ވޯޓު ނެގިޔަސް ކާމިޔާބުވާނެ ކަމުގެ ޔަގީންކަމާ އެކުގައި ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިހާރު ކުރިއަށްދާ، އިދިކޮޅު ފަރާތްތަކުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ވަކިވަކިން މެންބަރުންނާ ސުވާލުކޮށްގެން މި މަހު 27 ގައި ނެގި ވޯޓަކީ ސައްހަ ވޯޓެއް ނޫން ކަމަށާއި އެހެންވެ މަސީހުގެ މައްސަލަ ވަރަށް އަވަހަށް އަލުން ހުށަހަޅާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަވައިދާ ޚިލާފަށް ވޯޓު ނެގި ކަމުގައި ވިޔަސް މަސީހް ވަކިކުރެވޭނެކަން އިދިކޮޅު ފަރާތްތަކުން ޔަގީންކުރާނެ އެވެ. މަޖިލީހުގެ މި ހިނގާ ދައުރު ނިމުމުގެ ކުރިން މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަސީހުގެ މައްސަލަ ހުށަހެޅުމުގައި އިސްކޮށް ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވެސް މި ބައްދަލުވުމުގައި ވިދާޅުވީ 27 ވަނަ ދުވަހު މެންބަރުން ވޯޓު ދިނީ ސަރުކާރުގެ ފިއްތުންތަކާއި ބިރުވެރިކަމުގެ ތެރޭގައި ކަމަށާއި އެކަމަކު ދެން ހުށަހަޅާއިރު ސަރުކާރުން ކޮންމެ ގޮތަކަށް އަމަލުކުރިޔަސް ކާމިޔާބުކުރެވޭނެކަން ޔަގީންކުރައްވާނެ ކަމަށެވެ.

ފާރިސް ވިދާޅުވި ގޮތުގައި އެންމެ ފަހުން ނެގި ވޯޓަކީ "ވޯޓެއް ނޫނެ"ވެ. އަދި ސަރުކާރުން މިހާރު ދަނީ އިދިކޮޅު ފަރާތްތަކުގެ މެދުގައި ޚިލާފްތައް ހުރިކަން ދައްކަން އެކި ކަންކަން ކުރަމުން ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފާރިސް އާއި އިބޫ ވެސް ވިދާޅުވީ ލީޑަރުންނާއި ސިޔާސީ ފަރާތްތައް ޕޮލިހަށް ހާޒިރުކޮށް ތަހުގީގުކުރަނީ ބިރުދައްކަން ކަމަށާއި އެކަމަކު އެއިން އެއްވެސް ކަމަކުން ބިރު ނުގަންނާނެ ކަމަށެވެ. އަދި މުއައްސަސާތަކުން މިފަދަ ބިރު ދެއްކުން ހުއްޓާލުމަށް ގޮވައިލެއްވި އެވެ.

އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ފާރިސް މައުމޫން (ވ) ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ފާރިސް މައުމޫން (ވ) ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

"އެކިއެކި މުއައްސަސާތައް ބޭނުންކޮށްގެން ލީޑަރުންނަށް ބިރު ދެއްކުން ހުއްޓާލާށޭ. އޮއިވަރު މި އޮތީ ބަދަލުވެފައޭ،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސީހު ވަކިކުރުމަށް ބޭނުންވާ މިންވަރަށް ވޯޓު ހޯދަން މެންބަރުންނާ މިހާރުވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު ސަރުކާރާ ގުޅިވަޑައިގެންފައިވާ މެންބަރުން އަނބުރާ ގެންނަން ވާހަކަ ދައްކާނެ އެވެ. އަދި އޭގެ ތެރެއިން އަލުން ގޮނޑިއަށް ވާދަކުރައްވަން ބޭނުންފުޅުވާ މެންބަރުންނަށް އެ ފުރުސަތު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސިޔާސީ މައްސަލަތައް ހައްލުކުރަން އިދިކޮޅު ފަރާތްތަކުން މަޝްވަރާކުރަން ބޭނުން ނަމަ އެ ފުރުސަތު އޮންނާނެ ކަމަށް ސަރުކާރުން މިއަދު ބުނެފައި ވާތީ އެކަމަށް ރައްދު ދެއްވަމުން އިބޫ ވިދާޅުވީ އެއީ އިދިކޮޅު ފަރާތްތަކުން ހަރަކާތްތައް އިތުރުކުރުމާ އެކު ކޮންމެ ފަހަރަކު ވެސް ސަރުކާރުން ދައްކާ ވާހަކައެއް ކަމަށެވެ. އަދި "އެކަން މިހާރު ޖޯކަކަށް ވެއްޖެ" ކަމަށް ވެސް ވިދާޅުވި އެވެ.

މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވޭނީ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނަށް ކަމަށް ސަރުކާރުން ބުނެފައި ވާތީ، ޕީޕީއެމް އިން ވަކިކޮށްފައިވާ ކުރީގެ ރައީސް މައުމޫނަށް ބައިވެރިވެވަޑައިގެންނެވޭތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އިބޫ ވިދާޅުވީ މައުމޫނަކީ ޕީޕީއެމްގެ އެންމެ އިސް ފަރާތް ކަމަށެވެ. އަދި މަޝްވަރާގައި ބައިވެރިވާނެ ބަޔަކު ކަނޑައެޅުމަކީ ސަރުކާރަށް އޮތް ބާރެއް ނޫން ކަމަށް، ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މައުމޫނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ނުލައި ސަރުކާރާ އެކު ވާހަކަތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި މަޝްވަރާގައި ބައިވެރިވާ ނަމަ އެކަން ވާނީ އިދިކޮޅު އެ ހަތަރު ލީޑަރުންނާއި އެ ލީޑަރުން ކަނޑައަޅުއްވާ ބޭފުޅުން ބައިވެރިކޮށްގެންނެވެ. އެކަމަކު ސަރުކާރުން ބުނާ މަޝްވަރާއަށް ވަގުތު ހުސްކުރުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ރިޔާޒް ސިފަކުރެއްވި އެވެ.