Roadha Mihaaru
އދ.ގެ އަންހެނުންގެ ކޮމިޝަނުން އީރާން ބޭރުކޮށްފި

އދ.ގެ އަންހެނުންގެ ކޮމިޝަނުން އީރާން ބޭރުކޮށްފި

15 ޑިސެމްބަރ 2022

އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ، އދ.ގެ ކޮމިޝަނުން އީރާން އިއްޔެ އިން ފެށިގެން ބޭރުކޮށްލައިފި އެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ، އދ.ގެ ކޮމިޝަނުން އީރާން އިއްޔެ އިން ފެށިގެން ބޭރުކޮށްލައިފި އެވެ.

އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ދަށުން އުފައްދާފައި އޮންނަ، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިޔޫ) އިން އީރާން ބޭރުކޮށްލީ، އެ ގައުމުގެ އަންހެނުންގެ ހައްގުތައް އީރާން ސަރުކާރުން ތަކުރާރުކޮށް ނިގުޅައިގަންނަމުންދާ މައްސަލައިގަ އެވެ. އެ ކޮމިޝަނުން އީރާން ބޭރުކޮށްލުމަށް ގޮވާލައި، ޖުމްލަ 54 މެންބަރު ގައުމު ހިމެނޭ، އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލަށް އެމެރިކާ އިން ހުށަހެޅި ގަރާރު، ފާސްވީ 29 ގައުމުގެ ތާއީދާ އެކުގަ އެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ އެންމެ އަށް ގައުމެވެ. ވޯޓުގައި 16 ގައުމު ބައިވެރިނުވެ އެވެ.

ސީއެސްޑަބްލިޔޫ އިން އީރާން ބޭރުކޮށްލުމަށް ފާސްކުރުމާ ގުޅިގެން، އދ. ގައި ހުންނަވާ އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިކަން ކޮށްދިނުމަށް އެދި އީރާންގެ އަންހެނުންނާއި، އަންހެނުންގެ ހައްގުތަކުގެ ހިމާޔަތުގައި އުޅޭ ހަރަކާތްތެރިން އެމެރިކާގައި އެދިފައިވާ ކަމަށެވެ. އެހެންކަމުން މިއަދު މިވަނީ އެކަންތައް ކޮށްދެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް ކައުންސިލްގެ މި ނިންމުމާ ގުޅިގެން އީރާނުން ބުނީ އެއީ ނާއުންމީދީ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން އެ ގާއިމުކުރެވެނީ ނުބައި އާދައެއް ކަމަށް ވެސް އީރާނުން ބުންޏެވެ. ސީއެސްޑަބްލިޔޫ އިން އީރާން ބޭރުކޮށްލުމަށް ނިންމި ނިންމުން ދެމިއޮންނާނީ، އެ ކޮމިޝަންގެ މިހާރު ހިނގަމުންދާ ދައުރު 2026 ގައި ހަމަވުމާ ހަމައަށެވެ.

އަންހެނުންގެ ހައްގުތަކާ ބެހޭ، އދ.ގެ ކޮމިޝަނުން އީރާން މި ބޭރުކޮށްލީ، އީރާން ސަރުކާރާ ދެކޮޅަށް މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން، އެ ގައުމުގެ އަންހެނުން އިސްވެ ކުރަމުންދާ މުޒާހަރާތައް ރޫޅައިލުމަށް ބާރުގެ ބޭނުންކޮށް ގިނަ ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށެވެ.

އީރާންގެ ސަރުކާރާ ދެކޮޅަށް އީރާންގައި މުޒާހަރާތައް ފެށުނީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް، މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި، މަހްސާ (ޒީނީ) އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ. އޭނާ މަރުވީ، ފުލުހުންގެ އަނިޔާތަކުން އޭނާގެ ސިކުޑިއަށާއި އެތެރެ ހަށްޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކޯމާއެއްގައި އޮންނަތާ ތިން ދުވަސް ފަހުން، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

އާންމު ތަންތަނުގައި އުޅޭ އިރު ބުރުގާ އަޅަންވީ ގޮތުގެ ގާނޫނެއް އުފައްދައި އެ ގައުމުގައި އަމަލުކުރަން ފެށީ، 1979 ވަނަ އަހަރު އެ ގައުމަށް ގެނައި އިސްލާމީ އިންގިލާބަށް ފަހުގަ އެވެ. އަންހެނުން މަގުތަކަށް ނުކުންނަނީ އެ ގާނޫނާ އެއްގޮތަށް ހެދުން އަޅައިގެންތޯ ބެލުމަށް، އަޚުލާގީ ފުލުހުންގެ ނަމުގައި، އެ ގާނޫނުގެ ދަށުން، ފުލުހުންގެ ވަކި ޔުނިޓެއް އުފައްދައި، އެ ގާނޫނު ތަންފީޒުކުރަމުން ދެ އެވެ.

ނަމަވެސް މަހްސާގެ މަރާ ގުޅިގެން ކުރަމުންދާ މުޒާހަރާތައް މުޅި އީރާނަށް ފެތުރި، ހަމަނުޖެހުންތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، އަޚުލާގީ ފުލުހުންގެ މަސައްކަތްތައް މެދުކަނޑާލައި، ބުރުގާ އެޅުން މަޖުބޫރުކުރާ ގާނޫނު މުރާޖައާ ކުރަން، އީރާން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ގާނޫނުގައި ހުރި ކަންކަމުގެ ތެރެއިން، ގިނަ ބައެއްގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވަނީ، އާންމު ތަންތަނަށް ނުކުމެ އުޅޭ އިރު ބޮލުގެ އިސްތަށިގަނޑު ނިވައިވާ ގޮތަށް އަންހެނުން ބުރުގާ އެޅުން މަޖުބޫރުކުރާ މާއްދާތަކާ މެދުގަ އެވެ.

އީރާންގެ ބަންޑާރަ ނާއިބު މުހައްމަދު ޖައުފަރު މުންތަޒިރީ ވިދާޅުވި ގޮތުގައި ބުރުގާގެ މައްސަލައިގައި ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގިޔަސް، ބުރުގާ އެޅުން މަޖުބޫރުކުރާ ގާނޫނު އުވައިލުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެ އެވެ. ނަމަވެސް އީރާންގެ ގާނޫނު ހަދާ މަޖިލީހުންނާއި އެ ގައުމުގެ ޝަރުއީ ދާއިރާ އިން، އެ ގާނޫނު އަލުން މުރާޖައާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްސާގެ މަރާ ގުޅިގެން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ހާހަކަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، އިންގިލާބީ ކޯޓުގައި ޝަރީއަތް ހިންގައި، ބައެއް މީހުންގެ މައްޗަށް މިހާރު ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ފަސާދަ އުފެއްދުމާއި، "މާތް ﷲއާ ދެކޮޅަށް އަދާވާތްތެރިވުމުގެ ކުށް" ސާބިތުވެ މަރުގެ ހުކުމް އިއްވި މީހުންގެ ތެރެއިން ދެ މީހަކު މިހާރު ވަނީ ދަން ޖައްސައި މަރައިފަ އެވެ.