Roadha Mihaaru

މާރާމާރީ ހިންގި ފުލުސް މީހާއަށް "ނުނިދޭތާ އެތައް ދުވަހެއް"

ސެލޫނަކަށް ވަދެ މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ފުލުސް މީހާ އެކަން ކުރި އިރު ހުރީ "ހަމަޔަކު ނޫން" ކަމަށާއި އެހެން ދިމާވީ ނުނިދާ އެތައް ދުވަހެއް ވުމުން ކަމަށް ކޯޓުގައި ބުނެފި އެވެ.

މާރާމާރީ ހިންގި ފުލުސް މީހާއަށް ނުނިދި އެތައް ދުވަހެއް

ސެލޫނަކަށް ވަދެ މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ފުލުސް މީހާ އެކަން ކުރި އިރު ހުރީ "ހަމަޔަކު ނޫން" ކަމަށާއި އެހެން ދިމާވީ ނުނިދާ އެތައް ދުވަހެއް ވުމުން ކަމަށް ކޯޓުގައި ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި އަލީ މަނިކު، 43، ގެ ބަންދަށް ފަސް ދުވަސް ދީފައި ވަނިކޮށް އިއްޔެ އަލުން ކޯޓަށް ގެންދިޔަ އެވެ. އެއީ އޭނާގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ ދިނީ ވެސް ހައްޔަރުކޮށްފައި ހުއްޓާ ކަސްޓޯޑިއަލް ތެރެއަށް ވެއްޓި ހަރަކާތް މަދުވާން ފެށުމުން ހޮސްޕިޓަލަށް ގެންގެންގޮސް އެޑްމިޓުރަން ޖެހުމުންނެވެ. އެ ދުވަހު ގާޒީ އަންގަވާފައި އޮތީ ހޮސްޕިޓަލުން ދޫކޮށްލާތާ ގިނަވެގެން 24 ގަޑިއިރު ތެރޭ އަލުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމަށެވެ.

މުސާރަ ނުލިބޭ ގޮތަށް މިހާރު ސަސްޕެންޑްކޮށްފައިވާ އަލީ މަނިކު އިއްޔެ ކޯޓުގައި ބުނީ އޭނާ ހަމަނުޖެހުން ހިންގި ސެލޫނަކީ އޭނާ ކުރިން ވެސް ގޮސް އުޅޭ ތަނެއް ކަމަށެވެ. އެ ދުވަހު ދިޔައިރު ހުރީ ނުނިދާ އެތައް ދުވަހެއް ވެފައި ކަމަށާއި އެހެންވެ ހުރީ ހަމަޔަކު ނޫން ކަމަށް ބުންޏެވެ.

މީގެ ކުރިން ކުށުގެ އެއްވެސް ރެކޯޑެއް ނެތް އަލީ މަނިކު މި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާ އެކުގައި ކަމަށް އިއްޔެ ބުންޏެވެ. އެހެންވެ ގާޒީ ނިންމެވީ ބަންދަށް ކުރު މުއްދަތެއްގެ ގޮތުގައި އިތުރު ފަސް ދުވަސް ދިނުމަށެވެ.

ފުލުހުން ކޯޓުގައި ބުނި ގޮތުގައި އަލީ މަނިކު ވަނީ ސެލޫން ތެރޭ ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުން ދީ އަދި އެކަން ހުއްޓުވަން ދިޔަ ފުލުހަކަށް ވެސް ހަމަލާދީފަ އެވެ. އެ ފުލުސް މީހާއަށް ވެސް އަނިޔާވެފައިވާ ކަމަށް ކޯޓުގައި ފުލުހުން ބުންޏެވެ.