Roadha Mihaaru
ޚާޝުގްޖީ މަރާލުމަށް ވަލީ އަހުދުގެ ރުހުންވަނީ ދީފައި: އެމެރިކާ

ޚާޝުގްޖީ މަރާލުމަށް ވަލީ އަހުދުގެ ރުހުންވަނީ ލިބިފައި: އެމެރިކާ

27 ފެބުރުއަރީ 2021

ވޮޝިންޓަން (ފެބްރުއަރީ 27) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ ހައްޔަރު ކުރަން ނުވަތަ އޭނާ މަރާލުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ރުހުން ވަނީ ދީފައި ކަމަށް އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓުގައި ބުނެފި އެވެ.

ވޮޝިންޓަން (ފެބްރުއަރީ 27) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ ހައްޔަރު ކުރަން ނުވަތަ އޭނާ މަރާލުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ރުހުން ވަނީ ދީފައި ކަމަށް އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓުގައި ބުނެފި އެވެ.

ޖޯ ބައިޑަންގެ ސަރުކާރުގެ ޑިރެކްޓަ އޮފް ނޭޝަނަލް އިންޓަލިޖެންސްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ވަލީ އަހުދު ރަހުން ދީފައި ވަނީ ތުރުކީން ޚާޝުގްޖީ ހައްޔަރު ކުރަން ނުވަތަ މަރާލުމަށް ކަމަށެވެ. މިއީ ޚާޝުގްޖީގެ މަރާ ގުޅިގެން ވަލީ އަހުދުގެ ނަން އެމެރިކާ އިން ރަސްމީކޮށް ގެނައި ފުރަތަމަ ފަހަރެވެ. ސައުދީން ބުނެފައި ވަނީ ޚާޝުގްޖީގެ މަރާ ވަލީ އަހުދާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ޚާޝުގްޖީ ގެއްލިފައި ވަނީ އޮކްޓޯބަރު 2018 ގައި ލިޔުމެއް ހޯދުމަށް ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަން ފަހުންނެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ އެވެ. ފަހުން އެނގުނު ގޮތުގައި ކޮންސިއުލޭޓް ތެރޭގައި އޭނާ ވަނީ މަރާލައިފަ އެވެ.

އުމުރުން 59 އަހަރުގެ ޚާޝުގްޖީ އަކީ ކުރިން ސައުދީ ސަރުކާރުގެ އެޑްވައިޒަރެކެވެ. އަދި ޝާހީ އާއިލާއާ ވެސް ގުޅުން އޮތް މީހެކެވެ. ނަމަވެސް ސައުދީ ސަރުކާރާ މެދު ހިތްހަމަނުޖެހިގެން 2017 ވަނަ އަހަރު ވަނީ އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އޭނާ ދިޔައީ ސައުދީ ސަރުކާރަށް ފާޑުކިޔައި ވޮޝިންޓަން ޕޯސްޓުގައި ކޮލަމެއް ވެސް ލިޔަމުންނެވެ.

ޚާޝުގްޖީގެ މަރުގެ ރިޕޯޓް އެމެރިކާ އިން ނެރުނުތާ އިރުކޮޅެއްގެ ތެރޭގައި ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވަނީ ސައުދީގެ 76 މީހަކާ ދެކޮޅަށް ފިޔަވަޅު އެޅިކަން އިއުލާން ކުރައްވައިފަ އެވެ.

ސައުދީ ސަރުކާރުން ބުނެފައި ވަނީ ޚާޝުގްޖީގެ މަރާ ވަލީ އަހުދު ބިން ސަލްމާންއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އޭނާ މަރާލާފައި ވަނީ ޚާޝުގްޖީ ސައުދީ އަށް އަނބުރާ ގެންދަން ތުރުކީ އަށް ދިޔަ އެޖެންޓުންތަކާ ދެބަސްވެ ހިންގި ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށެވެ. ސައުދީގެ ކޯޓަކުން ވަނީ އެކަމުގައި ބައިވެރިވި ފަސް މީހަކަށް މިދިޔަ ސެޕްޓެމްބަރު މަހު 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ކުރިން އެ މީހުންގެ މައްޗަށް އިއްވީ މަރުގެ ހުކުމެކެވެ.