(ބުދަ ދުވަހާ ގުޅޭ)
14 ޑިސެމްބަރ 2025
(ބުދަ ދުވަހާ ގުޅޭ)
އެއީ ފޮނުގަނޑެއް ނޫނެވެ. މަޑު އަލިކަމެއް ހުރި އަލިގަނޑުތަކެކެވެ. ފޮނުގަނޑު ތެރެއިން ބޭރަށް ނުކުތުމާ އެކު، އަލިގަނޑުތައް ބައިބައިވެ، ބިއްލޫރިކުލައިގެ އަސްތަކަކާއި ކޮކާތަކެއް ކަހަލަ އެއްޗެހިތަކަކަށް ބަދަލުވިއެވެ.
އެއީ އާންމުކޮށް ފެންނަ ކަހަލަ އަހެއް ނުވަތަ ކޮކާލެއް ވެސް ނޫނެވެ. ފުރަތަމަ ހުރީ ކުދިކޮށެވެ. ރާޅުގެ ތެރެއިން ބޭރަށް ނުކުންނަ ވަރަކަށް ބިޔަވަމުންއައެވެ. އަޑެއްބަޑެއް ނީއްވައި އަސްތައް އައިސް އަންޖަލް ވަށައިލިއެވެ. ކޮކާތައް އެރީ މައްޗަށެވެ. ހީވީ ވަށައިގެން ހުދު މުކައްބައެއް ޖެހިހެންނެވެ. އޭގެ ތެރެއިން ބޭރަށް ނުވަތަ ބޭރުން ތެރެއަށް އެއްޗަކަށް ވަދެވޭނެ ގޮތެއް ނެތެވެ.
ދެން އިވުނީ އަންޖަލްއަށް ކުރިން ނީވޭ ކަހަލަ އަޑެކެވެ. ވައްތަރީ ބެރުދުންމާރިތާޅަފިލީގެ އަޑާއެވެ. ހީވާ ކަހަލައެވެ. ކޮންމެވެސް ކަމެއް އިއުލާނުކުރީއެވެ. އެއާ އެކު މުކައްބައިގެ ހުދު ފަށަލައިގެ ތެރެއިން ބާގަނޑެއް ހުޅުވުނެވެ. އުދުހިފައި އައި އެއްޗެއް އެ ބާގަނޑު ތެރެއިން ވަދެ، ބިމަށް ތިރިކޮށްލިއެވެ. އެއީ ބަރުގާންއެވެ. އޭނަ ހުރީ، އަތީލާއާ ކައިވެނިކުރި އިރު ހުރި ކަހަލަ ހެދުމެއްގައެވެ. އުނަގަނޑުގައި ވަރުގަދަ ކަނޑިއެއް އޮތެވެ. ހީވަނީ ހަނގުރާމައަކަށް ތައްޔާރުވެގެން ހުރި ފަހުލަވާނެއް ހެންނެވެ.
"ތީ ކޮން ވަޑާމެއް؟" އަންޖަލްއަށް ބުނެވުނެވެ.
"އިސްޖަހައިގެން، އަދަބުވެރިކޮށް ވާހަކަ ދައްކާ،" އަސްމަތިން ފުންމައިލި ސާރިދޯޅަކާ ވައްތަރު މީހެއް ކަހަލަ އެއްޗެއް ދިވެހި ބަހުން ބުންޏެވެ. "ތި ވާހަކަދެއްކެނީ އަހަރުމެންގެ ހަސްބަރާޒާ ސުލްތާން ބަރުގާން ޝާހް ސޫރީއާ!"
އޭނަޔާ ދިމާއަށް ބަރުގާން ހަޅޭއްލައިގަތެވެ. އަންޖަލް ނުދަންނަ ބަހަކުން އެއްޗެހިތަކެއް ކިޔާފައި، އެއް ތަންކޮޅު ދިވެހިބަހުން ވެސް ބުނެލިއެވެ.
"ތި ވާހަކަ ދެއްކެނީ ކަލޭމެންގެ ރާނީއަކާ!" ބަރުގާން ބުންޏެވެ. "އަދަބުވެރިވޭ!"
ކުރިން ވާހަކަ ދެއްކި "މީހާ" އިސްޖަހާލައިގެން، ދެ ފިޔަވަޅެއް ފަހަތަށް ޖެހިއެވެ. އަންޖަލްއަށް އަދަބުވެރިކަމާ އެކު ގުދުވި ގޮތަކަށް ދެނެއް ނުތެދުވިއެވެ.
"ރާނީއެކޭ؟ އަހަރެން؟" އަންޖަލް ބުނެލިއެވެ. "ނުދެނަ ހުރިން. މި ހުރިހާ އެންމެން ގޮވައިގެން ކީއްކުރަން މި ތަނަށް ތި އައީ؟"
"ތީ ތާ މައްސަލައަކީ،" ބަރުގާން ބުންޏެވެ. "އަންޖޫއަށް ނޭނގޭ އެއްޗިހި ހާދަ ގިނައޭ! އަހަރެން އުޅުނީ އެކަނި އަންނަން. އެކަމަކު އަހަރުމެންނާ ހަނގުރާމަ ކުރަން ބަތޫރު ބަޔަކު ހައްލައި، ލަޝްކަރެއް ތައްޔާރު ކޮށްފި. ކޮންމެ ވަގުތަކު ވެސް ހަމަލާދީފާނެ. އެހެންވެ، ރަސްމީ ހައިސިއްޔަތުން މިރޭ އަންނަން މި ޖެހުނީ ހުރިހާ ފާރަވެރިންނާ އެކީގައި. މި ވަގުތު އަހަންނަކީ އަންޖޫ ދަންނަ ބަރުގާންއެއް ނޫން. ހަސްބަރާޒާގެ ސުލްތާން."
"އެއީތަ އެ ރަށަށް ކިޔާ ނަމަކީ؟" ހައިރާންވެފައި އަންޖަލް ބުންޏެވެ. "އަދި އެއް ފަހަރު ކިޔާބަލަ! ބަރުގާންގެ ތި ދިގު ނަން ވެސް ކިޔާބަލަ!"
"އަންޖޫ! އެ ނަންތަކެއް ނޫނޭ މުހިންމީ،" ބަރުގާން ބުންޏެވެ. "އަންޖޫއަށް އެނގޭތަ އަންޖޫގެ ދަރިފުޅަށް ކިހާ ބަޔަކު ލޯ އަޅައިގެން އެބަ ތިބިކަން؟ ވެރިކަމަށް ފެންބޮވައިގެން އުޅޭ ބަތޫރު ބޭނުމެއް ނޫން ތި ދަރިފުޅު ދުނިޔެއަށް ނޭވާލާކަށް. އެހެރަ ތާމިރުގެ ވެސް ހަމަ އެކަނި އަމާޒަކީ ތި ދަރިފުޅު. ތާމިރުގެ އަންހެނުން ހުންނަނީ އިންޑިޔާގަ. އޭނައަކަށް ކުދިންނެއް ނުލިބޭ! އެހެންވެ އަންޖޫއާ އިންނަން ތާމިރު އެ އުޅެނީ. އެހެންވެ އަންޖޫއަށް ވުރެ އަންޖޫގެ ދަރިފުޅު ދެކެ ތާމިރު ލޯބިވަނީ."
އަންޖަލް ވިސްނައިލިއެވެ. އެ ވާހަކަތައް ގަބޫލު ކުރާކަށް އަންޖަލްއަކަށް އުނދަގުލެއް ނޫނެވެ. ނުވާ ތާކަށް، ބަރުގާން ކުރިން އޮތީ ސުރުހީ ވެސް އަޅައިފައެވެ.
"އެއީ ދޯ އަހަރެންގެ ދަރިފުޅާ ހެދި ތާމިރު އެހާ ވަރުން އެ އުޅޭ ކަމަކީ؟" އަންޖަލްއަށް ބުނެވުނެވެ.
"އާނ! އަންޖޫ ވިހާ އިރަށް އަންޖޫއާ ތާމިރު އިންނާނެ،" ޔަގީންކަމާ އެކުގައި ބަރުގާން ބުންޏެވެ. "އިންނަ ގޮތަށް ފުރާނީ އިންޑިޔާއަށް. މާލެއަށް އަންނާނީ އަންޖޫ އެކަނި. ކައިވެނި އެ ހިސާބުން ނިމުނީ."
އެ ވަގުތު މަހެއް ބޭނިގެން ތާމިރުއާ އެކުގައި އަންޖޫގެ ކޮއްކޮމެން ވެސް ހަޅޭއްލަވައިގަތެވެ.
"އެހެރީ އޭނަ އުޅޭ ވައްތަރު،" ތާމިރުއަށް ބަލައިލަމުން ބަރުގާން ބުންޏެވެ. "އޭނައަކަށް އަންޖޫއެއް ވެސް، އަންޖޫގެ ދަރިއެއް ވެސް ނުބެލެހެއްޓޭނޭ އަންޖޫ! ތި ކައިވެނި ކުރާނެ ކަމެއް ނެތް. އަހަންނާ އެއްކޮށް ހިނގާ!"
"އަހަރެން ތިހާ ގެންދަން ބޭނުމިއްޔާ، ކީއްވެ އަތީލާއާ އިނީ؟" އަންޖަލް އެހިއެވެ.
"އާނ! ތީ ރަނގަޅު ސުވާލެކޭ!" ބަރުގާން ބުންޏެވެ. "އަންޖޫ ބުނެބަލަ! ކީއްވެ އިނީ؟ އަންޖޫ އިންނާށޭ ބުނީމަ."
އަންޖަލް އެ ހަނދާންވިއެވެ. ވިސްނަން އިނދެވުނެވެ.
"ވިސްނާކަށް ވަގުތެއް ނެތޭ އަންޖޫ!" ބަރުގާން ބުންޏެވެ. "ތާމިރު އެބަ އުޅޭ އަންޖޫއަށް ރުގުޔާ ކުރަން. ކޮށްފިއްޔާ، އަހަންނަށް އަންޖޫ ގެއްލޭނެ. ދެން ނޯންނާނެ ފެންނާނެ އެއްވެސް ގޮތެއް. އެކަމަކު ބަތޫރު ކޮންމެވެސް ގޮތަކުން އަންޖޫ ހޯދާނެ. އޭގެ ކުރިން އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު ސަލާމަތްކުރަން."
މުޅި ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. ބަރުގާން ބޭނުންވީ ދުނިޔެ ނުވަތަށް އެނބުރޭށެވެ. ބުނެވުނު ބަސް އަނބުރައި ގެންނާށެވެ. އަންޖަލް ހައިރާންވެފައި ބަލަހައްޓައިގެން އިނެވެ.
"ކީކޭ ތި ބުނީ؟" އަންޖަލް ސުވާލުކުރިއެވެ. "މީ ބަރުގާންގެ ދަރިއެއް ނޫނެއްނު! ރާއިފުއޭ އަހަންނާ އިނީ."
"ތިހެން ނަމަ ކިހާ ރަނގަޅުވީސް؟" ބަރުގާން ބުންޏެވެ. "އެކަމަކު އަންޖޫ އިނީ އަހަންނާ! ފިނޮޅަށް ދިޔައީ ވެސް އަހަންނާ އެކީގަ. ތި ލޯބި ހޯދަން އަހަރެން ހާދަ މަސައްކަތެއް ކުރީމޭ! އެކަމަކު ކީކޭ އަންޖޫ ބުނީ؟ ލޯބި ވެވޭނީ އެކަކު ދެކެ އެއްފަހަރުއޭ!"
އަންޖަލްއަކަށް ގަބޫލެއް ނުކުރެވުނެވެ. ރާއިފުގެ އެކި ހަނދާންތައް ވަކިވަކީން ހިތަށް ގެނެވުނެވެ.
"ދެން ކޮބާ ރާއިފު؟" އަންޖަލް އެހިއެވެ.
"ބަތޫރުގެ އަތްދަށުން ރާއިފު ސަލާމަތްކުރި އިރު އޭނަ ހުރީ މޮޔަވެފައި،" ބަރުގާން ކިޔައިދިނެވެ. "އެއީ އިންސާނުންނަށް ވާ ގޮތެއް. އަހަރުމެންގެ ބާރުގެ ދަށުގައި އެތައް ދުވަހަކު ގެންގުޅުނީމަ އިންސާނުން މޮޔަވާނެ. އަހަރުމެންނަށް އިންސާނަކު މޮޔަކޮށްލެއްވެންޏާ، މޮޔަވެފައި ހުރި މީހަކު ރަނގަޅު ވެސް ކޮށްލެވޭނެ. މީ ހަގީގަތް. އަންޖޫ ގަބޫލުކުރިޔަސް ނުކުރިޔަސް ހަގީގަތް ބަދަލެއް ނުވާނެ. އަންޖޫއަށް ފެންނާނީ ރާއިފުގެ މޫނު އެކަމަކު އެއީ އަހަރެން. އެހެންވެ އިރުއިރުކޮޅާ އަންޖޫ ބުނަން ޖެހުނީ، ތީ ހަމަ ރާއިފުހޭ؟ ރާއިފު ތިހެނެއް ވާހަކައެއް ނުދައްކާނޭ!"
އެ ކަމާ ވެސް އަންޖަލްއަކަށް ދެކޮޅެއް ނެހެދުނެވެ.
"އަހަރެން ހީކުރީ އަންޖޫގެ ހިތް އަތުލެވޭނޭ،" ބަރުގާން ބުންޏެވެ. "އެ ކަން ނުވާނެކަން ޔަގީންވީމަ ރާއިފު ދޫކޮށްލާފައި އަހަރެން ދިޔައީ. ރާއިފު ހޭލި އިރު އޭނަ އޮންނާނީ ފިނޮޅުގައި. އޭނައަކަށް ކަނޑެއް، މޫދެއް، ބިމެއް، ފަރުބަދައެއް ވަތްކެއް ނުވާނެ. ދެން އަންޖޫ ބުނެފާނެ ކީއްވެެގެންހޭ ރާއިފު ސަލާމަތް ނުކުރީ؟ ސަލާމަތްކޮށްފައި އަނެއްކާ ވެސް އަހަރެން ޖެހޭނީ ރާއިފުއަށް ވާން."
އަންޖަލް އެއްޗެއް ނުބުނެ އެތައް އިރެއް ވަންދެން ބަރުގާންއަށް ބަލަހައްޓައިގެން އިނެވެ.
"ތި ކުރީ ވަރަށް ބޮޑު ކުށެއް،" އަންޖަލް ބުންޏެވެ. "ދުވަހަކު ވެސް މާފެއް ނުކުރާނަން. ބަރުގާންއަށް އެނގޭތަ؟ ލޯބި ކިތަންމެ ބާރުގަދަޔަސް، ގަދަބާރުން ލޯތްބެއް ނުހޯދޭނެ. ވަރަށް ވަރަށް ފޫހިވެއްޖެ!"
ބަރުގާން ބިރުގަތީ އެހެން ވެދާނެތީއެވެ. އެހެނަސް ދެން ފަހަތަށް ޖެހޭކަށް ބަރުގާން ބޭނުމެއް ނޫނެވެ.
"އަހަރެންގެ ކުށަކީ އަންޖޫ ދެކެ ލޯބިވުން،" ބަރުގާން ވަރަށް އޯގާވެރިކަމާ އެކުގައި ބުންޏެވެ. "އެހެންވެ ރާއިފުއަށް ވެގެން އަންޖޫ ގާތަށް އައީ. އެހެންވެ ރާއިފު ދޫކޮށްލާފައި އަހަރެން ދިޔައީ. އެހެންވެ މި ވަގުތު މި ތާ އާދޭސް ކޮށްލަކޮށްލާ މި ހުންނަނީ. ވަށައިގެން ބަލައިލަބަލަ! މުޅި ތަން މި އޮތީ އަހަރެންގެ މުށު ތެރޭގައި. އަހަރެން ބޭނުން ކޮންމެ ތަނަކަށް ސިކުންތެއްގެ ތެރޭގައި އަންޖޫ ގެންދެވިދާނެ. ދެރައީ އަންޖޫ ދެކެ އަހަރެން ވާ ލޯތްބާ، ކުރާ ގަދަރާ، ކުރާ އިހުތިރާމު އަންޖޫއަށް ނޭނގޭތީ. އަހަންނަކަށް ނުކެރޭ ބާރުގެ ބޭނުންކުރާކަށް. ފިނޑިކަމަށް އަމިއްލައަށް އެއްބަސްވެގެން މިރޭ ވެސް ހުސްއަތާ މި ދަނީ އެކަމަކު... އަހަރެންގެ ދަރިފުޅު ބަލަހައްޓަން ފާރަވެރިއަކު ބަހައްޓާނަން. އޭނަ ފައްސާލަން ތާމިރު އެއްވެސް ކަމެއް ކޮށްފިއްޔާ ފަހުން ހިތަށް އަރާނެ، އެ ކަން ނުކުރެވުނު ނަމައޭ!"
"ދޮންތާ! ބަލަ އުހުނ!" ދިމްނާ ބުނި އަޑުއިވުނެވެ.
އަންޖަލް ބަލައިލި އިރު، ދިމްނާގެ ދޮށީގައި ކުޑަ ތޮޅިއެއް ގެންފައި އޮތެވެ. ދެން ބަލައިލި އިރު ބަރުގާން ޖެހުނުތާ ލަކުނު ވެސް ނެތެވެ. މުޅި ތަން އޮތީ ހަމަހިމޭންވެފައެވެ. އެހެނަސް އަންޖަލްގެ ގައި ކައިރިން މީހަކު ދިޔަ ހެން ހީވިއެވެ. ކުއްލިއަކަށް ތޮޅި ނިކަން ބާރަށް ތެޅިގެންފައި ހޫރިގަތެވެ. ދިމްނާ ހަޅޭއްލަވައިގަތެވެ. ދެން ތޮޅިއެއް ނެތެވެ. ކަންވާރުގައި އޮތީ ބުޅި އެކަންޏެވެ.
"ކިހިނެއް އެ ވީ؟" ދިމްނާ އެހިއެވެ.
ދިމްނާ ހީކުރީ ތޮޅި އަމިއްލައަށް ސަލާމަތްވީ ކަމަށެވެ. އެކަމަކު ތޮޅިއެއް ނުފެނުނެވެ. ވީ ގޮތް އަންޖަލްއަށް އެނގުނެވެ. ކަށިހަފާ އަޑު ވެސް އަންޖަލްއަށް އިވުނެވެ.
ހެނދުނުގެ ވަގުތެވެ. އެންމެން ތިބީ ނާސްތާކުރާށެވެ. ކުރީ ރޭ މަސްބޭނުމުގައި ދިމާވި މަޖާކަންތަކާއި، މަސްފިހުމުގައި ހިނގި ކަންކަމުގެ ވާހަކަ ދެކެވުނެވެ. ފައި އެޅުނު ގޮތަކުން ތާމިރުގެ ފަޔަށް ތަދުވި ވާހަކައެއް ވެސް ދެކެވުނެވެ. އެންމެން އެ ވާހަކައިގައި ބައިވެރިވިއެވެ. އަންޖަލް ފިޔަވައެވެ. ތާމިރުއާ ދޭތެރޭ އަންޖަލް ދެކޭ ގޮތް ބަދަލުވެއްޖެއެވެ.
"އަންޖޫ!" ތާމިރު ގޮވައިލިއެވެ. "މޭނުބައިކުރަނީ؟"
"ނޫން!" އަންޖަލް ޖަވާބުދިނެވެ. "އަހަރެން ދަންތަ ޖައްސާލަން؟ ފަހުން ސައިބޯނީ."
"އާނ އަވަހަށް ދޭ!" ތާމިރު ވަގުތުން އެއްބަސްވިއެވެ. "އޭރުން ބޭބީއަށް ރެސްޓުވާނީ."
އަންޖަލް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. އަންޖަލްއާ ޖެހިގެން މީހަކު އޮށޯތް ހެން އަންޖަލްއަށް ހީވިއެވެ. އެނދާއި ބާލީސް ކުޑަކޮށް އަޑިވެލީމައެވެ. އެ ވަގުތު ދަރިފުޅު ސިއްސައިގެންދިޔަ ގޮތަކުން އަންޖަލްގެ ބަނޑުގައި ފައިން ޖެހުނެވެ.
"އައުޗް!" އަންޖަލްއަށް ބުނެވުނެވެ.
ދެން ހީވީ ބަނޑުގައި ބޮނޑިތާން ކުރަން ފެށި ހެންނެވެ. ކުޑަ ހޫނުކަމެއް ވެސް ހުއްޓެވެ. އަންޖަލްއަށް ވަރަށް އަރާމުވިއެވެ. ކުއްލިއަކަށް ދޮރު ހުޅުވައިލާފައި ތާމިރު ވަނެވެ. އޭނަ އަތުގައި ފުޅިއެއް އޮތެވެ.
"އަންޖޫ! މީތި ފައިގަ އުނގުޅައިލަދީބަލަ!" ތާމިރު ބުންޏެވެ.
އަންޖަލް ހިތާދެކޮޅަށް ތެދުވަން އުޅުނެވެ. ނުއެއް ތެދުވެވުނެވެ.
"ރެސްޓުކުރާށޭ ކިޔާފަ ސައިތާނު ކޮން ތާކަށް އެ ދިޔައީ؟" އަންޖަލް ކައިރީގައި ހުރި ތާމިރު ބުންޏެވެ. (ނުނިމޭ)